މަސް ގަންނަ އަގާ ތެލުގެ އަގާ ދެކޮޅެއް ނުޖެހޭ، މަސްވެރިކަން ހުއްޓިދާނެކަމުގެ ބިރު

މަސްވެރިން ލ. މާންދޫގައި މީގެކުރިން ކުރި އިހްތިޖާޖެއްގެ ތެރެއިން -- ފައިލް ފޮޓޯ

ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން މަސް ގަންނަ އަގު ދަށް ކުރި ނަމަވެސް، ސަރުކާރުން ތެޔޮ ވިއްކާ އަގު ބޮޑުވެ، ތެލަށް ދޭ ސަބްސިޑީ ކުޑަވުމުން މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ތެލަށް ސަބްސިޑީގެ ގޮތުގައި މިހާރު ދެނީ ލީޓަރަކުން 50 ލާރިއެވެ. ސަބްސިޑީއާއެކު ލީޓަރެއް ލިބެނީ، 17 ރުފިޔާއަށެވެ. އެހެންކަމުން މަސްވެރިން ތެލަށް ބޮޑު ޚަރަދެއް ކުރަން ޖެހެއެވެ.

މީގެ އިތުރުން، މަހުގެ އަގު ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް ބަދަލު ކުރަން ވެސް ސަރުކާރުން މިދިޔަ އާދިއްތަ ދުވަހު ވަނީ ނިންމާފައެވެ. ބައިނަލްއަގްވާމީ ބާޒަރުގެ އަގަށް ބަލައި، މިފްކޯއިން މި ހަފުތާގައި މަސް ގަންނަނީ 16 ރުފިޔާއަށް ކިލޯއެއްގެ ރޭޓުންނެވެ.

މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކޮށް "ސަން"އާ ވާހަކަދައްކަމުން ހުވަދު އަތޮޅަށް ނިސްބަތްވާ ކެޔޮޅެއް ބުނީ، މަސް ގަންނަ އަގާ ތެޔޮ ވިއްކާ އަގު ދެކޮޅު ނުޖެހޭތީ މަސްވެރިކަން ހުއްޓިދާނެކަމުގެ ބިރުވެރިކަން ބޮޑެތި މަސްދޯނިތަކަށް އެބައޮތް ކަމަށެވެ.

އުތުރުގައި މަސްވެރިކަން ކުރާ ގޮތާއި، ދެކުނުގައި މަސްވެރިކަން ކުރާގޮތް ވަރަށް ތަފާތުކަން ފާހަގަކޮށް އޭނާ ބުނީ، ބޮޑު މަސްދޯންޏަކަށް ދުވާލަކު 10 ފީފާ ނުވަތަ 12 ފީފާ ތެޔޮ ހޭދަވާ ކަމަށެވެ.

މީގެ އިތުރުން ލާމު އަތޮޅަށް ނިސްބަތްވާ ކެޔޮޅެއް "ސަން"އާ ހިއްސާކުރި ގޮތުގައި ކްރެޑިޓަށް ވެސް މިފްކޯއިން ތެޔޮ އެޅެނީ މިފްކޯއިން މަސްކިރާ، ފައިސާ ނުދޭ ބިލެއް ވާނަމައެވެ.

އެހެންކަމުން ލާމު އަތޮޅު މަސްވެރިންނަށް މިކަމުގެ ސަބަބުން ވަރަށް އުނދަގޫވާކަމަށާއި ދުރު ހިސާބުތަކަށް އެންވެރިކަމަށް ދާއިރު، މިފްކޯ މަސް ފެކްޓްރީއަށް ނުގޮސް ޖެހެނީ ތެޔޮ ގަންނަންކަމަށް އޭނާ ފާހަގަކުރިއެވެ.

