ވަށާޖެހޭ ފަރުވާގެ ނިޒާމެއް ނެތި ޑުރަގުގެ މައްސަލަ ހައްލެއް ނުވާނެ: ސީޕީ

ޕޮލިސް ކޮމިޝަނަރު: އޭނާ ވިދާޅުވީ، ޑުރަގުގެ މައްސަލަ ހައްލުވާނީ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރެވުމުން ކަމަށް -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

ޑުރަގު ބޭނުންކުރަން މަގުމަތީގައި އުޅޭ އެންމެންނަކީ ފަރުވާއަށް ހުކުމްކޮށްފައި ތިބި މީހުން ކަމަށާއި ހަރުދަނާ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުނުކުރެވި މަސްތުވާތަކެތީގެ މައްސަލަ ހައްލުނުވާނެ ކަމަށް ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާއިރު، މާލޭގެ އެކި ގޭގޭގައި 50 އަށްވުރެ ގިނަ އައްޑާ ހަދާފައި ހުރި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެ ތަންތަން މިހާރު ފުލުހުން ވަނީ ބަންދުކޮށްފައެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، ތަކުރާރުކޮށް އެ ކަން ކުރަނީ ކޮން ބައެއްކަން އެނގޭއިރު ވެސް މައްސަލަ ހައްލުނުވާތީ މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވަނީ އެ ކަންކަން ހައްލުނުވަނީ ކީއްވެތޯ ކޮމިޝަނަރުކުރެން ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ކޮމިޝަނަރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި މުޅިން ވެސް އުޅެނީ ފަރުވާއަށް ހުކުމްކޮށްފައި ތިބި މީހުން ކަމަށެވެ.

https://sun.mv/187862

"ހަގީގަތަކީ މިއަދު އަޅުގަނޑުމެން މާލޭގައި ޑުރަގުގެ ކަންތައްތަކުގައި މި އުޅޭ މީހުންނަކީ އޭގެ ތެރެއިން ހަމަ އެންމެންނަކީ ވެސް ފަރުވާއަށް ކޯޓުން ހުކުމްކޮށްފައި ތިބި މީހުން. ފަރުވާގެ ނިޒާމުގެ ތެރޭގައި އެ ފަރުވާ ދޭންޖެހޭނެ ކަމަށް ނިންމާފައި ތިބި މީސްމީހުން،" އޭނާ ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވީ، އެ މީހުން ތަކުރާރުކޮށް ބަންދުކުރި ނަމަވެސް ފަރުވާގެ ހުކުމް ތަންފީޒުނުކުރާހާ ހިނދަކު އެ މީހުންގެ މައްޗަށް އިތުރު މައްސަލައެއް ކޯޓުތަކުގައި ކުރިއަށް ނުގެންދެވޭ ކަމަށެވެ.

"އެހެންވެގެން އަޅުގަނޑު މި ދެންނެވީ މި ކަމަށް ހައްލެއް އަންނާނީ އަޅުގަނޑުމެންގެ ނިޒާމު އެއްކޮށް މަސައްކަތްކޮށްގެންނޭ،" ކަންބޮޑުވުމާ އެކު ޝުޖާއު ވިދާޅުވިއެވެ.

"ހައްލަކީ މި މީސްމީހުން ފަރުވާ ދޭންޖެހޭ މީހުން ތިބެންވީ ފަރުވާދޭންޖެހޭ ތަންތަނުގައި. އެ މީހުން ރިހެބިލިޓޭޓު ކުރެވޭ ކަމަށްވަންޏާމުން އެ މެކޭނިޒަމްގެ ތެރޭގައި އެ މީހުން ތިބެންވީ. މަގުމައްޗަކުއެއް ނޫން އެ މީހުން ތިބެންވީ،"

މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން މީހުން ހޯދާ މުދާ މިހާރަށް ވުރެ ފަސޭހައިން ދައުލަތަށް ނެގޭނެ ގޮތެއް ވެސް އޮންނަންޖެހޭކަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަން ފުލުހުންނަށް ފެންނަ ބަދަލުތައް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ، ކޮންމެ މައްސަލައެއް ވެސް ފެށެނީ ސީންއަށް ފުލުހުންދާ ހިސާބުންވިޔަސް އެއަށް ފަހު ދެން ކަންތައްވާ ގޮތާ މެދު ވެސް ވިސްނާލަން ޖެހޭ ކަމަށެވެ.

"މާލޭގައި ވައްކަންކުރާ މީހުންގެ ކިތައް މައްސަލަތޯ ޕީޖީގައި އޮތީ؟ ކިތައް މައްސަލަތޯ ކޯޓުގައި އޮތީ؟ ކޯޓުން ހުކުމްކޮށްފައި ތިބި މީހުން މިހާރު ކޮބައިތޯ؟ މި ހުރިހާ ކަމަކަށް ހައްލެއް އައިސްގެން ނޫނީ އަޅުގަނޑުމެން ކިތަންމެ ވަރަކަށް މި ވާހަކަ ދެއްކިއަކަސް ވެސް، އަޅުގަނޑުމެން އަދި ކިތަންމެ ބޭނުންވިއަކަސް ވެސް މި ކަމަށް ހައްލެއް ނާންނާނެ،" އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވަނީ މިހާރަށް ވުރެ ފަސޭހައިން އަމަލުކުރެވޭނެ އަދި ނަތީޖާއަށް ވާސިލުވެވޭނެ ގޮތަކަށް ގާނޫނުތައް ފަރުވާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް