ހޮޓެލް ޖެންއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރައް އަންހެނުންނަށް ހާއްސަކޮށްގެން ޓްރެވަލް ކޮންފަރެންސެއް ބޭއްވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ނިންމައިފިއެވެ.
މަޓާޓޯއިން މިއަދު ވަނީ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024ގެ ވިމެންސް ޑިވިޝަން އިއުލާން ކޮށްފައެވެ.
މަޓާޓޯއިން ބުނީ މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުގައި ކަމަށާ މިއީ ފަތުރުވެރިކަމުގެ ސިނާޔަތުގެ އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވޭ ކޮންފަރެންސެއް ކަމަށެވެ.
މި ކޮންފަރެންސްގެ މަގްސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންނަށް އަސަރުކުރާ މުހިންމު މައްސަލަތަކަށް އަލިއަޅުވާލުން ކަމަަށާ ދާއިރާގައި ހަމަހަމަކަން ގާއިމްކުރުން ކަމަށް މަޓާޓޯއިން ބުންޏެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި އިވެންޓުގައި، އަންހެން ވާހަކަދެއްކުންތެރިން ހިމެނޭ ދެ ޕެނަލެއް ކުރިއަށް ދާނެ ކަމަށް ވެސް މަޓާޓޯއިން ވަނީ ބުނެފައެވެ.
މި މަޝްވަރާގެ މައުލޫ ތަކަކީ:
* ވިމެން އިން މެނޭޖްމަންޓް - އެޑްރެސިން ދަ ޑިސްޕެރިޓީ
* ވިމެން އިން ޓުއަރިޒަމް - ކޮމްބެޓިން ސޮސައިޓަލް ސްޓިގްމާ
މި ކޮންފަރެންސްގެ ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ދިމާވާ ހުރަސްތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާ، އެހީތެރިކަމާއި ހަމަހަމަ މާހައުލެއް ގާއިމްކުރުމަށް ސްޓްރެޓެޖީތައް ހޯދުން ކަމުގައި މަޓާޓޯއިން ވަނީ ބުނެފައެވެ.
އޯޕަން ޑައިލޮގް ޕްރޮމޯޓްކޮށް ވިސްނުންތައް ހިއްސާކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ކޮންފަރެންސްގެ އެންމެ މުހިންމު މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމުގައި މަޓާޓޯއިން ވަނީ ބުނެފައެވެ.