ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި އެމެރިކާއިން ޕެނަމާގެ އަތްދަށުވެއްޖެއެވެ.
އެޓަލާންޓާގެ މާސިޑީޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޕެނެމާއިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައި 2-1 އިންނެވެ.
މެޗުގެ ފެށުން ރަނގަޅުކުރީ އެމެރިކާއިންނެވެ. ނަމަވެސް. އެމެރިކާއިން ކުރަމުންދިޔަ މަސައްކަތަށް ހުރަސް އެޅިގެން ދިޔައީ މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވަޑް ޓިމޮތީ ވެއާއަށް ސީދާ ރަތްކާޑެއް ދެއް ހިސާބުންނެވެ. މިއާއެކު މެޗުގެ ބާކީ އޮތް ބޮޑު ބައި އެމެރިކާއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.
އެމެރިކާއިން ވަނީ މި ކާޑާ އެކު ވެސް މެޗުގެ 22 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ މެޗުގައި ވެސް ލަނޑު ޖަހައިދިން އެއް ކުޅުންތެރިޔާ ކަމުގައިވާ ފްލޯރިން ބަލޮގުންއެވެ.
ނަމަވެސް، އެމެރިކާއަށް މި ލީޑު ދެމެހެއްޓޭވަރުވީ ހަތަރު މިނެޓު ވަންދެނެވެ. ޕެނެމާއިން ވަނީ އެ ޓީމަށް ލިބިފައިވި އެއް ކުޅުންތެރިއެއް އިތުރުވުމުގެ އެޑްވާންޓޭޖް ނަގާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސެޒާ ބްލެކްމަންއެވެ. މެޗުގައި ދެން ފެނިގެންދިޔައީ ޕެނެމާއިން ހަމަލާއަށް އިސްކަން ދީގެން ކުޅުނުއިރު އެމެރިކާއިން ދިފާއުކޮށް ލިބޭ ފުރުސަތުގައި ކުރި އެރޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ.
މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ޕެނެމާއަށް މެޗުގެ ލީޑު ނަގައިދިނީ މެޗުގެ 83 ވަނަ މިނެޓުގައި ހޯޒޭ ފަހާޑޯ ޖަހައިދިން ލަނޑުންނެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ޕެނެމާގެ އެޑަލްބާޓޯ ކަރަސްކުއިޔާއަށް ރަތް ކާޑު ދެއްކި ނަމަވެސް ޕެނެމާއިން ވަނީ އެ ޓީމަށް ލިބިފައިވި ލީޑު މެޗު ނިމެންދެން ހިފަހައްޓާލައިފައެވެ.
މެޗުން މޮޅުވުމާ އެކު ޕެނެމާއަަށް ވަނީ ކުއާޓާ ފައިނަލަށް ދިއުމުގެ ދޮރެއް ހުޅުވިގެން ގޮސްފައެވެ. ޕެނެމާ މިހާރު އުޅެނީ ކުޅުނު ދެމެޗުން ލިބިފައިވި ތިން ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައެވެ. އެމެރިކާ އޮތީ ދެ މެޗުން ލިބިފައިވާ ތިން ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ. އެއީ، ޕެނެމާއަށް ވުރެ ފައިދާ ގޯލަށް ބަލާއިރު އެމެރިކާއަށް ކުރި ލިބޭތީއެވެ.
މެޗުން މޮޅުވި ނަމަ އެމެރިކާއަށް ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުވީހެވެ. ނަމަވެސް، މިހާރު ޖެހޭނީ ފަހު މެޗުގައި ގްރޫޕްގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމުގައިވާ އުރުގުއާއީއާ ދެކޮޅަށް ކުޅެ މެޗު ކާމިޔާބުކުރާށެވެ.