އާ އީޖާދުތައް ކުރުމަށާއި އާ ވިޔަފާރިތައް ފެށުމަށް އެހީތެރިކަން ފޯރުކޮށްދީ ދަރިވަރުން ޓްރެއިންކުރުމުގެ މަގުސަދުގައި ގައުމީ ޔުނިވާސިޓީ، އެމްއެންޔޫއިން "އިނޮވޭޓް ހަބް" މިއަދު ލޯންޗްކޮށްފިއެވެ.
މިކަމަށް ޚާއްސަކޮށްގެން އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ "އިނޮވޭޓް ހަބް" މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް އިތުރު ހުނަރުތަކާއި ސިފަތައް ދަސްކޮށްދެވޭނެ ކަމަށެވެ.
ޝެހެނާޒް ވިދާޅުވީ މި ޕްރޮގްރާމަށް ފަންޑު ކުރުމަށް ނިންމާފައި ވަނީ ސްޕޮންސާސް ހޯދައިގެން ކަމަށެވެ.
އަދި ދަރިވަރުންނަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލާނެ ކަމަށާއި އެއަށްފަހު ޕްރޮޕޯޒަލް މުރާޖާކޮށް ފަންޑިން ދޭގޮތަށް ހަމަޖެހިފައި ވާކަމަށްވެސް ޝެހެނާޒް ވަނީ ވިދާޅުވެފައެވެ.

"އިނޮވޭޓް ހަބް" ލޯންޗްކުރުމަށް މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ އެމްއެންޔޫ
ޝެހެނާޒް ވިދާޅުވީ ފަންޑިން ދިނުމުގައި ބަލާނީ ތިން މިންގަޑަކަށް ކަމަށެވެ. އެއީ:
* ކުދި ޕްރޮޕޯޒަލްތަކަށް 50000 ރުފިޔާ
* މެދުމިނުގެ ޕްރޮޕޯޒަލްތަކަށް 225000 ރުފިޔާ
* އެންމެ ބޮޑެތި ޕްރޮޕޯޒަލްތަަށް 500000 ރުފިޔާ
މި ޕްރޮޖެކްޓުގެ ދަށުން ދަރިވަރުން ތަމްރީނުކުރާނީ އެމްއެންޔޫގެ މުއައްޒަފުން ކަމަށާއި އާ އީޖާދުތައް ހެދުމުގެ މަގްސަދަކީ ގައުމު ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މުޖްތަމައުއާއި ދަރިވަރުންނާ އަދި އެމްއެންޔޫއާ އެކު މަސައްކަތް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އިނޮވޭޓް ހަބް" ލޯންޗްކުރުމަށް މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ އެމްއެންޔޫ
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ވަނީ ނެޝެނަލް ޑިވޮލޮޕްމެންޓަށް ކޮށްދެވޭނެ އެންމެ ބޮޑު އެއްކަމަކީ ވަޒީފާ އުފެއްދުން ކަމަށާއި އިނޮވޭޝަން ހަބްގެ ތެރެއިން ބޭނުން ވަނީ ކޮންމެ ދަރިވަރަކުވެސް ވިޔަފާރިއެއް އުފައްދާ އެ ވިޔަފާރީގެ ތެރެއިން ގިނަ ބަޔަކަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް އުފައްދައި ދިނުން ކަމަށެވެ.