މި ވަގުތު ދުނިޔޭގެ އެންމެ ވަރުގަދަ އަންހެން މެންބަރުންގެ ގްރޫޕު ކަމަށްވާ "ބްލެކްޕިންކް"ގެ މެންބަރު ލާލިސާ މަނޮބަލް (ލިސާ)ގެ އާ މިއުޒިކް ވީޑިއޯއާ އެކު އެތައް ތަފާތު ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ.
ބްލެކްޕިންކްގެ ޕްރޮޑަކްޝަނުން ބޭރުން ލިސާ ވަނީ އަމިއްލަ ރިކޯޑް ލޭބަލް އެއް ތައާރަފުކޮށްފައެވެ. އެ ޕްރޮޑަކްޝަނުގެ ދަށުން ފުރަތަމަ މިއުޒިކް ވީޑިއޯއާ އެކު ލިސާ ލަވައެއް ނެރެފައިވަނީ މިދިޔަ ހަފުތާ ބަންދުގައެވެ. އެއާއެކު އެ ލަވަ އަންނަނީ މިއުޒިކްގެ ޗާޓުތަކުގެ އެންމެ މައްޗަށް އަރަމުންނެވެ. ނަމަވެސް، ރިކޯޑުތަކުން ބޭރުން ލަވަ ޝޫޓުކުރި ގޮތާ މެދު އެތައް ބައެއްގެ މެދުގައި ލިސާއަށް އަންނަނީ ތައުރީފު ރައްދުވަމުންނެވެ.
ތައިލެންޑަށް ނިސްބަތްވާ ލިސާގެ އާ ލަވަ "ރޮކްސްޓާ"ގެ ބައެއް މަންޒަރުތައް ނަގާފައިވަނީ ތައިލެންޑުގައެވެ. އޭގެ ތެރެއިން އެއްބައި މަންޒަރުތަކެއް ނަގާފައިވަނީ މަޝްހޫރު ޔައޮވަރަތު މަގުގައި ހުންނަ ސްޓޯލްތަކާއި ފިހާރަތައް ކައިރީގައެވެ. މިއީ ކުދި ވިޔަފާރިތައް ހިންގާ އެއްތައް ބަޔަކު މަސައްކަތް ކުރަމުން އަންނަ ސަރަހައްދެކެވެ.
މި މަންޒަރުތައް ޝޫޓު ކުރުމަށްޓަކައި އެ ސަރަހައްދު ބަންދު ކުރުމަށް ލިސާ އެދުނެވެ. އަދި، އެ ތަނުގައި ހިންގާ ކޮންމެ ވިޔަފާރިއަކަށް 20،000 ތައިލެންޑް ބާތު (ގާތްގަނޑަކަށް 545 އެމެރިކާ ޑޮލަރު) ވަނީ ލިސާ ދީފައެވެ. އޭގެ ބަދަލުގައި އެދުނީ އެއް ދުވަހުގެ ވިޔަފާރިތައް ތަންކޮޅެއް ކުރީން ނިންމާލައި ފިހާރަތައް އަވަހަށް ބަންދު ކޮށްދިނުމަށެވެ.
https://x.com/GhoulPinks/status/1805867383598596240
އެއާ އެކު 100 އެއްހާ ފިހާރަތައް އެއްކޮށްހެން ބަންދުކޮށް ލިސާގެ މިއުޒިކް ވިޑީއޯ ޝޫޓުކުރުމަށް އެހީތެރިވިއެވެ. މި މަސައްކަތަށް ވިޔަފާރިތަކަށް ގާތްގަނޑަކަށް 2،000،000 ބާތު (54،000 އެމެރިކާ ޑޮލަރު) އޭނާ ހޭދަ ކުރިއެވެ. އެއަށް ފަހު ޝޫޓިންގެ މަންޒަރުތަކަށް ވެސް އެ ސަރަހައްދުން ޒުވާނުން ނަގައި އެ މީހުންނަށް މުސާރަ ދިނެވެ.
https://x.com/steponmelalisa/status/1806181008967962635
މިކަމާ ގުޅިގެން އެތައް ބައެއްގެ ތަރުހީބު އަންނަނީ ލިސާއަށް ލިބެމުންނެވެ. ޚާއްސަކޮށް ތައިލެންޑުގެ އެތައް ބައެއް ލިސާއަށް އޮންނަ ލޯބީގެ ބޮޑުކަން ވެސް މިއާއެކު ފެނިގެން ދިޔައެވެ.
ޔައޮވަރަތު މަގަކީ މުޅި ދުނިޔޭގެ ވެސް އެންމެ ފާހަގަކޮށްލެވޭ އެންމެ ބޮޑު އަދި ބިޒީ އެއް ޗައިނާ ޓައުން ސަރަހައްދެވެ. މި ތަނުގައި ހިންގާ ވިޔަފާރިތަކަށް ދީފައިވާ ފައިސާއަކީ އާންމުގޮތެއްގައި އެ ތަންތަނަށް މަހެއްގެ މައްޗަށް ވެސް ނުލިބޭނެ މިންވަރުގެ ފައިސާއެވެ.