ނިމިދިޔަ އަހަރަށް ވުރެ މިއަހަރުގެ މިހާތަނަށް ހުށަހެޅި މަސްތުވާތަކެތީގެ މައްސަލަތައް މަދުވެފައިވާކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ނިމިދިދިޔަ އަހަރު މަސްތުވާތަކެތީގެ 3،819 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ޖޫން މަހާ ހަމައަށް ވަނީ 945 މައްސަލައެއް ހުށަހަޅާފައެވެ.
ނަމަވެސް މި އަހަރުގެ މިހާތަނަށް އެ މުއްދަތުގައި ހުށަހަޅާފައި ވަނީ މަސްތުވާތަކެތީގެ 843 މައްސަލައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 102 މައްސަލައިގެ ދަށްވުމެކެވެ.
މަސްތުވާތަކެތީގެ މައްސަލަތައް މިއަހަރު ރިޕޯޓުކޮށްފައިވާ އަދަދުތައް:
- ޖެނުއަރީ: 150 މައްސަލަ
- ފެބްރުއަރީ: 126 މައްސަލަ
- މާޗު: 129 މައްސަލަ
- އޭޕްރިލް: 116 މައްސަލަ
- މެއި: 130 މައްސަލަ
- ޖޫން: 175 މައްސަލަ
މަސްތުވާތަކެތީގެ މައްސަލަތަކުގައި މިދިޔަ އަހަރު ރިޕޯޓުކޮށްފައިވާ އަދަދުތައް:
- ޖެނުއަރީ: 130 މައްސަލަ
- ފެބްރުއަރީ: 158 މައްސަލަ
- މާޗު: 168 މައްސަލަ
- އޭޕްރިލް: 180 މައްސަލަ
- މެއި: 161 މައްސަލަ
- ޖޫން: 148 މައްސަލަ
ހަމައެއާއެކު ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މެއި މަހާ އަޅާ ބަލާއިރު، މިދިޔަ ޖޫންމަހު ފުލުހުންނަށް ރިޕޯޓް ކުރި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ މަދުވެފައެވެ.
އެގޮތުން ޖޫން މަހު ވައްކަމުގެ 315 މައްސަލައާއި ފޭރުމުގެ 29 މައްސަލަ ވަނީ ހުށަހަޅާފައެވެ. ނަމަވެސް މެއި މަހު ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަމުގެ 335 މައްސަލައާއި ފޭރުމުގެ 50 މައްސަލައެވެ.
މިކަމާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުށުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރަށް މާބޮޑު ބަދަލެއް ނައިނަމަވެސް މެއި މަހާ އަޅާބަލާއިރު ޖޫން މަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދުވުމަކީ ލިބޭ ހިތްވަރެއް ކަމަށެވެ.
ކަމާބެހޭ އިދާރާތަކުން އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަމަކީ މި މުޖުތަމައުގައި މަސްތުވާތަކެތީގެ ވަބާގައި މީހުން ޖެހޭ މިންވަރު އިތުރުވާ ވާހަކައެވެ. ޚާއްސަކޮށް ހަގު އުމުރުގެ ޒުވާން ކުދިންނެވެ.
މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިއަށް ވަންނަން ހިތަށް އަރާ މީހާ، ތިން ހަތަރު ފަހަރު ވިސްނާލުމަށް ފަހު ރާއްޖޭގައި އެކަން ކުރުމަށް ބިރުގަންނަވަރު ފުލުހުން ކުރަންޖެހޭނެ ކަމަށެވެ.
ހަމައެއާއެކު ޑުރަގު ބޭނުންކުރަން މަގުމަތީގައި އުޅޭ އެންމެންނަކީ ފަރުވާއަށް ހުކުމްކޮށްފައި ތިބި މީހުން ކަމަށާއި ހަރުދަނާ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުނުކުރެވި މަސްތުވާތަކެތީގެ މައްސަލަ ހައްލުނުވާނެ ކަމަށް ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު ވެސް ވަނީ ވިދާޅުވެފައެވެ.