އިންޑޮނޭޝިއާގައި ބޮމުގެ ހަމަލާ ދިން ޖަމާއަތް އުވާލަން ނިންމައިފި

ހަނގުރާމަވެރިކަން ކަމަށް ޝައްކު ކުރެވޭ ބަޔަކު އިންޑޮނޭޝިއާ އެއާޕޯޓުން ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ/އިންގްލިޝް އަރަބިއާ

ބާލީގެ ނައިޓް ކްލަބެއްގައި 2002 ވަނަ އަހަރު ބޮން ގޮއްވާލި ހާދިސާގެ ފަހަތުގައި ތިބި އަލްޤައިދާއާ ގުޅުން އޮތް ހަތިޔާރު އެޅި ޖަމާއަތް ޖެމާހު އިސްލާމިއްޔާ އުވާލަން ނިންމައިފިއެވެ.

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ ތިންކް ޓޭންކު، ޕޮލިސީ އެނާލިސިސް އޮފް ކޮންފްލިކްޓް (އައިޕީއޭސީ)އިން ނެރުނު ރިޕޯޓެއްގައި ބުނީ، ހައްދުފަހަނައަޅައިފައިވާ އެ ޖަމާއަތުގެ 16 މެންބަރުން ހިމެނޭހެން ދިން ވީޑީއޯ ބަޔާނެއްގައި އެ ޖަމިއްޔާ އުވާލަން ނިންމާފައިވާކަން އިއުލާނުކޮށްފައިވާ ކަމަށެވެ.

ޖެމާހް އިސްލާމިއްޔާ ޖަމާއަތަކީ އަލްޤައިދާއާ ގުޅުންހުރި ޖަމާއަތަކުން އިންޑޮނޭޝިއާގައި ދިން އެންމެ ނުރައްކާތެރި ހަމަލާތައް ދިން އެއް ޖަމިއްޔާއެވެ.

އެ ކަމާ ގުޅިގެން އިންޑޮނޭޝިއާގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް އެޖެންސީ (ބީއެންޕީޓީ)އިން މިހާތަނަށް އެއްޗެއް ބުނެފައި ނެތް ނަމަވެސް ވަރަށް އަވަހަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ރާވާފައިވާ ކަމަށް ބުނެފައިވެއެވެ.

އައިޕީއޭސީގެ ރިޕޯޓު ތައްޔާރުކުރެއްވި ސިޑްނީ ޖޯންސް ވިދާޅުވީ، ޖަމިއްޔާ އުވާލަން ނިންމީ ގިނަ ކަންތައްތަކެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށާއި އޭގެ ތެރޭގައި ޖަމިއްޔާގައި ތިބި އަނިޔާވެރި ހަރުކަށި ފިކުރުތަކަށް ޝައުގުވެރިކަން ކުޑަ ފިކުރީ މީހުންގެ ނުފޫޒު ހިމެނޭ ކަމަށެވެ. އަދި، ޖަމިއްޔާގެ އެންމެ ބޮޑު އެސެޓްތައް ކަމަށްވާ، އެ މީހުންގެ ސްކޫލުތައް ރައްކާތެރިކުރުމަށް އޮތް އެންމެ ރަނގަޅު އެއް ގޮތަކީ ޖަމިއްޔާ އުވާލުން ކަމަށް އެ މީހުން ގަބޫލުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަމިއްޔާ އުވާލަން ނިންމި ނަމަވެސް، އެއީ ނުރައްކާތެރި ހަމަލާތައް ދިނުމުގެ ތާރީޚެއް އޮތް ބައެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ޖަމާއަތުން އާ ޖަމާއަތެއް އުފެދިދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

comment ކޮމެންޓް