ބަހުސްގައި ބައިޑެން ބަލިކަށިކަމުން ޑިމޮކްރެޓުން މާޔޫސްވެފައި

ބައިޑެން ރިޔާސީ ބަހުސްގައި

އެޓްލަންޓާ (30 ޖޫން 2024): މި އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކޭމްޕޭނާ ގުޅޭ ރިޔާސީ ބަހުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެނަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު އަނެއްކާ ވެސް އެ މަނިކުފާނު ރިޔާސީ ކޭމްޕޭން ފައްޓަވައިފިއެވެ.

އެމެރިކާގެ އިރުމަތީ ފަޅިގެ ސްޓޭޓެއްކަމަށްވާ ނޯތް ކެރޮލައިނާގައި އަލުން ކެމްޕޭން ފައްޓަވަމުން ބައިޑެން ވިދާޅުވީ، ރިޔާސީ ބަހުސްގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީތަކާއި އެ ނާކާމިޔާބީތަކާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކަށް މާޔޫސްވެވަޑައިނުގަންނަވާ ކަމުގައެވެ.

ޖޯޖިއާގެ ވެރިރަށް އެޓްލަންޓާގައި އިއްޔެ ބޭއްވި ރިޔާސީ ބަހުސްގައި ބައިޑެން ވަނީ ވަރަށް ނިކަމެތި ގޮތަކަށް އޭނާގެ ވާދަވެރިޔާ ޑޮނަލްޑް ޓްރަމްޕްގެ ކުރިމަތީގައި ރައްދުނުދެވި ބަލިކަށިވެފައެވެ. މި ކަމާ ގުޅިގެން ކުރިމަތިވި ބޮޑެތި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ބައިޑެން ވިދާޅުވީ، އެ މަނިކުފާނު މުސްކުޅިވެ އުމުރުން ދުވަސްވެފައިވާތީ އެކަމާ ގުޅިގެން ހަށިގަނޑަށާއި ހަރަކާތްތަކަށް އަންނަ ބަދަލުތައް ގަބޫލުކުރައްވާ ކަމުގައެވެ.

ބައިޑެން ވިދާޅުވި ގޮތުގައި ކުރިން ހިންގެވިގޮތަށް މިހާރު ނުހިންގެވެއެވެ. އަދި، ކުރިން ބަހުސްތައްކުރި ފޯރިއާއި ޖޯޝުގައި މިހާރު ބަހުސް ނުކުރެެވެއެވެ. ނަމަވެސް، ނެތްވަރު ދައްކައި ދޮގު ހަދަން މަސައްކަތް ކުރައްވާފައިނުވާނެ ކަމަށާއި ބަހުސްގައި ވާހަކަދައްކަވާފައިވާނީ ތެދުބަހުން ކަމަށް ވިދާޅުވިއެވެ.

ބައެއް ކަންކަމަށް އެ މަނިކުފާނު ކޮށި ނަމަވެސް ތެދުބަހުން ވާހަކަދައްކަން އަދިވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި، އެމެރިކާގެ ރައީސެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަން ކުރަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ވެރިކަމުގެ ޒިންމާ އަދާކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުންނެވި ކަމަށް ވެސް ބައިޑެން ވިދާޅުވިއެވެ.

ބައިޑެން އާއި ޓްރަމްޕް އެމެރިކާގެ ރިޔާސީ ބަހުސްގައި

'ސީއެންއެން'އިން އިންތިޒާމުކޮށްގެން އެޓްލަންޓާގައި އިއްޔެ ބޭއްވި ރިޔާސީ ބަހުސްގައި ބައިޑެން ފެނިގެން ގޮސްފައި ވަނީ ވަރަށް "ލޮނުމަޑު" އަދި ފޯރި ނެތް "ވަނދު" ބޭފުޅެއްގެ ގޮތުގައެވެ. ޓްރަމްޕް ދެއްވި ބަހުގެ ހަމަލާތަކަށް ރައްދު ނުދެވި ބައިޑެން ފެނިފައިވަނީ "ނެގިމަޑުވެފައި" ހުރި ބޭފުޅެއްގެ ގޮތުގައެވެ. ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ބަލިކަށި ބޭފުޅެއްގެ ގޮތުގައެވެ.

ރިޕޯޓްތައް ބުނާގޮތުން ބައިޑެނަށް ތާއީދުކުރާ ފަރާތްތަކުން އުންމީދުކޮށްގެން ތިބީ އެމެރިކާގެ ރައީސްކަމުގެ މަގާމެއްގައި އިތުރު ދައުރަކުން ހުންނެވުމަށް ބައިޑެން ފިޓްކަން އެ ބަހުސްގައި އެ މަނިކުފާނު ދައްކަވާނެކަމުގައެވެ.

