ދާދި ފަހުން ބޭރުދުނިޔޭގެ ބައެއް ޚަބަރުތަކުގައި އެމެރިކާ އަދި ސައުދީ އަރަބިއާގެ 50 އަހަރުވީ އެއްބަސްވުމެއް ނިމުމަކަށް އައި ވާހަކައާ، އަދި މި އެއްބަސްވުން ސައުދީއިން އާނުކުރާނެ ވާހަކަވެސް އޮތެވެ. ބޭރުގެ ބައެއް ޚަބަރުތަކުގައި އޮތް ގޮތުންނަމަ، ސައުދީއާއި އެމެރިކާގެ ދެމެދުގައި ވެވިފައިވަނީ 'ޕެޓްރޯޑޮލާ' ގެ އެއްބަސްވުމެކެވެ. އަދި މި އެއްބަސްވުމުގެ މުއްދަތު ވަނީ މިހިނގާ ޖޫން މަހުގެ ތިން ވަނަ ދުވަހު ހަމަވެފައެވެ.
ބައެއް ނޫސްތަކާއި ނޫސްވެރިން ވަނީ މި ޚަބަރުގެ މައްޗަށް ބުރަވެ ސައުދީއިން، އެ މީހުން އެމެރިކާއަށް ވިއްކާ ތެލަށްވާ ފައިސާ ޑޮލަރުން ގަތުން ހުއްޓާލާތީ، އެކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި މިހާރުވެސް މަޑުޖެހެމުން އަންނަ ޑޮލަރަށް ދެންވާނޭ ގޮތާމެދު އެކި ކަހަލަ ވީޑިއޯ ރިޕޯޓުތަކާއި ޕްރޮގްރާމުތައް ހުށަހަޅާފައެވެ.
ކޮންމެއަކަސް، އެ 50 އަހަރުވީ އެއްބަސްވުމަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި ބައިނަލްއަޤްވާމީ ގުޅުމަށްޓަކައި މި ދެ ގައުމުން އެޅި ވަރަށް މުހިންމު ފިޔަވަޅެއްކަމުގައިވެސް އެތައް ބައިވަރު ނޫސްތަކުންވަނީ ބުނެފައެވެ. އަދި މިފަދަ މުހިންމު އެއްބަސްވުމެއް ނިމި، އެ އާނުކުރާނަމަ، އެކަމުން މި ދެ ގައުމަށާއި މުޅި ދުނިޔެއަށް ކުރާނޭ ގެއްލުމުގެ ވާހަކަތައްވެސް ދެކެވުނެވެ.
އެގޮތުން ބަލާއިރު، ހަންގް ޓްރާން ނަމަކަށް ކިޔާ ނޫސްވެރިޔަކު 'އެޓްލާންޓިކް ކައުންސިލް' އަށް ލިޔެފައިވާ ގޮތުންނަމަ، މި އެއްބަސްވުން ނިމުމަކަށް އައުމުގެ އެއް ނަތީޖާއަކަށް ވެގެންދާނީ ދުނިޔޭގެ 'ރިޒާވް ކަރަންސީ' އެއްގެ ގޮތުގައި ޑޮލަރު ހިފަހައްޓަމުން ދިޔަ ޖާގައަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވުމެވެ. އަދި ބްރިކްސް (ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ، ސައުތް އެފްރިކާ) ފަދަ ގްރޫޕުތަކާއި މެދުއިރުމަތި އަދި އޭޝިއާގެ ގައުމުތަކުން، ޑޮލަރުން ކުރާ މުއާމަލާތްތައް މަދުވެގެންދާނޭ ކަމުގެ އިޝާރާތެއްވެސް މި ރިޕޯޓުގައި ޓްރާން ވަނީ ކޮށްފައެވެ.
އެހެންނަމަވެސް، ހަޤީޤަތަށް ބަލާލާއިރު، އެމެރިކާ އަދި ސައުދީ އަރަބިއްޔާއާ ދެމެދު އެފަދަ އެއްބަސްވުމެއް ނެތްކަމަށް އިތުބާރު ހުރި ވަރަށް ގިނަ ޚަބަރު ފަތުރާ ފަރާތްތަކުންވަނީ އޭގެ ދުވަސްތަކެއް ފަހުން ރިޕޯޓުކޮށްފައެވެ.
އެއްބަސްވުމުގެ ހަޤީޤަތް
ދަ ނިއު ޔޯކް ޓައިމްސްއަށް ބާނާޑް ގްވާޓްޒްމަން 1974 ވަނަ އަހަރުގެ ޖޫން 09 ގައި ލިޔުނު ޚަބަރެއްގައި އޮތް ގޮތުންނަމަ، އެމެރިކާ އަދި ސައުދީ އަރަބިއާއާ ދެމެދު އިޤްތިޞާދާއި އަސްކަރިއްޔާއާ ގުޅުންހުރި އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ގުޅުން މީގެކުރިން ބަދަހިނުވާ މިންވަރަށް ބަދަހިވެގެންދާނެކަމަށް އެ ލިޔުމުގައި އޮތެވެ.
