ބަނބުކެޔޮ: ފައިދާތައް ބައިވަރު، އެކަމަކު މާ ގިނައިން ނުކާތި

ބަނބުކެޔޮ: ދިވެހީންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަލަމަޑީގެ ބާވަތެއް

ބަނބުކޭލަކީ ފަލަމަޑީގެ ބާވަތުގެ ތެރެއިން ދިވެހީންގެ ގިނަ ބަޔަކު ކެއުމަށް އެންމެ ލޯބިކުރާ އެއް ބާވަތެވެ. މި ދުވަސްވަރަކީ ބާޒާރުމަތީ ވެސް ބަނބުކެޔޮ ތިޔާގި ދުވަސްވަރަކަށްވެފައި ގޭގެ ސުފުރާމަތީ ބަނބުކޭލުން ތައްޔާރުކުރެވިފައިވާ ކޮންމެ ވެސް ވައްތަރެއްގެ ބާވަތެއް ހުރުމަކީ އާއްމު ކަމެކެވެ.

ބަނބުކޭލުން ތަފާތު އެކި ވައްތަރު ވައްތަރުގެ ބާވަތްތައް ނަން ހުސްކޮށް ތައްޔާރުކުރެވޭއިރު މިއީ ހަށިގަނޑަށް ކިހާ ފައިދާހުރި ބާވަތެއްކަން އެނގޭހެއްޔެވެ؟

ބަނބުކޭލަކީ މަލްބެރީއާއި ޖެކް ފުރުޓް ނުވަތަ ސައްކެޔޮ އާއިލާއަށް ނިސްބަތްވާ ތަފާތު ބާވަތެކެވެ. ޓްރޮޕިކަލް ސަރަހައްދުތަކުގެ އިތުރުން ޕެސިފިކް އައިލެންޑްސް، ކެރީބިއަން އަދި ދެކުނު އިރުމަތީ އޭޝިއާގެ ސަރަޙައްދުތަކުގައި މި ބާވަތްތައް ލިބެން ހުރުމުން މި ތަންތަނުގެ މައިގަނޑު ކެއުންތަކުގައި ބަނބުކެޔޮ ބޭނުންކުރެއެވެ. ބަނބުކޭލަކީ ވިޓަމިން ސީއާއި ތިއަމިންއިން މުއްސަނދި ފައިބަރު ގިނަ އަދަދަކަށް ހިމެނޭ ބާވަތަކަށްވުމާ އެކު މިއީ އޭޝިއާގެ ޤައުމުތަކުގައި ވެސް ވަރަށް މަގުބޫލު ފަލަމަޑީގެ ބާވަތެކެވެ.

މިއީ ކެންސަރު ބައްޔާ ދެކޮޅަށް މަސައްކަތްކޮށް ހަޖަމުކުރުމަށް އެހީތެރިވެދީ އިންސާނާގެ ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ބާވަތެކެވެ.

މީގެ އިތުރުން، ބަނބުކޭލު ފުށަކީ ގްލޫޓަން ފްރީ އަދި ގްލައިސެމިކް އިންޑެކްސް ދަށް އެއްޗަކަށްވުމުން ހަކުރު ބަލީގެ މީހުންނަށް މިއީ ވަރަށް ރަނގަޅު ކެއުމެކެވެ. ބަނބުކޭލުގައި ހުންނަ ފައިބަރު މާއްދާގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ކުއްލިއަކަށް މަތިވުން ހުއްޓުވައިދެއެވެ.

ބަނބުކެޔޮ ކިރުގަރުދިޔަ -- ފޮޓޯ/ލޮނުމެދު
ބަނބުކޭލުގައި އެކުލެވޭ ނިއުޓްރިޝަނަލް ވެލިއުތަކަށް ބަލާއިރު މިއީ ވިޓަމިންސް، މިނަރަލްސް އަދި އެހެނިހެން މާއްދާތަކުން މުއްސަނދި ބާވަތެކެވެ. އޭގެ ތެރޭގައި ވިޓަމިން އީ، ވިޓަމިން ސީ، ވިޓަމިން ކޭ އަދި ބީ ކޮމްޕްލެކްސް ވިޓަމިން ހިމެނެއެވެ.

އެއްވެސް ކެއުމަކީ އެ ކާން އޮންނަ މިންވަރަށްވުރެ މާ ގިނައިން ކެއުމުން ސިއްހަތަށް ތަފާތު އެކި މައްސަލަތަކާ ކުރިމަތިކުރުވާ ކެއުންތަކެވެ. އެހެންކަމުން ބަނބުކޭލަކީ ވެސް މީރު ކެއުމަކަށް ވިޔަސް މާ ގިނައިން ކައިފިނަމަ ވައިގެ އުނދަގޫތަކާ ކުރިމަތިވެދާނެއެވެ.

ބަނބުކޭލުން ތައްޔާރުކުރެވޭ މަގުބޫލު ކެއުންތަކުގެ ތެރޭގައި ފެނު ކެއްކި ބަނބުކެޔޮ، ތެލުލި ބަނބުކެޔޮ، ބަނބުކޭލު ރިހަ ބަނބުކެޔޮ ބޮނޑިބަތް، ބަނބުކެޔޮ ބަތްޕެން އަދި ފިހުނު ބަނބުކެޔޮ ހިމެނެއެވެ.

comment ކޮމެންޓް