އަޖޭ ދޭވްގަނާއި ތައްބޫގެ ލޯބީގެ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ" ރިލީޒްކުރުން ފަސްކޮށްފިއެވެ.
އެ ފިލްމު ރިލީޒްކުރަން ކުރިން ނިންމާފައި އޮތީ މިއަދެވެ.
އެކަމަކު، ފިލްމުގެ ލީޑް ރޯލް ކުޅޭ އަޖޭ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފިލްމުގެ އެގްޒިބިޓަސް އަދި ޑިސްޓްރިބިއުޓް ކުރާ ފަރާތްތަކުގެ ޚާއްސަ އެދުމުގެ މަތިން ފިލްމު ރިލީޒްކުރުން ފަސްކުރެވިފައިވާ ކަމަށެވެ.
މި ފިލްމު ސިނަމާތަކަށް ގެންނާނެ އާ ތާރީޚެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އަޖޭ ބުނެފައިވާއިރު ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ އާ ތާރީޚަކީ ކުރިއަށް އޮތް އޮގަސްޓް މަހުގެ ދެވަނަ ދުވަހެވެ.
މި އަހަރު ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ "އޯރޯ މޭ ކަހާ ދަމް ތާ"އަކީ ނީރަޖް ޕާންޑޭ ޑައިރެކްޓްކުރާ ފިލްމެކެވެ. ނީރަޖް ޑައިރެކްޓްކޮށް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭ "އެމް އެސް ދޯނީ:ދަ އަންޓޯލްޑް ސްޓޯރީ"، "އައްޔާރީ"، "ރުސްތަމް" އަދި "ވިކްރަމް ވެދާ" ހިމެނެއެވެ.
ވަރަށް ރީތީ އަސަރު ގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ މުހިއްމު ރޯލުތަކުން އެކްޓަރު ޖިމީ ޝެރްގިލް އަދި ޒުވާން ތަރިން ކަމަށްވާ ސައީ މަންޖްރޭކަރާއި ޝަންތަނޫ މަހޭޝްވަރީ ފެންނާނެއެވެ. ސައީއާއި ޝަންތަނޫ ފިލްމުގައި ފެންނާނީ އަޖޭއާއި ތައްބޫގެ ޒުވާންއިރުގެ ރޯލުންނެވެ.