މި ލިޔުމުގައި ގްވާޓްޒްމަން ބުނެފައިވާ ގޮތުންނަމަ، މިއީ އެމެރިކާއިން އަރަބި ގައުމަކާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ފަހަރުވެސްމެއެވެ. އޭނާ އެ ލިޔުމުގައި އިތުރަށްވަނީ، މި އެއްބަސްވުމުގެ ސަބަބުން ސައުދީއިން ތެޔޮ އުފެއްދުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށާއި އަދި ދެ ގައުމުގެ ދެމެދުގައި އިޤްތިޞާދީ ގާތްގުޅުމެއް ބިނާވެގެންދާނޭ ކަމަށްވެސް ބަޔާން ކޮށްފައެވެ.
ގްވާޓްޒްމަންގެ މި ލިޔުމުގައި އެ ބުނާ އެއްބަސްވުމަކީ އެމެރިކާގެ އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ހެންރީ ކިސިންޖާ އަދި ސައުދީ އަރަބިއާގެ އޭރުގެ އަމީރު އަދި ދެވަނަ ނައިބް ވަޒީރު ފަހްދު އިބްން އަބްދުލް އަޒީޒްއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެކެވެ.
މި ސޮއިކުރެވުނު އެއްބަސްވުމާ ބެހޭ ގޮތުން، ފަހްދު ބުނެފައިވަނީ މިއީ ސައުދީއާއި އެމެރިކާއާ ދެމެދުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދާނޭ އެއްބަސްވުމެއްކަމުގައެވެ. މި ކަމަށް ވާގިދޭ ފަދައިން، ކިސިންޖާވެސް ވަނީ މިއީ ދެ ގައުމުގެ ގުޅުމަށް ވަރަށް މުހިންމު އަދި އެދެވޭ ފިޔަވަޅެއް ކަމުގައި ބުނެފައެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި، މިއެއްބަސްވުމުގައި ސައުދީގެ ފަރާތުން ފަހްދު ސޮއިކުރުމުގެ އެއް އަހަރު ކުރިން އެ ގައުމުގެ އޭރުގެ ރަސްގެފާނު ފައިސަލް ބިން އަބްދުލްއަޒީޒް އަލް ސައުދު ވަނީ އޭނާ ޕެޓްރޯލިއަމްއާ ގުޅޭ އެންމެ މަތީ ކައުންސިލުގެ މުއައްސިޞުގެ ގޮތުގައި ހަމަޖައްސައިފައެވެ.
ދެ ގައުމުގައި ވެވުނު އެއްބަސްވުމުގެ ދަށުން ވަނީ ޖުމުލަ ދެ ޖޮއިންޓް ކޮމިޝަނެއް އުފައްދާފައެވެ. މި ކޮމިޝަންތަކުގެ ބޭނުމަކީ އިޤްތިޞާދީ ގޮތުން ދެ ގައުމުގެ ދެމެދުގައި ގުޅުންވަރުގަދަ ކުރުމަށް ކުރެވެން ހުރި ކަންތައްތައް ހޯދާ އެކަންކަމުގައި ލަފަޔާ އިރުޝާދު އެރުވުމާއި ސައުދީއަށް ބޭނުންވާ އަސްކަރީ އެހީތެރިކަމުގައި ކުރަންޖެހޭ ކަންތައްތައް ކުރުމެވެ. މި ކޮމިޝަންތަކުގެ އިތުރުން ހަތަރު 'ވޯކިން ގްރޫޕް' އެއްވެސް ވަނީ އެކުލަވާލާފައެވެ. މި ގްރޫޕުތަކުން ބަލަހައްޓަންޖެހުނު ކަންތައްތަކުގެ ތެރޭގައި ސައުދީގެ އިޤްތިޞާދީ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުން، ތައުލީމާ އިންސާނީ ވަސީލަތްތައް ވަރުގަދަކުރުން، ޓެކްނޮލޮޖީގެ ދާއިރާތަކުން ސައުދީއަށް އެހީތެރިކަން ދިނުން އަދި ސައުދީގައި ދަނޑުވެރިކަން ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
ނަވާރަ ސަތޭކަ ހަތްދިހަ ހަތަރު ވަނަ އަހަރުގެ ޖޫން ހަ ވަނަ ދުވަހު، އެމެރިކާގެ ރައީސްގެ ގެކޮޅުކަމަށްވާ 'ވައިޓް ހައުސް' ގައި އެ ގައުމުގެ އޭރުގެ ރައީސް ރިޗާޑް ނިކްސަން އަދި ސައުދީ އަމީރު ފަހުދާ ދެމެދު ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި ކިސިންޖާގެ އިތުރުން، ސައުދީއިން އޭރު އެމެރިކާއަށް ކަނޑައަޅާފައި ހުރި ސަފީރު އިބްރާހީމް އަލް-ސަވަޔަލް ވެސް ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި، ސައޫދީގެ އޭރުގެ އަމީރުވަނީ އެ ގައުމުގެ އަމާޒަކީ ގަލްފުގެ ގައުމުތަކުގެ މެދުގައި އެކުވެރިކަން ދެމެހެއްޓުމަށް ކަމުގައި ވިދާޅުވަމުން، އެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ދިމާވާ އެކިކަހަލަ ގޮންޖެހުންތަކުގެ ވާހަކައަށް ވެސް އަލިއަޅުވާލާފައެވެ. މިކަންކަމަށް ރިޢާޔަތްކޮށް، ފަހުދުވަނީ ސައުދީއިން ބޭނުން ވަނީ ގަލްފު ސަރަހައްދުގައި ހަމަނުޖެހުމެއް ހިނގާފާނޭ ފަދަ ހާލަތެއް މެދުވެރިވުމުން ދުރާލާ ރައްކާތެރިވުމަކީ އެ ގައުމަށާއި އަދި އެ ސަރަހައްދަށްވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި ވިދާޅުވެފައެވެ.