"އެހެންވީމަ، އަތުގައި ރަނގަޅު ކޭޝްފްލޯއެއް ވެސް ހުންނަން ޖެހޭ. ސަރުކާރުން މި ގެނައި ބަދަލާއެކު މަސްވެރިންނަށް ވަރަށް ބޮޑު ބުރައެއް އުފުލަން މި ޖެހެނީ،"

ކަން މިހެން އޮތުމުގެ ސަބަބުން މަސްވެރިކަން ހުއްޓިދާނެކަމުގެ ބިރުވެރިކަން ވަރަށް ބޮޑަށް އެބައޮތް ކަމަށް އޭނާ ބުންޏެވެ.

"އެއީ މިހާރު ވެސް އެންމެ ފަހު ލާރި މި ލިބުނީ ތިން މަސް ކޮށްފައި. ލިބުނު އިރުގައި ދަރަންޏަށް ތަންތަނުން ނަގާފައި ހުރި އެއްޗެއް ދައްކާފައި މިހާރު ގިނަ މަސްވެރިން އަތުގައި ނޯންނާނެ އެއްޗެއް. އެހެންވީމަ މި ބަދަލާއެކު މަސްވެރިންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބޭނެ،" އޭނާ ބުންޏެވެ.

ތިން ޓަނު މަސް ދުވާލެއްގެ މައްޗަށް ބޭނިގެން ނޫނީ މިހާރު މަސްވެރިކަން ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.

މަސްވެރިންގެ މިފަދަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މަސްވެރިންނަށް ތެލަށްދޭ ސަބްސިޑީ ބޮޑުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އާމުދަނީ މަދުވެގެން އުޅޭއިރު، ކުރަންޖެހޭ އެތައް ހޭދައެއް ވެސް އެބަހުރި ކަމަށެވެ.

"އޭގެ ތެރޭގައި މިހުރީ ލޯންތައް. ކުރީ ސަރުކާރުތަކުން ނަގާފައި ހުރި މެޗުއާވާ ލޯނުތައް މި ސަރުކާރަށް މިހުރީ ވަރަށް ބޮޑަށް ފޯލްވެފައި. ހުރި އިރުގައި އާމްދަނީ އިތުރުކުރުމަށް ޓަކައި ރޭވުންތެރިކަމެއް މީގެ ކުރިން ހަގީގަތުގައި ނެތް. އިތުރު އާމްދަނީއެއް އިތުރުކުރުމަށް ޓަކައި މާ ބޮޑު މަސައްކަތަކެއް ނެތް ފެށިފައި. މި އުނދަގޫ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެބަ ކުރޭ. ހެޔޮ ބަދަލެއްގެ ގޮތުގައި ގެނެވޭ ބަދަލަކާ އެކީގައި ދައުލަތަށް ލިބޭ އާމުދަނީ ދަށްވާނެ ކަމެއް މިވަގުތު ކުރަން ވަރަށް އުނދަގޫވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/193800

މިހާތަނަށް ވެސް މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކުރުމަށް ސަބްސިޑީއަށް ބޮޑު ހޭދައެއް ކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން 20 ރުފިޔާއަށް މަސް ގަންނަ ކަމަށްވާ ނަމަވެސް އަހަރެއްގެ މައްޗަށް 560 މިލިއަން ރުފިޔާ ދައުލަތުން މިފްކޯއަށް ދޭން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންވީމައި 560 ރުފިޔާ ދިނުމަކީ މިއީ އާމުދަނީ ހުރި ގޮތުންނާ އެކީގައި، އަދި ދައުލަތުން ކުރަންޖެހޭ ހޭދައިގެ ތެރޭގައި ލޯން ރިޕޭމެންޓްތަކާ އެއްޗެހި ހުރުމުން މިއީ އުނދަގޫ އަދަދަކަށް ވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިފްކޯ އަކީ މުޅިން ވެސް ގެއްލުމުގައި ހިންގަމުން އަންނަ ކުންފުންޏެކެވެ. ގައުމުގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތް ނަމަވެސް މަސްވެރިންގެ ޑިމާންޑުތައް އިތުރުވެ، އެކަމަށް ހައްލު ހޯދަން ވެސް ސަރުކާރަށް އޮތީ ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

comment ކޮމެންޓް