ބައިޑެންގެ ބުއްދީގެ ސިއްހަތު ރަނގަޅުކަމަށް އެމެރިކާގެ ގިނަ މީހުން ގަބޫލެއް ނުކުރޭ: ސާވޭ

ރައީސް ޖޯ ބައިޑެންގެ ބުއްދީގެ ސިއްހަތު ހުރީ ރައީސްކަން ކުރެއްވޭ ވަރަށް ވުރެ މާ ދަށުގައި ކަމަށް އެމެރިކާގެ ގިނަ ބަޔަކު ދެކޭ --

ވޮޝިންޓަން (1 ޖުލައި 2024): އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ބުއްދީގެ ސިއްހަތު ރަނގަޅު ނޫން ކަމަށް އެމެރިކާގެ ރައްޔިތުންގެ ތިންބައިކުޅެ ދެބައި މީހުން ދެކޭކަން ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވެއްޖެއެވެ.

އެމެރިކާގެ ޓީވީ ނެޓްވޯކެއް ކަމަށްވާ 'ސީބީއެސް'އިން ކުރި އާންމު ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން ބައިޑެންގެ ބުއްދީގެ ސިއްހަތާއި އޭނާގެ ކޮގްނިޓިވް ހެލްތު ނުވަތަ ކަންކަން އަވަހަށް ދެނެގަތުމާއި ހަނދާނުގެ ސިއްހަތު ހުރީ އެމެރިކާގެ ރައީސްކަމުގެ ޒިންމާތައް ކުރެވޭ ވަރަށް ވުރެ މާ ދަށުގައި ކަމަށް އެމެރިކާ ރައްޔިތުންގެ ތެރެއިން ތިންބައިކުޅެ ދެބައި މީހުން ދެކެއެވެ.

މި ސާވޭގެ ސާމަޕްލްތަކުގައި އެމެރިކާގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު ބައިވެރިކޮށްފައިވެއެވެ. މި ސާވޭގައި އެމެރިކާގެ ރިޔާސަތަށް ވާދަކުރައްވާ އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބުއްދީގެ ސިއްހަތާމެދު އާންމުން ދެކޭ ގޮތް ވެސް ހޯދާފައިވެއެވެ. ސާވޭގެ ނަތީޖާއިން ހާމަވި ގޮތުގައި އެމެރިކާގެ ރައީސްކަން ކުރެވޭވަރަށް ބުއްދިއާއި ކޮގްނިޓިވް ހެލްތު ނުވަތަ ކަންކަން އަވަހަށް ދެނެގަތުމާއި ހަނދާނުގެ ސިއްހަތު، ޓްރަމްޕްގެ ކިބައިގައި ހުރިކަމަށް އެމެރިކާގެ ރައްޔިތުންގެ 50 އިންސައްތަ މީހުން ގަބޫލުކުރެއެވެ.

އަނެއްކޮޅުން އެމެރިކާގެ "މޯނިންގް ކޮންސަލްޓް" ނަމަކަށް ކިޔާ ކުންފުންޏަކުން ހަމައެކަނި ބައިޑެންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނަށް ޚާއްސަކޮށްގެން ކުރި ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވެފައިވާ ގޮތުގައި އެ ޕާޓީގެ މެންބަރުންގެ ތެރެއިން 50 އިންސައްތަ މީހުން މިހާރު ދެކެނީ ބައިޑެން ރިޔާސި ރޭހުން ވަކިވެވަޑައިގަންނަވަން ޖެހޭކަމަށެވެ. އަދި، އެހެން ޒުވާން ބޭފުޅަކަށް ރިޔާސީ ޓިކެޓް ދެއްވަން ޖެހޭ ކަމުގައެވެ.

މީގެ ދެ ދުވަސްކުރިން ބައިޑެނާއި ޓްރަމްޕާ ދެމެދު ބޭއްވި ރިޔާސީ ބަހުސްގައި ބައިޑެންވަނީ ވަރަށް ނިކަމެތި ގޮތަކަށް ޓްރަމްޕްގެ ކުރިމަތީގައި ބަލިވެފައެވެ. ޖޯޖިއާގެ ވެރިރަށް އެޓްލަންޓާގައި ބޭއްވި ރިޔާސީ ބަހުސްގައި ބައިޑެން ފެނިގެންދިޔައީ ވަރަށް "ލޮނުމަޑު" އަދި "ވަނދު" ބޭފުޅެއްގެ ގޮތުގައެވެ.

ޓްރަމްޕް ދެއްވި ބަހުގެ ގިނަ ހަމަލާތަކަށް ބައިޑެންއަކަށް ރައްދެއް ނުދެވުނެވެ. އަދި، ބައިޑެންގެ ކިބައިން "ނެގިމަޑުވެފައި" ހުންނަ މަންޒަރާއި ހާސްވެފައި ހުންނަ މަންޒަރާއި އޭނާ ޖިސްމާނީ ގޮތުންނާއި ބުއްދީގެ ގޮތުން ވެރިކަމަށް ފިޓްނޫންކަން އެ ބަހުސުން ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ.

އެމެރިކާގެ ރިޔާސީ ރޭހުން ބައިޑެން އެއްފަރާތްކޮށް އޭނާގެ ބަދަލުގައި ޑިމޮކްރެޓިކް ޕާޓީގެ އެހެން ބޭފުޅަކު ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ނެރުމަށް ގޮވައިލާ އަޑުތައް ބައިޑެންގެ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި މިހާރުވަނީ ގަދަވެފައެވެ.

ބައިޑެންގެ ބައެއް ރަހުމަތްތެރިން ވެސް ވަނީ ޝަރަފުވެރިގޮތުގައި ރިޔާސީ ރޭހުން ފާބައިވަޑައިގަތުމަށް އޭނާއަށް ނަސީހަތްތެރިވެވަޑައިގެންފައެވެ. އެ ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އެހެން ނޫންނަމަ ކެމްޕޭން ތެރޭގައި ބޮޑު ފަޟީހަތްތަތަކާ ބައިޑެން ކުރިމަތިލާން ޖެހިދާނެއެވެ. ނޫނީ ރިޔާސީ ރޭހުގައި ބޮޑު ބައްޔަކުން ޓްރަމްޕްގެ ކުރިމަތީގައި ބައިޑެން ބަލިވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ނަމަވެސް، އުމުރުން 81 އަހަރުގެ ބައިޑެން މިކަން ގަބޫލެއްނުކުރައްވައެވެ. އެ ބޭފުޅުންނަށް ރައްދު ދެއްވައި ބައިޑެން ވިދާޅުވެފައިވަނީ އޭނާއަކީ ވާނުވާ އެނގޭ އަދި ގާބިލު ބޭފުޅެއް ކަމުގައެވެ. ކުރިއަށް އޮތް ފަސް އަހަރު ވެސް އެމެރިކާގެ ރައީސްކަން ކުރެއްވޭވަރުގެ ބޭފުޅެއް ކަމުގައެވެ. މީގެ އިތުރުން، ރިޔާސީ އިންތިޚާބުގައި ޓްރަމްޕްގެ މައްޗަށް ކުރި ހޯއްދެވޭނެ ހަމައެކަނި ބޭފުޅަކީ ވެސް އޭނާ ކަމަށް ވިދާޅުވެ، ބައިޑެންވަނީ ވާހަކަދައްކަވާފައެވެ.

ބައިޑެންވަނީ އޭނާގެ ކެ،ްޕޭނަށް އެންމެ ބޮޑަށް ޚަރަދުކުރާ މުއްސަނދި ޑޯނަރުންނާ އިއްޔެ ބައްދަލުކުރައްވައި އޭނާއަށް އިތުބާރުކުރުމަށާއި އޭނާގެ ކެމްޕޭނަށް ޚަރަދުކުރުން މަތީ ދެމިތިބުމަށް އެ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

comment ކޮމެންޓް