މި މޭރުމުން ވާހަކަ ދައްކަމުން، ފަހުދުވަނީ ސައުދީއިން ބޭނުންވަނީ އެ ސަރަހައްދުގެ އެއްވެސް ގައުމެއް ނުވަތަ ބިމެއް ހިފުމަށް ނޫން ކަމަށާއި، އެހެންނަމަވެސް އެހެން ފަރާތްތަކުން އެ ގައުމަށް ގަދަރުކުރުމަށް ކަމަށް ނިކްސަން ގާތުވަނީ ވިދާޅުވެފައެވެ.
މިފަދަ މޭރުމަކުން ސައުދީގެ އޭރުގެ ދެވަނަ ނައިބު ބޮޑު ވަޒީރުގެ ވާހަކަތައް ހުރުމުންވެސް ދޭހަވަނީ އެ ގައުމުން އޭރު ބޭނުންވީ އަސްކަރީ ގޮތުން ވަރުގަދަ ހަރުފަތަކަށް ދިޔުމަށް ކަމުގައި ފާހަގަ ކޮށްލެވެއެވެ. އަދި މިއީ އެ ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ބިންގާ ކަމުގައިވެސް ތާރީހު ދިރާސާކުރާ އެކިއެކި ފަރާތްތަކުން ހާމަކޮށްފައިވެއެވެ.
އެހެންކަމުން އެ ދެ ގައުމުގެ ދެމެދުގައި ހަޤީޤަތުގައި ވެވުނީ ސައުދީގެ އިޤްތިޞާދާއި އަސްކަރިއްޔާ ވަރުގަދަކުރުމަށް ވެވުނު އެއްބަސްވުމެކެވެ.
އެއްބަސްވުމަށް ދާންޖެހުނު ސަބަބު
ނަވާރަ ސަތޭކަ ހަތްދިހަ ތިން ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު މިސްރުން ބާ ލެވް ލައިންއަށް ހަމަލާތަކެއް ދޭންފެށިއެވެ. އަދި މި ހަމަލާތައް ދޭން ފެށިތާ މާގިނަ ދުވަސްތަކެއް ނުވެ ސީރިއާއިން ވަނީ ގޯލަން ހައިޓްސްއަށް ހަމަލާތަކެއް ދޭންފަށާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ދެ ސަރަހައްދަކީ އޭރު އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް ދެ ސަރަހައްދެވެ.
މި ހަމަލާތަކުގައި މިސްރުވެސް އަދި ސީރިއާވެސް ވަނީ އެކިކަހަލަ ގެއްލުންތަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން އެ ދެ ގައުމުގެ އަސްކަރިއްޔާ ބަލިކަށިވެގެން ގޮސްފައިވެއެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި އެ ގައުމުތަކުން ވަނީ ސޯވިއެޓް ޔޫނިއަންގެ އެހީތެރިކަން ހޯދާފައެވެ. އެގޮތުން ސޯވިއެޓުން ވަނީ އެ ގައުމުތަކަށް އާ ހަތިޔާރާ އަސްކަރީ މުދާތައް ފޯރުކޮށްދިނުމަށް އެ އަހަރުގެ އޮކްޓޯބަރު 12 ގައި ވައިގެ މަގުން ދަތުރުތަކެއް ފަށާފައެވެ.
