އިޓަލީވިލާތުގެ އަސްކަރިއްޔާގެ ހަތަރު ޖެޓު މާލެ މަތިން އުދުހުނު ބާރުގަދަ އަޑުފައްގަނޑާއެކު، އެ ހަތަރު ޖެޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް، ތެޔޮ އަޅަން ޖެއްސި ހަތަރު ޖެޓުކަން އެނގިއްޖެއެވެ.
މިއަދު ހަވީރު 3:15 ހާއިރު މާލެ މަތިން ބާރުގަދަ އަޑުފައްގަނޑެއް އިވުނެވެ. ގިނަ ބައެއްގެ ސަމާލުކަމަށް އެ ކަން އައުމާއެކު މާލެ މަތިން އަސްކަރީ ޖެޓުތަކެއް އުދުހުނު މަންޒަރު ވެސް ވަނީ ފެނިފައެވެ. ސޯޝަލް މީޑިއާގައި ވީޑިއޯތައް ވެސް އަންނަނީ ދައުރުވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަސްކަރީ ބޯޓުތައް ވީއައިއޭއަށް ޖެއްސީ "ޓެކްނިކަލް ސްޓޮޕް"އެއްގެ ގޮތުގައެވެ. އަދި ބޯޓުތައް ޖެއްސީ އެކަމުގެ ހުއްދަ ވެސް ނަގައިގެންނެވެ.

މާލެ މަތިން އުދުހުނު އިޓަލީގެ އަސްކަރިއްޔާގެ ހަތަރު ޖެޓެއް -- ފޮޓޯ/ ސޯޝަލް މީޑިއާ
މިފަދަ ބޭނުމެއްގައި ޓްރާންސިޓްކުރާ ބޯޓުތަކުގެ މައިގަނޑު ބޭނުމަކީ އަސްލު މަންޒިލަށް ދިއުމުގެ ކުރިން، ރިފިއުލިން ނުވަތަ، ކްރޫއިން އަރާމުކޮށްލުމަށް މަޑުކުރުން ފަދަ ކަންކަމެވެ.
އެކި ގައުމުތަކުގެ އަސްކަރީ މަތިންދާ ބޯޓުތައް މީގެކުރިން ވެސް ރާއްޖެ އަށް ތެޔޮ އެޅުމަށް ޓަކައި، ނުވަތަ ކުދިކުދި މަރާމާތުތައް ކުރުމަށް ދަތުރު ތެރެއިން ޖައްސައި ހަދައެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދަށް ބޯޓުތައް ވަންނާނީ އެ ކަމަށް ނަގަން ޖެހޭ ހުއްދަތަކާއެކުގައެވެ. އަދި އެއާޕޯޓަކަށް ޖެއްސޭނީ ވެސް ކޮންޓްރޯލް ޓަވަރުން ކްލިއަރެންސްދީ ހުއްދަ ދިނުމާއެކުގައެވެ.