ނަމަވެސް، ކަންތައްވެގެން ދިޔައީ ބައިޑެންގެ ސަޕޯޓަރުން އުންމީދުކުރި ގޮތާ މުޅިން ޚިލާފަށެވެ. ބަހުސްގައި ބައިޑެން ފެނިގެންދިޔައީ ވަރަށް ބަލިކަށިކޮށެވެ.

ބަހުސްގައި ބައިޑެންގެ ފަރާތުން ފެނިގެންދިޔަ ބަލިކަށިކަމާއި ނިކަމެތިކަމާއި އޭނާގެ ވާދަވެރިޔާ ޓްރަމްޕަށް ރައްދު ނުދެވުމުގެ ނަތީޖާއެއްގެ ގޮތުން ބައިޑެންގެ ސަޕޯޓަރުންވަނީ މުޅިން މާޔޫސްވެފައެވެ. އެ މަނިކުފާނުގެ ޕާޓީ ކަމަށްވާ ޑިމޮކްރެޓިކް ޕާޓީ ތެރޭގައި ވެސް ވަނީ މި މައްސަލާގައި ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ. އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ސްޓްރެޓެޖިސްޓުންނާއި ތަޖުރިބާކާރުން އަދި އިސްވެރިން ވެސް ވަނީ މުޅިން މާޔޫސްވެފައެވެ.

ޑިމޮކްރެޓިކް ޕާޓީގެ ސްޓްރެޓެޖިސްޓުންނާއި އިސްވެރިންގެ ބައެއް ބޭފުޅުން މިހާރު ބޭނުންވަނީ ބައިޑެންގެ ބަދަލުގައި އެހެން ކެންޑިޑޭޓަކުން އިންތިޚާބަށް އެ ޕާޓީން ނެރުމަށެވެ. މި ވާހަކަތައް ކުރިން އޮތީ ސިއްރު ކަމެއްގެ ގޮތުގައެވެ. ނަމަވެސް، ރިޔާސި ބަހުސްގައި ބައިޑެންގެ ފަރާތުން ފެނުނު ބަލިކަށިކަމުން މި ވާހަކަތައް މިހާރުވަނީ ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިން ތޮށިގަނޑު ފަޅާލުމަށް ފަހު ފާޅުގައި ދައްކަވަން ފައްޓަވާފައެވެ.

ޓްރަމްޕާ ވާދަކުރުމަށް ބައިޑެންގެ ބަދަލުގައި އެހެން ކެންޑިޑޭޓަކު ނެރެންޖެހޭ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިއެއް ކަމަށްވާ ތޯމަސް ފްރެޑްމަންވަނީ ފާޅުގައި ވިދާޅުވެފައެވެ. ފްރެޑްމަން އަކީ ބައިޑެންގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. އެހެންނަމަވެސް، އޭނާ ވަނީ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަތުމަށް ބައިޑެން ފިޓު ނޫން ކަމަށް ވިދާޅުވެ، ވާހަކަދައްކަވާފައެވެ.

ރިޔާސީ ބަހުސްގައި ޓްރަމްޕްވަނީ ހޫނު ހަމަލާތަކެއް ބައިޑެނަށް ފޮނުވާލާފައެވެ. ޓްރަމްޕްވަނީ އެ މަނިކުފާނަށް ނުކުރެވޭވަރުގެ ބޮޑެތި ކަންކަން ކުރެވޭނެކަމަށް ވިދާޅުވެފައެވެ.

މި ގޮތުން އެ މަނިކުފާނު ވެރިކަމުގައި ހުންނެވިނަމަ ޔުކްރެއިނަށް އަރައިގަންނަން ރަޝިއާއަށް ނުކެރޭނެކަމާއި އޮކްޓޯބަރު ހަތެއްގައި ހަމާސްއިން އިސްރާއީލަށް ދިން ގަދަފަދަ ހަމަލާތައް އެ މަނިކުފާނުގެ ވެރިކަމުގައި ހުންނެވިނަމަ ދޭން ހަމާސްއަށް ނުކެރުނީސްކަމާއި އަދި އީރާނުން 3،000 މިސައިލަށް ވުރެ ގިނަ މިސައިލާއި ޑްރޯން ބޭނުންކޮށްގެން އިސްރާއީލަށް ދިން ވަރުގަދަ ރައްދު ހަމަލާ ވެސް އޭނާ ވެރިކަމުގައި ހުންނެވިނަމަ ދޭން ނުކެރުނީސް ކަމަށް ވިދާޅުވެ، ޓްރަމްޕްވަނީ ފޮނިބައިސާގެ ވާހަކަތަކެއް ދައްކަވާފައެވެ.

comment ކޮމެންޓް