މިކަން އެމެރިކާގެ އޭރުގެ ރައީސްއާއި ސެކްރެޓަރީ އޮފް ސްޓޭޓް ސިފަ ކުރީ، މިއީ އެ ގައުމާއި ސޯވިއެޓްއާ ދެމެދު އޭރު ކުރެވެމުންދިޔަ ފިނި ހަނގުރާމައިގައި ސޯވިއެޓުން އެ މީހުންގެ ބާރު މެދުއިރުމައްޗާއި ގަލްފުގެ ސަރަހައްދުގައި ވަރުގަދަ ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގައެވެ. އޭގެ ރައްދެއްގެ ގޮތުން ނިކްސަން ހަމަ އެ ދުވަހު ވަނީ 'އޮޕަރޭޝަން ބްރާސް ނިކެލް' ގެ ނަމުގައި އިޒްރޭލަށް ވައިގެ މަގުން ހަތިޔާރު ފޯރުކޮށްދިނުމަށް ހުއްދަދީފައެވެ. އެކަމުގެ ސަބަބުން މެދުއިރުމަތީގެ ހަމަނުޖެހުން އިތުރަށް ގޯސްވެ ހަމަލާތައް އިތުރުވެގެން ދިޔައެވެ.
އޭގެ ފަހުން 1973 ވަނަ އަހަރުގެ އޮކްޓޯބަރު 16 ގައި ކުވެއިތް ސިޓީގައި ބޭއްވި އޯޕެކް ސަމިޓެއްގައިވަނީ ތެލުގެ ފީފާއެއްގެ އަގު 3.01 ޑޮލަރުން 5.12 ޑޮލަރަށް ބޮޑު ކުރަން ވަނީ ނިންމާފައެވެ. މި ނިންމުމާ ވިދިގެން އީރާގުގެ ތެލާ ބެހޭ އޭރުގެ މިނިސްޓަރު ސައުދުން ހައްމާދީ ވަނީ، އެ ގައުމުގައި ހުރި އެމެރިކާއާއި ހުޅަނގަށް ނިސްބަތްވާ ކުންފުނިތައް ބޭރުކުރުމަށާއި އެ ގައުމުން އެމެރިކާގެ އިޤްތިޞާދަށް ކޮށްފައިވާ ހުރިހާ އިންވެސްޓްމެންޓްތަކެއް އަނބުރާ ގެންދިޔުމަށް ގޮވާލައްވާފައެވެ. ހަމަ މިފަދައިން ލީބިޔާގެ އޭރުގެ ތެލާބެހޭ މިނިސްޓަރު އިއްޒަލްދީން އަލް-މަބްރޫކްވެސް ވަނީ ގޮވާލައްވާފައެވެ.
އީރާގާއި ލީބިޔާއިން އެމެރިކާއަށް ވިއްކަމުންދިޔަ ތެޔޮ އެއްކޮށް ހުއްޓާލުމަށް އޭރު ގޮވާލިޔަސް، ސައުދީއިން ވަނީ މިކަމާ ދެކޮޅުހަދާ ތެލުގެ އަގު ބޮޑުކުރުމަކީ އެންމެ ރަނގަޅު ހައްލުކަމުގައި ބުނެފައެވެ.
އޯޕެކް ސަމިޓްގެ ބައްދަލުވުން ބޭއްވުނުތާ އެއް ދުވަސްފަހު، ތެލުގެ އުފެއްދުން ފަސް އިންސައްތަ ދަށްވެގެން ދިޔައިރު، އިޒްރޭލަށް ވާގިދޭ ފަރާތްތަކަށް ތެޔޮ ވިއްކުން ހުއްޓާލަން ވަނީ ފަށާފައެވެ. އެމެރިކާގެ އިތުރުން، ނެދަލޭންޑްސް އަދި ޕޯޗުގަލްއަކީ އޭރު އިޒްރޭލުގެ އެންމެ ގާތް މަދަދުގާރުންނެވެ.
ނަވާރަ ސަތޭކަ ހަތްދިހަ ތިން ވަނަ އަހަރުގެ އޮކްޓޯބަރު 17 އިން 19އަށް ސައުދީގެ އޭރުގެ ހާރިޖީ ވަޒީރު އުމާ އަލް ސައްޤާފުވަނީ އެމެރިކާގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް އެ ގައުމުގެ ވޮޝިންޓަންއަށް ޒިޔާރަތްކޮށްފައެވެ. ސައްޤާފުގެ ޒިޔާރަތުގައި އޭނާއާއެކު އަލްޖީރިއާއާއި ކުވެއިތު އަދި މޮރޮކޯގެ ހާރިޖީ ވަޒީރުންވެސް ވަނީ ބައިވެރިވެފައެވެ. އެ މީހުން އެމެރިކާއަށް ޒިޔާރަތްކުރީ އެ ގައުމަށް ތެޔޮ ވިއްކުން މެދުއިރުމަތިން އެއްކޮށް ހުއްޓާލާނެކަމަށް އިންޒާރު ދިނުމަށެވެ. އަދި އެ ފަރާތްތަކުން ވަނީ ނިކްސަންއާ އެމެރިކާގެ ރައީސްގެ ރަސްމީ ގެކޮޅުގައިވެސް ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުންތަކަށް ފަހު ސައްޤާފު ވަނީ ސައުދީގެ ރަސްގެފާނު ފައިސަލް ގާތު، އެމެރިކާއިން ބޭނުންވަނީ ސުލްހަވެރި އަދި އިންސާފުވެރި ހައްލެއް ހޯދުމަށްކަމުގައި ބުނެފައެވެ.
