އާސަންދައިން އައިވީއެފް ހަދަން އަންނަ މަހު ހުޅުވާލަނީ، ޕޮއިންޓު ދިނުމުގައި އާމްދަނީއަށް ބަލާނެ

އާސަންދައިން އައިވީއެފް ހަދަން އަންނަ މަހު ހުޅުވާލަން ވަނީ ނިންމާފައި --

އާސަންދައިގެ ދަށުން އައިވީއެފް ހަދަން އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެކަން އިއުލާންކޮށް، އެކަމާ ގުޅޭ އުސޫލު އެ ކުންފުނިން އާންމުކޮށްފިއެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އުސޫލު ބައްޓަންކޮށްފައިވަނީ ދަރިމައިވުމަށް އެހީތެރިވެދޭ ފަރުވާތައް ކަމަށްވާ އައިވީއެފް އާއި އައިޔޫއައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގައުމުތަކުން ވެސް ހެދޭ ގޮތަށް ކަމަށެވެ.

އެގޮތުން އައިޔޫޔައި އަދި އައިވީއެފްގެ އެހީއަށް އެދުމަށް އަންނަ މަހުގައި ހުޅުވާލުމަކީ އެކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު އުންމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރިމައިވުމުގެ ފަރުވާ އާސަންދަ މެދުވެރިކޮށް ފޯރުކޮށްދޭ އުސޫލުގައި ވަނީ އައިވީއެފް އާއި އައިޔޫއައިގެ ފަރުވާ އާސަންދައިން ދިނުމަށް މީހުން ހޮވާއިރު، ބަލާނެ ޝަރުތުތައް ހިމަނައިފައެވެ.

ކުޑަކުދިންގެ ހަވީރެއްގެ ތެރެއިން -- ސަން ފޮޓޯ - މުހައްމަދު ހައްޔާން/ނާއިލް ހުސައިން

އައިޔޫއައި:

  • އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރުވެފައިވުން
  • ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސް އަޅާފަދަ ސަބަބެއް މެދުވެރިވެވުން ނުވަތަ ސަބަބު ދެނެނުގަނެވި ތިން އަހަރު ވެފައިވުން.
  • އައިޔޫއައިއަކީ އެ ފަރާތަށް އެންމެ އެދެވިގެންވާ ފަރުވާކަމަށް ކަމާގުޅޭ ސްޕެޝަލިސްޓެއް ލަފާ ދީފައިވުން
  • އެހީއަށް އެދޭ ދެމަފިރިން ކުރެ އެއްވެސް ފަރާތެއް ދަރިމައިނުވާ އޮޕަރޭޝަން ކޮށްފައިނުވުން
  • ދެމަފިރިންގެ ދަރިއަކު ދުނިޔޭގައި ނެތުން
  • ފަރުވާއަށް ފަށާއިރު އަނބިމީހާގެ އުމުރަކީ 25-42 މީހެއް ކަމުގައިވުން. އަދި ފިރިމީހާއަށް 55 އަހަރު ފުރިފައިނުވުން
  • އަނބިމީހާގެ ބޮޑީމާސް އިންޑެކްސް 19-30ގައި ހުރުން
  • އެހީއަށް އެދުމުގެ ހަ މަސްކުރިން ދެމަފިރިން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާފައިވުން
  • ފާއިތުވި ތިން އަހަރު ޖިނާއީ ކުށެއް ސާބިތުވެ، ހުކުމް ކޮށްފައިވާ ދެމަފިރިން ކަމުގައި ނުވުން

އައިވީއެފް:

  • އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރު ވެފައިވުން
  • ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސް އަޅާފަދަ ސަބަބެއް މެދުވެރިވެވުން ނުވަތަ ސަބަބު ދެނެނުގަނެވި ތިން އަހަރު ވެފައިވުން.
  • އައިވީއެފްއަކީ އެ ފަރާތަށް އެންމެ އެދެވިގެންވާ ފަރުވާކަމަށް ކަމާގުޅޭ ސްޕެޝަލިސްޓެއް ލަފާ ދީފައިވުން
  • އެހީއަށް އެދޭ ދެމަފިރިން ކުރެ އެއްވެސް ފަރާތެއް ދަރިމައިނުވާ އޮޕަރޭޝަން ކޮށްފައިނުވުން
    ދެމަފިރިންގެ ދަރިއަކު ދުނިޔޭގައި ނެތުން
  • ފަރުވާއަށް ފަށާއިރު އަނބިމީހާގެ އުމުރަކީ 30-42 މީހެއް ކަމުގައި ވުން. އަދި ފިރިމީހާގެ އުމުރުން 55 އަހަރު ވެފައިނުވުން
  • އަނބިމީހާގެ ބޮޑީމާސް އިންޑެކްސް 19-30 ގައި ހުރުން
  • އެހީއަށް އެދުމުގެ ހަ މަސްކުރިން ދެމަފިރިން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާފައިވުން
  • ފާއިތުވި ތިން އަހަރު ޖިނާއީ ކުށެއް ސާބިތުވެ، ހުކުމް ކޮށްފައިވާ ދެމަފިރިން ކަމުގައި ނުވުން
  • އަމިއްލަ ޚަރަދުގައި އައިވީއެފްގެ ތިން ބުރު ފުރިހަމަކޮށްފައިނުވުން

