އެލީޓް ރަނާސްގެ 'ހުޅުމާލެ ރަން'އަށް ބޮޑު ތަރުހީބެއް!

އެލީޓް ރަނާސްގެ ހުޅުމާލެ ރަން ބާއްވައިފި؛ އެ ދުވުމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި -- ފޮޓޯ/ އެލީޓް ރަނާސް

ހުރިހާ އުމުރަކަށް ހުޅުވާލައިގެން އެލީޓް ރަނާސްއިން މި ފަހަރު ބޭއްވި 'ހުޅުމާލެ ރަން'އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މި ރަން އޮތީ މިދިޔަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި ރަންއާ ބެހޭގޮތުން މައުލޫމާތު ދެމުން އެލީޓް ރަނާސްއިން ބުނީ، މި ފަހަރުގެ ރަން ވަރަށް ކާމިޔާބު ކަމަށެވެ. އަދި، މި ދުވުމުގެ ހުރިހާ ކަމެއް ވެސް ޕްލޭނާ އެއް ގޮތަށް ވަރަށް ފުރިހަމައަށް ގޮސްފައިވާ ކަމަށް އެލީޓް ރަނާސްއިން ބުންޏެވެ.

އެލީޓް ރަނާސްގެ ހުޅުމާލެ ރަން: ފަސް ކިލޯމީޓަރުން ވަނަވަނައަށް ދިޔަ އަންހެން ދުވުންތެރިން -- ފޮޓޯ/ އެލީޓް ރަނާސް

އެލީޓުން ބުނި ގޮތުގައި މި ފަހަރުގެ ދުވުމުގައި 300 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ދުވުމުގައި، އެއްވަނަ، ދެވަނަ، އަދި ތިންވަނަ ހޮވާފައިވަނީ ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރު ކެޓަގަރީންނެވެ.

ފަސް ކިލޯމީޓަރުން ވަނަވަނައަށް ދިޔަ ފިރިހެން ދުވުންތެރިން:

 • އެއްވަނަ: މުހައްމަދު އިރުފާނު
 • ދެވަނަ: މުހައްމަދު ރަޝީދު
 • ތިންވަނަ: އާއިދު އަބްދުﷲ

ފަސް ކިލޯމީޓަރުން ވަނަވަނައަށް ދިޔަ އަންހެން ދުވުންތެރިން:

 • އެއްވަނަ: އައިޝަތު ޖިނަނީ
 • ދެވަނަ: މަރިޔަމް އަބްދުލް ކަރީމް

އެލީޓް ރަނާސްގެ ހުޅުމާލެ ރަން: ފަސް ކިލޯމީޓަރުން ވަނަވަނައަށް ދިޔަ ފިރިހެން ދުވުންތެރިން -- ފޮޓޯ/ އެލީޓް ރަނާސް

10 ކިލޯމީޓަރުން ވަނަވަނައަށް ދިޔަ ފިރިހެން ދުވުންތެރިން:

 • އެއްވަނަ: ހުސެއިން ފަޒީލް
 • ދެވަނަ: ޝިފާޒް މުހައްމަދު
 • ތިންވަނަ: މުހައްމަދު ފަވާޒު

10 ކިލޯމީޓަރުން ވަނަވަނައަށް ދިޔަ އަންހެން ދުވުންތެރިން:

 • އެއްވަނަ: އައިޝަތު ރިޝްމީ
 • ދެވަނަ: ފާތިމަތު ނެލްފާ
 • ތިންވަނަ: އައިޝަތު ވިޝާމާ

އެލީޓް ރަނާސްގެ ހުޅުމާލެ ރަން: 10 ކިލޯމީޓަރުން ވަނަވަނައަށް ދިޔަ އަންހެން ދުވުންތެރިން -- ފޮޓޯ/ އެލީޓް ރަނާސް

މި ދުވުމުން ވަނަތަކަށްދާ ދުވުންތެރިންނަށް ވަނީ ފައިސާގެ އިނާމު ދީފައެވެ.

އެގޮތުން، 10 ކިލޯމީޓަރުގެ ދުވުމުން އެއްވަނައަށް 7500 ރުފިޔާ، ދެވަނައަށް 5000 ރުފިޔާ އަދި ތިންވަނައަށް 3500 ރުފިޔާ ވަނީ ދީފައެވެ.

ފަސް ކިލޯމީޓަރުގެ ދުވުމުން އެއްވަނައަށް 5000 ރުފިޔާ، ދެވަނައަށް 3500 ރުފިޔާ އަދި ތިންވަނައަށް 2500 ރުފިޔާ ވަނީ ދީފައެވެ.

ދުވުމުގެ ވަނަތައް އަންހެން، ފިރިހެން އަދި އޮފީސް ކެޓަގަރީން ވަނީ ދީފައެވެ.

އެލީޓް ރަނާސްގެ ހުޅުމާލެ ރަން: 10 ކިލޯމީޓަރުން ވަނަވަނައަށް ދިޔަ ފިރިހެން ދުވުންތެރިން -- ފޮޓޯ/ އެލީޓް ރަނާސް

މި ދުވުމުގެ މެއިން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ންނެވެ. ދުވުމުގެ ގޯލްޑް ސްޕޮންސްރަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އެވެ. އަދި، އިތުރު ސްޕޮންސަރުންގެ ތެރޭގައި ކޮކަކޯލާ ވެސް ހިމެނެއެވެ.

މި ދުވުމަކީ ރާއްޖޭގައި މިހާތަނަށް ބާއްވަފައިވާ ދުވުންތަކުގެ ތެރެއިން ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްފައިވާ ދުވުމެއްކަން މީހުން ވަނީ ފާހަގަކޮށްފައެވެ.

އެލީޓް ރަނާސްގެ ހުޅުމާލެ ރަން ބާއްވައިފި؛ އެ ދުވުމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި -- ފޮޓޯ/ އެލީޓް ރަނާސް

އެލީޓް ރަނާސްއިން ބުނީ، މި ދުވުން ކޮންމެ އަހަރަކު ވެސް ބާއްވަން ނިންމާފައިވާ ކަމަށާއި ދުވުމުގައި އިލެކްޓްރޯނިކް ޓައިމިންއާއި ރޭސް ރޫޓް މެޕް މެޝާކުރާނެ ކަމަށެވެ. ރޭސް ރޫޓް މެޝާކުރަނީ އެތުލެޓިކްސް އެސޯސިއޭޝަނުންނެވެ.

އެލީޓް ރަނާސްއަކީ ދުވުންތެރިންނަށް ތަމްރީނު ދިނުމަށް، 2019 ވަނަ އަހަރު އުފައްދާފައިވާ އެސޯސިއޭޝަނެކެވެ.

comment ކޮމެންޓް