އެހެންނަމަވެސް، އޭގެ ފަހުން އިޒްރޭލުންވަނީ 850 މިލިއަން ޑޮލަރުގެ އަސްކަރީ އެހީއަކަށް އެމެރިކާ ގާތު އޮކްޓޯބަރު 18 ގައި އެދިފައެވެ. އެ ދުވަސްވަރަކީ، ނިކްސަންގެ މަޤުބޫލުކަން އެމެރިކާގައި ވަރަށް ބޮޑަށް ދަށް ދުވަސްވަރެކެވެ. ވޯޓާގޭޓް ސްކޭންޑަލްގެ ނަމުން މަޝްހޫރުވެފައިވާ މައްސަލައެއްގެ ސަބަބުން ނިކްސަންއާއި އޭނާގެ ސަރުކާރު އޭރުވަނީ އެ ގައުމުގެ ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓިފައެވެ. އެހެންކަމުން، އެމެރިކާގެ ގާތް އެއްގައުމަށް އެފަދަ ދަނޑިވަޅެއްގައި ބޮޑު އެހީއެއް ފޯރުކޮށްދިނުމަށް އެއްބަސްވުމަކީ، އޭނާއާއި އޭނާގެ ސަރުކާރާ މެދު އެ ގައުމުގެ ރައްޔިތުންގެ ރުހުން އިތުރުކޮށްދޭނެ ކަމެއްކަމުގައި ދެކި، އިޒްރޭލުން އެދުނު ވަރަށް ވުރެން ބޮޑުކޮށް 2.2 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީއެއް ދިނުމަށް އެއްބަސްވެ އެކަން އިއުލާނު ކޮށްފައެވެ.
އަހަރުތަކެއް ފަހުން ކިސިންޖާ މިކަމާމެދު ވިދާޅުވީ އެއީ އޭރު އެންމެ ރަނގަޅަށް އެޅުނު ފިޔަވަޅެއް ނޫން ކަމަށެވެ.
މި ނިންމުންވީ ސައުދީގެ ރަސްގެފާނު އެކަމަކާމެދު ވަރަށްބޮޑަށް ކޯފާވި މައްސަލައެކެވެ. އޭގެ ސަބަބުން، ފައިސަލް ވަނީ އެ އަހަރުގެ އޮކްޓޯބަރު 20 ގައި، އެމެރިކާއަށް ވިއްކަމުންދިޔަ ތެޔޮ އެއްކޮށް ހުއްޓާލާފައެވެ. މި ނިންމުމުގައި އީރާގާއި ލީބިޔާ ފިޔަވާ ގަލްފު ސަރަހައްދުގެ އެހެން ގައުމުތަކުން އޮތީ ބައިވެރިވާ ގޮތަށެވެ.
އެމެރިކާއަށް ތެޔޮ ވިއްކުން ހުއްޓާލުމުގެ އިތުރުން، ތެޔޮ އުފައްދަމުން ދިޔަ ނިސްބަތުން އެ ގައުމު ތަކުން ވަނީ ކޮންމެ މަހަކު ތެލުގެ އުފެއްދުންތެރިކަމުގެ މިންވަރު މަދުކޮށްފައެވެ. އެގޮތުން އެ އަހަރުގެ ޑިސެމްބަރު މަހާ ހިސާބަށް ދިޔައިރު ގަލްފު ސަރަހައްދުން އުފައްދަމުންދިޔަ ތެލުގެ 25 އިންސައްތަ ވަނީ ކުޑަ ކޮށްފައެވެ. މި ކަމުގެ އަސަރު ވަނީ ބައިނަލްއަޤްވާމީ މަޝްރަހަށް ވަރަށް ބޮޑަށް ކޮށްފައެވެ. އަދި މީގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު އޭރު ވަރަށް ބޮޑަށް ވެއްޓުމުގެ ސަބަބުން، އެމެރިކާއާ ގުޅުންބަދަހި ޔޫރަޕުގެ ގައުމުތަކުން ވަނީ އެމެރިކާ ކުށްވެރިކޮށްފައެވެ. އެ ގައުމުތަކުން ދެކުނު ގޮތުގައި މިފަދަ ހާލަތަކަށް ދިޔައީ އެމެރިކާގެ ސަބަބުންނެވެ.