އެ އުސޫލުގެ ދަށުން އާސަންދަ މެދުވެރިކޮށް އައިވީއެފް ހެދުމަށް ކޮންމެ އަހަރަކު އެކަމަށް ބަޖެޓެއް ކަނޑައަޅަން ޖެހެއެވެ. މި އުސޫލުގެ ދަށުން އެހީ ފޯރުކޮށްދޭނީ އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކަށެވެ.

އެގޮތުން ޕޮއިންޓު ދިނުމުގައި ދެމަފިރިންގެ ބޯހިޔާވަހިކަން ހަމަޖައްސާ ގޮތާއި އާމްދަނީއަށް ލިބޭ މިންވަރާއި ކައިވެނީގެ މުއްދަތާއި ދެމަފިރިންގެ ތެރެއިން އެއްވެސް މީހެއްގެ ދަރިއަކު ހުރިތޯވެސް ބަލައެވެ.

ހަމައެއާއެކު، މި ސްކީމުގެ ދަށުން އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖެހޭ ދެމަފިރިންގެ ބޭސްފަރުވާގެ އިތުރުން ދެކޮޅު ޓިކެޓާއި ކެއުމާއި ހުރުމުގެ ޚަރަދަށް ވަކި މިންވަރަކަށް އެހީ ހަމަޖައްސައިދޭނެއެވެ. އައިވީއެފްއަށް އާސަންދަ މެދުވެރިކޮށް ފަރުވާ ހަމަޖެހޭކަން އެހީއަށް އެދި ހުށަހަޅާތާ 30 ދުވަހު ތެރޭގައި އަންގާނެއެވެ. އެގޮތަށް އަންގާތާ ތިން މަސްދުވަހުގެ ތެރޭގައި ފަރުވާ ފަށަން ޖެހެއެވެ. އެހެންނޫނީ އެހީ ބާތިލްވާނެއެވެ.

އައިވީއެފްއަށް ފަރުވާ ހޯދުމަށް އާސަންދަ ހަމަޖައްސައިދެނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ތިން ބުރަކަށެވެ. އޭގެ ފަހުން ހިނގާ އެއްވެސް ޚަރަދަކަށް އާސަންދައެއް ނުލިބޭނެއެވެ.

އެގޮތުން ފަރުވާ ތިން ބުރަކަށް ބަހާފައިވަނީ އައިވީއެފްގެ ފަރުވާއަށް ތައްޔާރުވާން ހަދާ ޓެސްޓުތަކާއި ބޭހާއި އަނބިމީހާގެ ދަރިމައިވާ ބިސްނެގުމާއި އެމްބްރިއޯ ތައްޔާރުކޮށް ޓްރާންސްފާ ކުރުމަށެވެ.

އަންހެނެއް ކުއްޖަކު އުރައިގެން ކުޑަކުއްޖަކު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެއާއެކު، މީގެކުރިން ފަރުވާ ފަށާފައިވާނަމަ އާ ބުރެއް ފެށޭނީ އުސޫލުގައިވާ ގޮތަށް އަނބިމީހާގެ ދަރިމައިވާ ބިސް، އެމްބްރިއޯ ޓްރާންސްފާ ކޮށްފައިވާނަމައެވެ. އަދި ކުރިން ފަރުވާގައި އެމްބްރިއޯ ރައްކާކޮށްފައިވާނަމަ އުސޫލުގައިވާގޮތުން ފުރަތަމަ ހަމަޖެހޭ އެހީގައި ބޭނުންކުރާނީ އެ އެމްބްރިއޯތަކެވެ.

އައިވީއެފްގެ ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދެނީ ޓްރީޓޮޕް ހޮސްޕިޓަލުން އެކަންޏެވެ.

ދަރިމައިވުމުގެ ފަރުވާ އާސަންދައިން ދިނުމަށް ހަމަޖެއްސުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ އިތުރުން ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ވެސް ނިންމަވާފައިވާ ކަމެކެވެ.

comment ކޮމެންޓް