20 އަހަރު ފަހުން ޖަޕާނުން ފައިސާގެ އާ ނޫޓުތަކެއް

ވިހި އަހަރުން ފަހުން ޖަޕާނުން ވަނީ އާ ފައިސާގެ ނޫޓު ތައާރަފުކޮށްފައި -- ފޮޓޯ/އަލް ޖަޒީރާ

ވިހި އަހަރު ފަހުން ޖަޕާނުން އާ ފައިސާގެ ނޫޓުތަކެއް ތައާރަފުކޮށްފިއެވެ.

އަލަށް ފަރުމާކޮށްފައިވާ އެ ނޫޓުގައި ވަގު ވިޔަފާރި ހުއްޓުވުމަށް '3ޑީ ހޮލޮގްރާމް' ފީޗާކޮށްފައިވެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވިދާޅުވީ، އަލަށް ފަރުމާކުރި 10،000 ޔެން، 5،000 ޔެން އަދި 1،000 ޔެންގެ ނޫޓަކީ ޖަޕާނުގެ ކެޕިޓަލިޒަމާއި އަންހެނުންގެ ހަމަހަމަކަމާއި ސައިންޓިފިކް އިނޮވޭޝަން ފާހަގަކުރުމުގެ ގޮތުން ފަރުމާކުރި ނޫޓުތަކެއް ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ އާ ނޫޓުތައް ރައްޔިތުންނަށް ކަމުދާނެ ކަމަށް، އަދި ޖަޕާނުގެ އިގުތިސާދަށް އެހީތެރިވެދޭނެ ކަމަށް،" ބޭންކް އޮފް ޖަޕާނުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ކިޝިދާ ވިދާޅުވިއެވެ.

ޖަޕާނުގެ 10،000 ޔެންގެ ނޫޓުގައި މެއިޖީ ޒަމާނުގައި ޖަޕާނުގެ އިގުތިސާދީ ޒަމާނީކުރުމުގެ ކަންކަން ބެލެހެއްޓި ކަމަށް ބެލެވޭ ސިނާއީ މާހިރެއް އަދި ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ އެއިޗީ ޝިބޫސާވާގެ ސޫރަ ފެނިގެންދެއެވެ. އަދި، 5،000 ޔެންގެ ނޫޓުގައި ފެންނަނީ ޓޯކިޔޯގެ ސުޑާ ޔުނިވާސިޓީގެ ކުރިމަގު އުފެއްދި އަންހެނުންގެ ތައުލީމުގެ ދާއިރާގައި ކުރިއަރާފައިވާ އުމެކޯ ސުދާއެވެ.

ޖަޕާނުގެ އާ ނޫޓުތައް -- ފޮޓޯ/ސީއެންއެން

މީގެ އިތުރުން، 1،000 ޔެންގެ ނޫޓުގައި ޓެޓަނަސްއާއި ޑިޕްތީރިއާއިން ރައްކާތެރިވުމަށް އެހީތެރިވި ބެކްޓީރިއޮލޮޖިސްޓެއް ކަމަށްވާ ޝިބާސާބޫރޯ ކިޓަސާޓޯގެ ސޫރަ ފެނެއެވެ.

ނަގުދު ފައިސާއަށް ވަރަށް ބޮޑަށް ބަރޯސާވާ ޖަޕާނުން އާ ނޫޓުތައް ތައާރަފުކުރާނެ ކަމަށް އިއުލާނުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

ބޭންކް އޮފް ޖަޕާނުގެ ގަވަރުނަރު ކަޒޫއޯ އުއެދާ ވިދާޅުވީ، ޑިޖިޓަލް ޕޭމަންޓަށް ގައުމު ބަދަލުވި ނަމަވެސް ނަގުދު ފައިސާގެ މުހިންމުކަން ދެމިއޮންނާނެ ކަމަށެވެ.

comment ކޮމެންޓް