ކޮޕާ އެމެރިކާ: ބޮލީވިއާ ހަމަބިމަށް ތިރިކޮށްފައި އުރުގުއާއީ ކުއާޓާއަށް

ބޮލީވިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު ނޫނޭޒް އުފާފާޅު ކުރަނީ -- ފޮޓޯ/ ފުޓްބޯލްރެޑް

އެމެރިކާގައި މިހާރު ކުރިއަށްދާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން އުރުގުއާއީން ޖާގަ ހޯދައިފިއެވެ.

ކުއާޓާ ފައިނަލުން އުރުގުއާއީން ޖާގަހޯދާފައިވަނީ ގްރޫޕް ސީގައި ބޮލީވިއާއާ ބައްދަލުކުރި މެޗު 5-0 އިން ކާމިޔާބު ކޮށްގެންނެވެ.

ނިއުޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އުރުގުއާއީއިންނެވެ. މެޗު އުރުގުއާއީއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މި ގޮތުން މެޗުގެ އަށްވަނަ މިނެޓުގައި އުރުގުއާއީއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފަކުންޑޯ ޕެލިސްޓްރީއެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ޑާވިން ނޫނޭޒްވަނީ ލަނޑެއް ޖަހާ އުރުގުއާއީގެ ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އުރުގުއާއީއަށް ލިބިގެންދިޔަކަން ފާހަގަ ކޮށްލެވުނެވެ.

އުރުގުއާއީއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މެކްސިމިލިއާނޯ އައުހޯއެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ފެޑެރީކޯ ވަލްވާޑޭ ކާމިޔާބު ކޮށްދިންއިރު ފަހު ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ޖަހައިދިނީ ރޮޑްރިގޯ ބެންޓަންކޫއެވެ.

މެޗުގައި ޖެހި ފަސް ލަނޑާ އެކު އުރުގުއާއީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ވަނީ އަށް ލަނޑު ކާމިޔާބުކޮށްފައެވެ.

މި ގްރޫޕުން ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދުމުގެ ފުރުސަތު މިހާރުވަނީ އެމެރިކާއަށާއި ޕެނެމާއަށް ވެސް ލިބިފައެވެ. ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަހޯދުމަށްޓަކައި ދެ ޓީމަށް ވެސް ޖެހޭނީ ގްރޫޕްގެ ފަހު މެޗު ކާމިޔާބުކުރާށެވެ. މި ވަގުތު ގްރޫޕްގެ ދެވަނައިގައި ތިން ޕޮއިންޓާއި ފައިދާ އެއް ގޯލާ އެކު އޮތީ އެމެރިކާއެވެ.

comment ކޮމެންޓް