ޕީއެންސީ މެންބަރުންނަށް މުލީއާގެއިން 50،000 ރުފިޔާ ދޭ ވާހަކަ ދޮގުކޮށްފި

ޕީއެންސީގެ މެންބަރުން: އެ މެންބަރުންނަަށް މުލީއާގެއިން 50،000 ރުފިޔާދޭ ވާހަކަ ވަނީ ދޮގުކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ މެންބަރުންގެ އަޑުމަޑުކުރަން މުލީއާގެއިން 50،000 ރުފިޔާ ދޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ކުރެއްވި ތުހުމަތުތައް ސަރުކާރުން މިއަދު ދޮގުކޮށްފިއެވެ.

ރާއްޖެ ޓީވީގައި މިދިޔަ ބުދަ ދުވަހު ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، މަޖިލީހަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް ހިންގަންޖެހޭ ތަނެއްކަމަށް މި ސަރުކާރަށް ހީވެގެން އުޅޭ މަންޒަރު ފެންނަ ކަމަށެވެ. އަދި، އެ މެންބަރުންނަށް މުލީއާގެއިން 50،000 ރުފިޔާ ދޭ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އެކަމަކު، މި ވާހަކަތައް ދޮގުކޮށް ރައީސް އޮފީހުގެ ތަރުޖަމާނު ހިނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއީ ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކައެއް ކަމަށެވެ.

ފައްޔާޒް ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވެސް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަން ފާހަގަކުރައްވައި، ނުރުހުން ފާޅުކުރައްވައިފައެވެ.

"މިއަދު އެ ކަންތައް އެހެން ހިނގިއަސް އެހެން ބުނަން ހެޔޮނުވާނެ ޑިމޮކްރެސީގައި ތިން ބާރު ވަކިވެފައި އޮންނަ ވެރިކަމެއްގައި،" މިއީ ލަދުވެތި ކަމެއްކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވިއެވެ.

ވިޕް ލައިނާ ޚިލާފު ނުވެ، މެންބަރުން ބޭނުން ގޮތަކަށް ވާހަކަދެއްކުމުގެ މިނިވަންކަން ވެސް އޮންނަން ޖެހޭނެކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، މުލީއާގެއިން މެންބަރުން ކޮންޓްރޯލް ކުރާކަމުގެ އަޑުތަށް ވެސް އިވޭކަމަށެވެ.

"އަޅުގަނޑުމެން އަޑުއަހަން ކޮންމެ މެންބަރަކަށް މުލިއާގެއިން 50،000 ރުފިޔާ ދޭކަމަށް. ދެން އޭގައި ޖެހިފައި ތިބެންޏާ އެ ބޭފުޅުން އެ ވާހަކަ ދައްކާނެކަމެއް ނެތް ކޮންމެހެން ތިމަންނަމެންނަށް ފުރުސަތު ނެތް ވާހަކައެއް،" ފައްޔާޒު ވިދާޅުވިއެވެ.

ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބުނު ވިހިވަނަ މަޖިލީހުގެ ރައީސަކަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވަން އަބްދުއްރަޙީމް އަބްދުﷲ އަދި ނައިބު ރައީސަކަށް އަހުމަދު ނާޒިމް އިޚުތިޔާރުކުރެއްވީ ރައީސް މުއިއްޒެވެ.

އިދިކޮޅު އެމްޑީޕީއަށް މަޖިލީހުން ލިބުނީ އެންމެ 12 ގޮނޑިއެވެ. މިއީ، އެ ޕާޓީގެ ތާރީޚުގައި ވެސް އެންމެ ދަށް އަދަދަކަށް ގޮނޑި ލިބުނު ފަހަރެވެ.

comment ކޮމެންޓް