ސައުދީއިން އެމެރިކާއަށް ތެޔޮ އެތެރުކުރުން ހުއްޓާލައިފައި އޮތް އޮތުން 1973 ވަނަ އަހަރުގެ އޮކްޓޯބަރުން 1974 ވަނަ އަހަރުގެ މާޗް މަހަށް ދިގުދެމިގެން ދިޔުމުގެ ސަބަބުން، ނިކްސަން އަދި ކިސިންޖާވަނީ ސައުދީއަށް ހަމަލާދިނުމާމެދު މަޝްވަރާތަކެއް ކޮށްފައެވެ. ސައުދީއިން މިކަމުގެ ރައްދުގައި އެމެރިކާއަށް އަންގާފައި ވަނީ އެ ގައުމުން ތެޔޮ ވިއްކުން ހުއްޓާލާފައި އޮތް މުއްދަތު އިތުރަށް ދިގުދައްމާލާނެ ކަމަށާއި އެ ގައުމުގެ ތެޔޮވަޅުތައް އަންދާލާނޭ ކަމުގެ އިންޒާރު ދީފައެވެ.
އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އިން ވަނީ ސައުދީގެ މި އިންޒާރުތަކަކީ ތެދުކަމަށް ބަޔާންކޮށްފައެވެ. މިހާ ހިސާބުން ކިސިންޖާ ނިންމީ މި މައްސަލައިގައި އޮތް އެންމެ ރަނގަޅު ހައްލަކީ ޑިޕްލޮމެޓިކް އުސޫލުތަކުގެ މަގުން ދެ ގައުމުގެ ދެމެދުގައި ހީނަރުވެފައިވާ ގުޅުން ރަނގަޅުކުރުން ކަމުގައި ކަނޑައަޅާ، މެދުއިރުމަތީގެ ގައުމުތަކުން އިޒްރޭލްގެ އަސްކަރިއްޔާ ބޭރުކުރުމަށް ކަނޑައަޅާފައެވެ.
އޭގެ ފަހުން 1974 ވަނަ އަހަރުގެ މާޗް މަހުގެ 14 ގައި ސައުދީއިން ވަނީ ތެލުގެ ވިޔަފާރި އެމެރިކާއާ ދެމެދު ކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ނިންމާފައެވެ. އެގައުމުން މިފަދައިން ނިންމީ ސައުދީއަށް އެމެރިކާއިން ހަތިޔާރު ވިއްކާނޭ ކަމަށް ކިސިންޖާ އެއްބަސްވުމުންނެވެ. އެމެރިކާއިން އޭގެ ކުރިން ވަނީ ސައުދީއަށް ހަތިޔާރު ދިނުމަށް އެކިފަހަރު މަތިން ދެކޮޅު ހަދާފައެވެ. މީގެ އިތުރުން، ސައުދީއިން، ތެލުގެ ވިޔަފާރި ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނައި އަނެއް ސަބަބަކީ، އެ ގައުމުން އެމެރިކާ އަދި ހުޅަނގުގެ ބޭންކުތަކުގައި ކޮށްފައިވާ އިންވެސްޓްމެންޓް ތަކަށް، އެ ދެ ގައުމުގެ ހީނަރުވެފައިވާ ގުޅުމުގެ ސަބަބުން ކުރިމަތިވަމުންދިޔަ ގެއްލުމުގެ ސަބަބުންނެވެ.
ދެން ފެނިގެން ދިޔައީ އެމެރިކާގެ އޭރުގެ ރައީސް ނިކްސަންގެ ސަރުކާރުން، ސައުދީއާ އެކު ގުޅުން ބަދަހި ކުރުމަށްޓަކައި މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަސައްކަތް ފެށިތަނެވެ. މިއީ އެކަމުގެ ސަބަބުން، މެދު އިރުމަތިން އެ ގައުމަށްވެސް ފައިދާވާނެތީއެވެ.
އެގޮތުން، ސައުދީއިން އެމެރިކާއަށް ކުރާ ތެލުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް، އަދި އެ ވިޔަފާރީގައި ބޭނުންކުރެވޭ ޑޮލަރު އަލުން އަނބުރާ އެމެރިކާގެ އިޤްތިޞާދަށް ގެނައުމަށްޓަކައި، އެ ގައުމުން ނިންމީ ސައުދީއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީ ތެލުގެ ވިޔަފާރީގައި ޑޮލަރުން މުއާމަލާތް ކުރެވޭ ގޮތަށް ހެދުމަށެވެ. ނަމަވެސް، ސީދާ ޑޮލަރުން މުއާމަލާތް ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެއްބަސްވުމެއްގައި ސޮއި ކޮށްފައެއް ނުވެއެވެ.
