''އިސްރާއީލަށް ހަމަލާދިނުން ހުއްޓާލާނީ ޣައްޒާ ހަނގުރާމަ ހުއްޓާލުމުން''

ޣައްޒާގެ ރަފަހަށް ދިން ހަމަލާއެއްގައި ސުންނާފަތި ކޮށްފައިވާ ގެޔެއް ކައިރީގައި ފަލަސްތީނުގެ ރައްޔިތުންތަކެއް މަޑުކޮށްގެން -- ފޮޓޯ/ އޭއެފްޕީ

ހިޒްބުﷲއިން އިސްރާއީލަށް ހަމަލާދިނުން ހުއްޓައިލާނީ އިސްރާއީލުން ޣައްޒާގައި ކުރަމުންދާ އަނިޔާވެރި ހަނގުރާމަ ހުއްޓައިލުމުން ކަމަށް ހިޒްބުاللهގެ ޑެޕިއުޓީ ލީޑަރު ޝައިޚް ނާއިމް ކަސަމް ވިދާޅުވެއްޖެއެވެ.

"ޣައްޒާގައި ހަނގުރާމަ ހުއްޓާލައިފިނަމަ އެއްވެސް މަޝްވަރާއެއްނުކޮށް ހަމަލާދިނުން ހުއްޓާލާނަން," ބެއިރޫތުގެ ދެކުނު ސަރަހައްދުގައި ހުންނަ ހިޒްބުﷲގެ ސިޔާސީ އޮފީހުގައި ވާހަކަދައްކަވަމުން ކަސަމް ވިދާޅުވިއެވެ.

ނަމަވެސް، ރަސްމީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާނުލައި އިސްރާއީލުން އަސްކަރީ އޮޕަރޭޝަންތައް ހުއްޓައިލައި، ޣައްޒާއިން ފައިބައިފިނަމަ، ލުބުނާނާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ މައްސަލައަށް ކުރާނެ އަސަރެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ފާއިތުވި ހަފުތާތަކުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާއިރު، ލުބުނާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވެސް އޮތީ ހީވެފައެވެ.

ވޭތުވެދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ހިޒްބުاللهއިން ވަނީ އެ ގައުމުގެ ބޯޑަރުގައި އިސްރާއީލުގެ ސިފައިންނާއި ދެމެދު ގާތްގަނޑަކަށް ކޮންމެ ދުވަހަކުހެން ހަމަލާ ބަދަލުކޮށްފައެވެ.

އެ ހަމަލާތަކުގައި ރޭ ވަނީ ހިޒްބުﷲގެ އިސް ކޮމާންޑަރެއް ކަމަށްވާ ހައްޖު އަބޫ ނިމާހް ނުވަތަ ނިމާހް ނާސިރާއި އޭނާގެ ބޮޑީގާޑް އަވަހާރަކޮށްލައިފައެވެ. އެއާ އެކު ހިޒްބުﷲ އިން ރައްދުގައި ވަނީ އިސްރާއީލަށް އަމާޒުކޮށް 100 ރޮކެޓް ހަމަލާ ފޮނުވާލައިފައެވެ.

މުހައްމަދު ނިމާހް ނާސިރަކީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ހިނގި ހަމަނުޖެހުންތަކުގައި ޝަހީދުވި ހިޒްބުﷲގެ ތިންވަނަ އިސް ކޮމާންޑަރެވެ.

އިސްރާއީލާއި ހިޒްބުالله އާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދެ ގައުމުން ވެސް އެތައް ހާސް ބަޔަކު ވަނީ އެ މީހުންގެ ގެދޮރު ދޫކޮށް ގޮސްފައެވެ.

ލުބުނާނަށް ހަމަލާދިނުމަށް ސަރުކާރުން ފާސްކޮށްފައިވާ ކަމަށް ވެސް އިސްރާއީލުން ވަނީ ބުނެފައެވެ. އަދި، ލުބުނާނުގައި ހަނގުރާމަ ފަށައިފިނަމަ، ގަތުލުއާންމެއް ހިންގާނެ ކަމަށް ބުނެ އިސްރާއީލުން ވަނީ އިންޒާރު ވެސް ދީފައެވެ.

ނަމަވެސް، އިސްރާއީލުގެ ބައެއް އޮފިޝަލުން ހަނގުރާމައަށް ދާން ބޭނުންނުވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ހިޒްބުالله އަކީ ހަމާސްއަށް ވުރެ މާ ބާރުގަދަ އަދި އިސްރާއީލުގެ ކޮންމެ ތަނަކަށް ވެސް ހަމަލާދޭވަރުގެ ރޮކެޓްތަކާއި މިސައިލްތަކާއި ބަރު ހަތިޔާރު ލިބިފައިވާ ގައުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި، ލުބުނާނުގައި ހަނގުރާމަ ފަށައިފިނަމަ އިރާގާއި ސޫރިއާ އަދި ޔަމަނާ އެހެނިހެން ސަރަހައްދުތަކުގައި ތިބި ހަތިޔާރު އެޅި ޖަމާއަތްތައް ވެސް އެމެރިކާއަށް ހަމަލާ ދެވިދާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ހިޒްބުﷲ އަކީ އެމެރިކާއިން ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ޖަމާއަތެކެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެ ސަރަހައްދުގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ޑިމާންޑްކޮށްފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސް ނައްތާނުލެވެނީސް ހަނގުރާމަ ނުހުއްޓާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް