ޕާކިސްތާނުގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ އަފްޣާން ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވައިލުމުގެ ދެވަނަ ބުރުގެ މަސައްކަތް އެ ގައުމުން ފަށައިފިއެވެ.
އިއްޔެ ފެށި އެ މަސައްކަތުގައި 800،000 އަށް ވުރެ ގިނަ އަފްޣާނިސްތާނުން އެގައުމުން ފޮނުވާލުން އެކަށީގެންވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ވޮލަންޓިއާކޮށް ނުނިކުމެއްޖެނަމަ ރެފިއުޖީން ހައްޔަރުކޮށް ޑީޕޯޓުކުރާނެއެވެ.
ރެފިއުޖީން ފޮނުވައިލުމުގެ ފުރަތަމަ ބުރުގެ ކުރިން ޕާކިސްތާނު ސަރުކާރުން ބުނީ ގާތްގަޑަކަށް 4.4 މިލިއަން އަފްޣާން ރެފިއުޖީން ޕާކިސްތާނުގައި ތިބި ކަމަށާއި އޭގެތެރެއިން 1.73 މިލިއަން މީހުންނަނީ ލިޔެކިޔުންތައްނެތި، ގަވާއިދާ ޚިލާފަށް އުޅޭ މީހުން ކަމަށެވެ.
ޑީޕޯޓުކުރުމުގެ އަމުރު ޕާކިސްތާނު ސަރުކާރުން ނެރެފައިވަނީ ހަތިޔާރު އެޅި ހަމަލާތައް އެ ގައުމުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
އެ ހަމަލާތައް ދެމުން އަންނަނީ އަފްޣާނިސްތާނުގައި ތިބި ޖަމާއަތްތަކުން ކަމަށް ޕާކިސްތާނު ސަރުކާރުން ބުނެއެވެ. ނަމަވެސް އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާނުން ވަނީ އެކަން ދޮގުކޮށްފައެވެ.
ރެފިއުޖީން ފޮނުވައިލުމާ ގުޅިގެން އިސްލާމްއާބާދުގައި ހުންނަ ހައިކޮމިޝަނާ ފޯ ރެފިއުޖީސް (ޔޫއެންއެޗްސީއާރު)ގެ މަންދޫބު ފިލިޕާ ކެންޑްލާ އަލްޖަޒީރާއަށް ވިދާޅުވީ ލިޔެކިޔުންތައް ނެތް ގިނަ މީހުންނަކީ ބައިނަލްއަގުވާމީ ހިމާޔަތް ބޭނުންވާ މީހުން ކަމުން ޕާކިސްތާނުން އެމީހުން ފޮނުވާލުމުގެ ކުރިން ލިޔެކިޔުންތައް ނެތް އަފްޣާނުންގެ ޕްރޮފައިލްތައް ބަލަންޖެހޭ ކަމަށެވެ.
"އެއީ ރެފިއުޖީން. އެމީހުން ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިއެއް ނުވޭ" އެއީ ހަމައެކަނި ފިލައިގެން ދިޔަ މީހުންނާއި ރައްކާތެރިކަން ބޭނުންވާ މީހުން. އަފްޣާނިސްތާނުގެ އެއްވެސް ރައްޔިތަކު ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިވިނަމަ އެކަމާ ވަކިން މުއާމަލާތް ކުރަން ޖެހޭ," ކެންޑްލާ އިތުރަށް ވިދާޅުވިއެވެ.
ގާތްގަނޑަކަށް 1،300 އަފްޣާން އާއިލާ ދިރިއުޅޭ ޕެޝަވާރު ސިޓީގައި ހުންނަ ޚަޒާނާ ރެފިއުޖީ ކޭމްޕުން ރިޕޯޓް ކުރަމުން އަލްޖަޒީރާގެ ކަމާލް ހައިދަރު ބުނި ގޮތުގައި އަފްޣާންގެ ރެފިއުޖީން ވަނީ އެ މީހުން މިހާރުން މިހާރަށް ފޮނުވައިނުލައި އިތުރު ވަގުތު ދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށާއި ޕާކިސްތާން ސަރުކާރުގައި އެދިފައެވެ.
ޕާކިސްތާނަކީ 1951 ވަނަ އަހަރު ފާސްކުރި ރެފިއުޖީންގެ ހައްގުތައް ހިމާޔަތްކުރާ އދ.ގެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެއް ނޫނެވެ. އަދި ރެފިއުޖީން ހިމާޔަތް ކުރުމަށް އެތެރޭގެ ގާނޫނުތަކުގެ އިތުރުން އެގައުމުގެ ބޯޑަރުތަކުގެ ތެރޭގައި ބައިނަލްއަގްވާމީ ހިމާޔަތެއް ހޯދަން ބޭނުންވާ ފަރުދުންގެ ހާލަތު ކަނޑައެޅުމުގެ އުސޫލުތަކެއް ވެސް އެ ގައުމުގައި ނެތެވެ.
އަފްޣާނިސްތާނަށް އެނބުރި ދާ ރެފިއުޖީންނަށް އަނިޔާވެރިވެރިކަމާ ކުރިމަތިލާން ޖެހިދާނެކަމުގެ ނުރައްކާތެރި އިންޒާރު، ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ، އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ ދީފައެވެ.