ދަނޑުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ދިރާސާތައް ހިންގުމާއި ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ކިޔަވައިދޭނެ އިންތިޒާމު ހަމަޖެއްސުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އަދި އެނިމަލް ވެލްފެއާ އަދި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިގޮތުން މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޑރ. އާއިޝަތު ރަމީލާ އަދި ޔުނިވާސިޓީގެ ފަރާތުން ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
ފަހުމުނާމާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ރަމީލާ ވިދާޅުވީ މިއަދު ސޮއިކުރެވުނު ފަހުމުނާމައިގެ މައިގަނޑު ދެ މަގުސަދަކީ ދިރާސާކުރުމަށް އަހުލުވެރިކޮށް، ތަމްރީނުގެ ފުރުސަތުތަކަށް މަގުފަހިކޮށްދީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތު ދިނުން ކަމަށެވެ.
މިނިސްޓަރު ރަމީލާ ވަނީ މިނިސްޓަރީގައި މި ވަގުތު ގިނަ ކަންކަން ނިންމަމުން ދާއިރުގައި، ބޭނުންވާ އެންމެ ރަނގަަޅު ތަފާސްހިސާބު ނެތްކަން ފާހަގަކުރައްވައިފައެވެ. އަދި އެކަމާ ގުޅޭ ދިރާސާތައް ވެސް ހެދިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ މިފަދަ ކަންކަން ނެތުމުގެ ސަބަބުން ޚާއްސަ ގޮތެއްގައި ބޭނުންވާ އެކިއެކި ފަންޑިންތައް ހޯދުމުށާއި ތަމްރީނު ފުރުސަތު ހޯދުމަށް ވެސް ވަރަށް ދަތިކަމަށެވެ.
"ބޭރުގެ ޖަމުއިއްޔާތަކާ އެކު ހަދައި އެކިއެކި މުއާހަދާތަކުގައި އާ އެއްބަސްވުންތަކުގައި ސޮއިކުރަން ދާއިރުވެސް، ބޭސްލައިން އަންޑަސްޓޭންޑިންގް އެއް ނެތްކަމަަށް ހިިތާމައާއެކު ފާހަގަކުރަން،" މިނިސްޓަރު ރަމީލާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރު ދަނޑުވެރިންކަން ކުރާ ރަށްރަށުގެ ބިމުގެ ހާލަތާއި އޯޑިސިޓީ ހުރިވަރު އަދި ދަނޑުވެރިކަންކަމުގެ ބޭނުމަށް އެޅޭ ޕެޓިސައިޑްސްގެ ސަބަބުން ބިންގަނޑު ހަލާކުވެފައިވާ މިންވަރު ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ހަމަމިއާއެކު ޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަމަކީ ކުރެވޭ ކަމެއްކަން މުސްތަގުބަލުގައި އަންނަން އޮތް ޖީލަަށް އަންގައިދޭން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފަހުމުނަމާއިގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ދަނޑުވެރިކަަމުން ޒުވާނުން ބާރުވެރިކޮށް ވަޒިފާއާ ވިޔަފާރިވެރިކަމުގެ ފުރުސަތު އުފައްދާ، އިގްތިސާދުކުރިއެރުވުމަކީ އެ ޔުނިވާސިޓީގެ މަގްސަދެއް ކަމަށެވެ.
ޝެހެނާޒް ވިދާޅުވީ އުންމީދަކީ ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދެވޭ ތަމްރީނުތަކާއި ދިރާސާތަކުގެ އަލީގައި ދަނޑުވެރިކަމުގެ އިލްމު އިތުރަށް ފުރިހަމަވެ ކުރިއަރައިގެން ދިއުމެވެ.
ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކުރުމަށް ޓަކައި ޚާއްސަ ސިޔާސަތުތަކެއް ހަދައި، އެ ފުރުސަތުތައް ހޯދަން ހުޅުވާލާނެކަމަށް މަތީ ތައުލީމާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވަނީ ވިދާޅުވެފައެވެ.