ދެގައުމުގެ ދެމެދުގައި ސީދާ ޕެޓްރޯޑޮލަރުގެ އެއްބަސްވުމެއް ނެތް، އޮތީ ކޯޗެއް؟
ޔޫ.ބީ.އެސް ވެލްތް ގޮލޯބަލް މެނޭޖްމަންޓްގެ ޗީފް އިކޮނޮމިސްޓް ކަމުގައިވާ ޕައުލް ޑޮނޮވަން މި ކަމަށް ނިސްބަތްކޮށް ވިދާޅުވެފައިވަނީ އެމެރިކާ އަދި ސައުދީގެ ދެމެދުގައި 50 އަހަރުވީ ޕެޓްރޯޑޮލަރުގެ އެއްބަސްވުމެއް އޮތް ވާހަކަ އެއީ ކަނޑައެޅިގެން ދޮގެއް ކަމުގައެވެ.
"މިއީ ހަމަ ކަނޑައެޅިގެން ދޮގެއް، ފޭކު ވާހަކަތަކެއް. އާން، 1974 ވަނަ އަހަރު ދެގައުމުގެ ދެމެދުގައި އެއްބަސްވުމެއްގަ ސޮއިކުރި، އެކަމަކު އޭގަ އެއްވެސް ތަނަކު ނެތް، ސައުދީއިން ތެލުގެ މުއާމަލާތް ކުރަންޖެހޭނީ ސީދާ ޑޮލަރުން ކަމުގައި ބަޔާންކޮށްފައެއް. މިކަމަށް ހެކިދޭ އެންމެ މުހިންމު ކަމަކީ، މި ބުނާ އެއްބަސްވުމުގެ ފަހުންވެސް ސައުދީއިން އެ މީހުން ކުރަމުން ދިޔަ ތެލުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރަމުން ގެންދިޔައީ ގިނައިން ޕައުންޑުން ކަމަށްވާތީ،" މާކެޓްވޮޗްއަށް ދިން ބަސްދީގަތުމެއްގައި ޑޮނޮވަން ވިދާޅުވިއެވެ.
މިތަނުގައި ޑޮނޮވަންވެސް އެ އިޝާރާތް ކުރަނީ ދެ ގައުމުގެ ދެމެދުގައި 1974 ވަނަ އަހަރު ވެވުނު 'ޔުނައިޓެޑް ސްޓޭޓްސް-ސައުދީ އަރަބިއަން ޖޮއިންޓް އިކޮނޮމިކް ކޮމިޝަން އޮން އިކޮނޮމިކް ކޯޕަރޭޝަން" އޭ ކިޔުނު އެއްބަސްވުމަށެވެ. މިއީ ފަސް އަހަރު ދުވަހަށް ވެވުނު އެއްބަސްވުމެއް ކަމަށްވިޔަސް، ދެ ގައުމުން ވެސް ވަނީ އެކި ފަހަރު މަތިން މި އެއްބަސްވުމުގެ މުއްދަތު އިތުރު ކޮށްފައެވެ. ސަބަބަކީ، 1973 ވަނަ އަހަރު ކުރިމަތިވި ފަދަ ކާރިސާއެއް އަލުން ތަކުރާރު ވިޔަ ނުދިނުމެވެ.
ޑޮނޮވަންގެ އިތުރުން، އެހެން ތަޖުރިބާކާރުންވެސް އެއްބަސްވާ ގޮތުގައި، އެމެރިކާ އަދި ސައުދީގެ ދެމެދުގައި ތެލުގެ ވިޔަފާރި ސީދާ ކުރަންޖެހޭނީ ޑޮލަރުން ކަމުގައި ބަޔާންކޮށް ވެފައިވާ އެއްވެސް އެއްބަސްވުމެއް ފެންނާކަށް ނެތެވެ.
ކަން މިހެން އޮތް ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ޑޮލަރަށް އޮންނަ ބަރޯސާ، ނުވަތަ ބައިނަލްޢަޤްވާމީ މަޝްރަހުގައި ހިނގާ ބޮޑެތި ވިޔަފާރީގެ މުއާމަލާތްތަކުގައި ޑޮލަރަށް ވެފައި އޮންނަ ބަރޯސާ ކުޑަކުރުމުގެ މަޝްވަރާތަށް، އެކި އެކި ބައިނަލްއަޤްވާމީ ޖަމިއްޔާ-ޖަމާޢަތްތަކުން ގެންދަނީ ކުރަމުންނެވެ. އެގޮތުން ބަލާއިރު، ބްރިކްސްގެ އެކިއެކި ބައްދަލުވުންތަކުގައި، އެ ޖަމިއްޔާގައި ހިމެނޭ ގައުމުތަކުންވެސް ގެންދަނީ އެ ގައުމު ތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ޑޮލަރުގެ ބަދަލުގައި އެ ގައުމުގެ ތަކުގެ ފައިސާ ބޭނުންކުރުމާ މެދު މަޝްވަރާކުރަމުންނެވެ.
