ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ދެވަނަ ބެޗުގެ އެޕްލިކޭޝަނަށް ހުޅުވާލައިފިއެވެ.
ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރާ ޕްރޮގްރާމްއެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދެވަނަ ބެޗް ތިން ސަރަހައްދެއްގައި ބާއްވާނެ ކަމަށެވެ. މި ފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނު ބާއްވަން ހަމަޖެހިފައި އޮތީ މާލޭގެ އިތުރުން އައްޑޫ ސިޓީއާއި މީމު އަތޮޅުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ފުރަތަމަ ބެޗުގައި 100 އަށްވުރެ ގިނަ ކުދިން ވަނީ ސަނަދު ހާސިލްކޮށްފައެވެ.
މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެ ނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތަކެއް ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ލިބިފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މި ޚާއްސަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ޚަތީބުން ތަމްރީނު ކުރުމުގެ ފުރަތަމަ ބުރުގައި ސަލްމާން މިސްކިތުގައި ތަމްރީނުތަކެއް ބޭއްވިއެވެ. މިނިސްޓްރީން ބުނީ ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތަކެއް ދީފައިވާ ކަމަށެވެ.
ތަމްރީނުތައް ފުރިހަމަ ކުރުމަށް ފަހު އިމާމުވެ ނަމާދު ކުރުމުގެ ހުއްދަ ދޭނެ ކަމަށް މީގެކުރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އިމާމުވެ ހުކުރު ނަމާދު ކުރަން ވަކި ސަނަދެއް ބޭނުންވެއެވެ. މިހާރު އެ ހުއްދަ ދޫކުރަނީ އެސްއެސްސީ ނުވަތަ އެޗްއެސްސީ އިމްތިހާނުގެ ދިވެހި އަދި އިސްލާމުން ދަށްވެގެން ސީ ފާސް، ނުވަތަ އަރަބި މީޑިއަމުން ސާނަވީ ދެވަނަ އަހަރުން ފާސްވެފައިވާނަމައެވެ. އަދި، ޤުރުއާނާއި ފިޤުހު ހިމެނޭހެން ގައުމީ ސަނަދުގެ ލެވެލް ތިނަކުން މަތީގެ ސެޓްފިކެޓެއް އޮންނަން ޖެހެއެވެ.
ނަމަވެސް މިހާރު ގެނެސްފައިވާ ބަދަލާއެކު ސްކޫލު ނިންމާ ދަރިވަރުންނަށް ވެސް ޚުތުބާ ކިޔުމުގެ ސަނަދު ހޯދޭނެއެވެ.