އިންޑިއާގެ ސަރުކާރުން ބްލެކް ލިސްޓުކޮށްފައިވާ ޕާކިސްތާނުގެ ޕްރޮމޯޓަރަކާ ގުޅިގެން މަސައްކަތް ކުރާތީ ބަތަލާ މަދޫރީ ޑިކްސިޓްއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
މަދޫރީއާ ގުޅިގެން މަސައްކަތް ކުރާ މީހަކީ ޕާކިސްތާން ދަރިކޮޅުގެ ހިއުސްޓަންއަށް ނިސްބަތްވާ ޕްރޮމޯޓަރެއް ކަމަށްވާ ރެހާން ސިއްދީގީއެވެ. އިންޑިއާ ސަރުކާރުން ރެހާން ސިއްދީގީ ބްލެކް ލިސްޓު ކޮށްފައިވަނީ އޭނާއަކީ ހަރުކަށި ފިކުރާ ގުޅުން އޮންނަ މީހެއް ކަމަށް ތުހުމަތުކޮށްފައެވެ. މަދޫރީއަށް އަމާޒުވި ފާޑުކިޔުންތައް ތިލަވާން ފެށީ މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ސިޔާސީ ކޮލަމިސްޓެއް ކަމަށްވާ ސުނަންދާ ވަޝިޝްތު މި މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތި ކުރުމާ ގުޅިގެންނެވެ.
މި އަހަރު ފާހަގަކުރާ އިންޑިއާގެ މިނިވަން ދުވަހުގެ އެއް ދުވަސް ފަހުން ޓެކްސަސްގެ ހިއުސްޓަންގައި ބާއްވާ ހަރަކާތެއްގައި ބަތަލާ މަދޫރީއާއި ރެހާން ސިއްދީގު ބައިވެރިވާކަން ދައްކުވައިދޭ ޕޯސްޓަރެއް ސުނަންދާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ކުރިން ކޮންމެ ވެސް ވަރަކަށް އެ ނިންމުމާމެދު ވިސްނާލުމަށް ސުނަންދާ ވަނީ ބަތަލާ މަދޫރީގެ ކިބައިން އެދިފައެވެ.
މީގެ އިތުރުން، ރެހާން ސިއްދީގުގެ މައުލޫމާތުތައް މަދޫރީއަށާއި ބަތަލާގެ އާއިލާއާ ހަމައަށް ފޯރުކޮށްދިނުމަށް އެހީތެރިވުމަށް ވެސް އޭނާ ވަނީ އާއްމުންގެ ފަރާތުން އެދިފައެވެ. ހަމައެއާ އެކު ރެހާން ސިއްދީގު ބްލެކް ލިސްޓުކޮށްފައިވާކަން އަންގައިދޭ ސަރުކާރުގެ ވުޒާރާގެ ލިޔުމެއް ވެސް ސުނަންދާ ވަނީ އެކްސްގައި ހިއްސާކޮށްފައެވެ.
މިދިޔަ މަހު ފަލަސްތީނުގެ ރަފާހަށް އިޒްރޭލުން ދިން ހަމަލާ ކުށްވެރިކޮށް މަދޫރީ ކުރި ޕޯސްޓެއް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް ފަހުން އެ ޕޯސްޓު ފޮހެލުމުން ވެސް ބަތަލާއަށް ވަނީ ދާދި ފަހުން ގިނަބައެއްގެ ނުރުހުން އަމާޒުވެފައެވެ. މި ފަހުން ފިލްމުތަކުން ވަރަށް މަދުން ފެންނަ ބަތަލާ މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ ކަލަސް ޓީވީއިން ދައްކަމުން އަންނަ ޝޯ "ޑާންސް ދިވާނޭ3"ގައެވެ.