މަހަކު ތިން ފޮތަށްވުރެ ގިނައިން ގުރުއާން ހިތުދަސްކުރާ މީހުންނަށް ޕޮކެޓުމަނީ ދެނީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: އޭނާ ތިން ފޮތަށްވުރެ ގިނައިން ގުރުއާން ހިތުދަސްކުރާ މީހުންނަށް ޕޮކެޓު މަނީއެއް ދޭނެ ކަމަށް -- ފޮޓޯ/ މިނިސްޓްރީ

އަންނަ އަހަރުން ފެށިގެން ތިން ފޮތަށްވުރެ ގިނައިން ގުރުއާން ހިތުދަސްކުރާ މީހުންނަށް ޕޮކެޓު މަނީއެއް ދޭން ނިންމައިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ 36ވަނަ ގައުމީ މުބާރާތް ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ގުރުއާން ހިތުދަސްކުރުމަށް ބާރު އެޅުމަށް މީގެ ކުރީން ވެސް ޑރ. ޝަހީމްގެ މިނިސްޓަރުކަމުގައި ޕޮކެޓު މަނީއެއް ދިންކަން ފާހަގަ ކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގައި ގުރުއާނުގެ އިލްމު ފުޅާކޮށް، ގުރުއާން ހިތުދަސްކުރުމަށް ބާރު އެޅުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

"އިރާދަ ކުރެއްވިއްޔާ މި އަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު ތިން ފޮތަށްވުރެ ގިނައިން ދަސްކުރާ ކުދިންނަށް ޚާއްސަ ޕޮކެޓް މަނީއެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ގުރުއާން ހިތުދަސްކުރާ ކުދިން އުމްރާއަށް ފޮނުވުމުގެ މަޝްރޫއެއް ވެސް ކުރިޔަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ފައްޓަވާނެކަން މިނިސްޓަރު ހާމަކުރެއްވިއެވެ. އެގޮތުން އެންމެ ފުރަތަމަ އުމްރާއަށް ފޮނުވަނީ ފުވައްމުލަކު ސިޓީން ގުރުއާން ހިތުދަސްކުރި ހަތް ދަރިވަރަކު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

".. އަޅުގަނޑު ކުރިން ދަންނަވާފައި އޮންނާނެ އެހެން ޖަލްސާއެއްގައި، ހައްޖުގެ ފަހުން އަޅުގަނޑުމެން އެ މަޝްރޫއު ފަށާނެ ވާހަކަ. އިރާދަ ކުރެއްވިއްޔާ މިހާރު ހައްޖު ނިމިއްޖެ. މިހާރު މި އޮތީ އެ ކަން ފަށަން ޖެހިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތް – ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަމަ މި މަސައްކަތުގެ ތެރެއިން މި ވެރިކަމުގެ ތެރޭގައި ކީރިތި ގުރުއާނާބެހޭ މަރުކަޒަށް ޚާއްސަ ބިނާއެއް ރާއްޖޭގައި ގާއިމް ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. މީގެ އިތުރުން ވެސް އައްޑޫއާއި ފުވައްމުލަކުގެ އިތުރުން ހައްދުން މައްޗާއި އެހެނިހެން ބައެއް ސަރަހައްދުތަކުގައި ވެސް ގުރުއާނާބެހޭ މަރުކަޒެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ތަންތަނުގައި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއުތައް ވަރުގަދަ ކުރާނެ ކަމަށެވެ.

ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒު ހިންގަމުންދަނީ ކިންގް ސަލްމާން މިސްކިތުގެ ތެރޭގައެވެ. މިނިސްޓަރު ވިދާޅުވީ އެ ތަނަކީ ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒު ހިންގުމަށް އެއީ އެންމެ މުނާސަބު ބިނާއެއް ނޫން ކަމަށެވެ. އަދި އެ ތަން ބިނާކޮށްފައި ހުރި ގޮތުން އިތުރު ބިނާއެއް ބޭނުންވާ ކަމުގެ އިހުސާސް މިއަދު ކުރެވޭ ކަމަށެވެ.

https://sun.mv/193609

މި ސަރުކާރުން ކީރިތި ގުރުއާނަށް ދޭ އަހަމިއްޔަތުކަން ވަރަށް ބޮޑުކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އިސްލާމިކް މިނިސްޓްރީއަށް އެ ކަންކަން މަތިކޮށްފައިވާއިރު، ގުރުއާނުގެ އިލްމާއި ދީނީ ކަންކަމާއި ގުޅޭ ޕްރޮގްރާމްތައް އެ މިނިސްޓްރީން ދަނީ ކުރިޔަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ޒުވާން ޚަތީބުން ތަމްރީނު ކުރުން ފާހަގަ ކުރެވެއެވެ.

comment ކޮމެންޓް