ބްރިކްސްގައި ހިމެނެނީ، ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތައް ކަމުގައިވާ ބްރެޒިލް، ރަޝިއާ، ޗައިނާ، އިންޑިއާ އަދި ދެކުނު އެފްރިކާއެވެ. މި ޖަމިއްޔާގެ ބައެއް މަޝްވަރާ ބައްދަލުވުން ތަކުގެ ސައުދީއިން ވެސް ވަނީ އެކިފަހަރު މަތިން ބައިވެރި ވެފައެވެ. ސައުދީއިން ބްރިކްސްގެ ބައްދަލުވުންތަކުގައި ބައިވެރިވި ބައިވެރިވުން، ބައެއް އިޤްތިޞާދީ މާހިރުން ސިފަކުރަނީ އެއީ އެ މީހުން އެމެރިކާއާ މެދު ގެންގުޅޭ 'ބާގެއިނިންޖް ޗިޕް' އެއްގެ ގޮތުގައެވެ.
އެމެރިކާއާ ސައުދީ އިން ދާދި ފަހުން ވަނީ އިތުރު އަސްކަރީ އަދި ސަލާމަތީ ރައްކާތެރިކަން ވަރުގަދަ ކުރުމުގެ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ. އެހެންކަމުން، ސައުދީއިން ބްރިކްސްގެ މެމްބަރަކަށް ވުމާމެދު ދައްކާ ވާހަކަތަކަކީ، އެމެރިކާއާ އެ ގައުމާ ދެމެދު މިހާރު ކުރިޔަށްދާ މަޝްވަރާ ބައްދަލުވުންތަކުގައި ސައުދީއަށް ގެއްލުން ކުޑަކޮށް އެމެރިކާއަށް ޕްރެޝާ އިތުރުކުރުމުގެ އުކުޅެއް ކަމުގައި ގިނަ އިޤްތިޞާދީ މާހިރުން ދެކެއެވެ.
ކަން މިހެން ހުރިނަމަވެސް، އެމެރިކާ އަދި ސައުދީ އަރަބިއާ އާ ދެމެދު 50 އަހަރުވަންދެން އޮތް ޕެޓްރޯޑޮލަރުގެ އެއްބަސްވުމުގެ ވާހަކައަކީ ހަޤީޤަތެއް ނޫންކަމުގައި ތަޖުރިބާކާރުން އަދި ދުނިޔޭގެ ވިޔަފާރިއާއި އިޤްތިޞާދީ ކަންކަން ދިރާސާކުރާ ހުރިހާ ފަރާތްތަކުން އެއްބަސްވެއެވެ. އެހެންކަމުން، އެފަދަ އެއްބަސްވުމެއް ނެތް ކަމުގައި ބެލެވޭއިރު، ސައުދީއިން ކުރިއަށް އޮތް ތަނުގައިވެސް އެމެރިކާއާއެކު ތެލުގެ މުއާމަލާތް ކުރަމުން ގެންދާނީ މިހާރުވެސް އެކަން ކުރަމުން ގެންދާ ގޮތަށް ކަމާމެދު ގިނަ ފަރާތްތަކުން އިއްތިފާގު ވެއެވެ. މިއީ އެކަމުގެ ސަބަބުން، ޑޮލަރަށް އޮންނަ ބަރޯސާ ކުޑަ ވެގެންދާނޭ ކަމެއް ނޫންކަމާ އަދި ޑޮލަރު ރިޒާވް ކަރަންސީއެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓާލަން އުޅޭ ކަމުގެ އިޝާރާތެއްވެސް ނޫންމެއެވެ.
އެހެނެއްކަމަކު، އަދުގެ ބަދަލުވަމުން އަންނަ ދުނިޔޭގައި ޑޮލަރަށް އެކި ގައުމުތަކުން ވެފައި އޮންނަ ބަރޯސާ ކުޑަކުރުމަށް މުހިންމު ފިޔަވަޅުތައް އެޅުމަށް މަޝްވަރާ ކުރަމުން ގެންދާ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ ސަރުކާރުންވެސް ގެންދަނީ މި ގައުމަށް ޗައިނާއިން އަދި އިންޑިއާއިން އެތެރެކުރާ މުދަލަށް ފައިސާ ދެއްކުމަށްޓަކައި އެގައުމު ތަކުގެ ފައިސާ ބޭނުންކުރެވޭނޭ ނިޒާމެއް އުދެއްދުމާ މެދު އެގައުމުތަކުގެ މެދުގައި މަޝްވަރާކުރަމުންނެވެ.