މުސްތަފާއަށް ޓެސްލާ ހަވާލުކޮށްފި

ދިރާގުގެ ޕްރޮމޯޝަންގައި ޓެސްލާ ލިބުނު ނަސީބުވެރިޔާ މުސްތަފާއަށް ކާރު ހަވާލުކުރަނީ: އޭނާއަކީ ފެށުނީއްސުރެ ދިރާގުގެ ކަސްޓަމަރެއް -- ފޮޓޯ/ ދިރާގު

މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޕްރޮމޯޝަން، ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް އަގުބޮޑު ޓެސްލާ ކާރު މިއަދު ހަވާލުކޮށްފިއެވެ.

ޓެސްލާ ލިބޭ ނަސީބުވެރިޔާ ހޮވީ ދިރާގުން ބޮޑު ޢީދުގައި ބޭއްވި ޝޯގެ ތެރެއިންނެވެ.

ދިރާގުން މިއަދު ބުނީ، ޓެސްލާ ކާރު ލިބުނު ނަސީބުވެރިޔާ ކ. ތުލުސްދުއަށް އުފަން މުސްތަފާ މުހައްމަދާ ކާރު ހަވާލުކޮށްފައިވާ ކަމަށެވެ. މުސްތަފާ ވަނީ ޓެސްލާ ލިބުނުކަން ފުރަތަމަ ގަބޫލުކުރަން ދަތިވި ކަމަށާއި އެކަމަކު އޭނާއާއި އޭނާގެ އާއިލާއިން ވަރަށް އުފާވި ކަމަށެވެ.

މުސްތަފާ ވަނީ ދިރާގުގެ ކަސްޓަމަރުންނަށް މި ފަދަ ފުރުސަތުތައް ފަހިކޮށްދޭ ކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.

https://sun.mv/193322

ދިރާގުން ބުނި ގޮތުގައި މުސްތަފާއަކީ އެ ކުންފުނިން ރާއްޖޭގައި މޯބައިލް ފޯނުގެ ޚިދުމަތް ތައާރަފުކުރި ހިސާބުން ފެށިގެން ދިރާގުގެ ކަސްޓަމަރެކެވެ.

އޭނާއަށް އަގު ބޮޑު ޓެސްލާ ކާރު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި މުސްތަފާއާއި އޭނާގެ އާއިލާގެ އިތުރުން ދިރާގުގެ އިސްވެރިންނާއި ބައެއް މުވައްޒަފުން ވެސް ބައިވެރިވިއެވެ.

ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ 31 އާ ހަމައަށެވެ. ޓެސްލާގެ އަގު ބޮޑު ކާރަކީ ދިރާގުގެ ތާރީޚުގައި ވެސް އެ ކުންފުނިން ހުށަހެޅި އެންމެ އަގުބޮޑު އިނާމެވެ.

މުސްތަފާއަށް ލިބުނު ޓެސްލާ ކާރު 'މޮޑެލް3' އަކީ 42,490 ޑޮލަރު (654,770 ރުފިޔާ)އިން އަގު ފެށޭ ކާރެކެވެ. ކަރަންޓުން ޗާޖުކޮށްގެން ދުއްވާ ޓެސްލާ ކާރުތަކުގެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި އެޕުން ކޮންޓްރޯލްކޮށް، އޮޓޯޕައިލެޓްގައި ދުއްވުން ހިމެނެއެވެ.

comment ކޮމެންޓް