ދިރާގުން މިހާތަނަށް ކުރިޔަށް ގެންދިޔަ އެންމެ ބޮޑު ޕްރޮމޯޝަން، "ވިން އަ ޓެސްލާ"ގައި ހުށަހަޅާފައިވަނީ ނަސީބުވެރިޔާގެ ދިރިއުޅުން ބަދަލުކޮށްލާނެ ފަދަ އަގުހުރި ހަދިޔާއެކެވެ. އެ ނަސީބު މިފަހަރު ލިބިފައިވަނީ މި އިނާމު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތި ހުރި، ކ. ތުލުސްދޫ މުސްތަފާ މުޙައްމަދަށެވެ.
ޓެސްލާ ލިބޭ ނަސީބުވެރިޔާ ހޮވާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ދިރާގުން ބޭއްވި ޢީދު ޝޯގައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުން ޖެނުއަރީ މަހުގެ ނިޔަލަށް އެ ޕްރޮމޯޝަންގައި ބައިވެރިވި އެތައް ކަސްޓަމަރެއްގެ ތެރެއިން ގުރުއަތުން ހޮވުނީ މުސްތަފާގެ ނަމްބަރެވެ.
އެ ނަސީބު ލިބުމުގެ އުފަލާ ގުޅޭ ގޮތުން މިރޭ "ސަން"އާ ވާހަކަ ދައްކަމުން އޭނާ ބުނީ އޭނާ ހުރީ ކާރު ލިބޭނެ ކަމަށް އުންމީދުކޮށްގެން ނޫން ކަމަށާއި އޭނާއަކީ ކާރު ދުއްވައި އުޅޭ މީހެއް ވެސް ނޫން ކަމަށެވެ.
"އަޅުގަނޑަކީ ކާރު ދުއްވާ މީހެއް ނޫން. ކާރު ލައިސެންސެއް ވެސް އަދި ނުނަގަން،" އޭނާ ބުންޏެވެ.
އެހެން ނަމަވެސް ވިން އަ ޓެސްލާ ޕްރޮމޯޝަންގެ ނަސީބުވެރިޔާގެ ގޮތުގައި ހޮވުމުން، އެ ކަމާ ވަރަށް އުފާ ކުރާ ކަމަށާއި ކާރު ލިބުމުން ހަދާނެ ގޮތަކާ މެދު އަދި ވިސްނާފައި ނެތް ކަމަށް މުސްތަފާ "ސަން"އަށް ކިޔައިދިނެވެ.
މުސްތަފާއަކީ މާލޭގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި މަސައްކަތްކުރާ މީހެކެވެ. އޭނާ ބުނީ މި ވަގުތު އުފަން ރަށް، ތުލުސްދޫގައި ހުރީ އޮފް ދުވަހަށް ގޮސް ކަމަށެވެ.
ދިރާގުން މި ޕްރޮމޯޝަން ކުރިޔަށް ގެންދިޔައީ 31 ޖަނަވަރީ 2024ގެ ކުރިން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަރ ބްރޯޑްބޭންޑް 30M އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންގެ މެދުގައެވެ.
އެ ޕްރޮމޯޝަނުން ހުށަހަޅާފައިވާ ޓެސްލާ ކާރު މޮޑެލް 3 އަކީ 42,490 ޑޮލަރު (654,770 ރުފިޔާ)އިން އަގު ފެށޭ ކާރެކެވެ. ކަރަންޓުން ޗާޖުކޮށްގެން ދުއްވާ ޓެސްލާ ކާރުތަކުގެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި އެޕުން ކޮންޓްރޯލްކޮށް، އޮޓޯޕައިލެޓްގައި ދުއްވުން ހިމެނެއެވެ.
ދިރާގުގެ މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ 35ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަސްޓަމަރުންގެ މެދުގައި ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.