ބޭރު މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް، މިފްކޯއަށް ސީއީއޯއެއް ހޯދަނީ

މިފްކޯ މަސް ފިހާރަ: މިފްކޯއަށް އާ ސީއީއޯއެއް ހޯދަން ވަނީ އިއުލާންކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ)އެއް ހޯދަން މިއަދު އިއުލާންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިއަދު ކުރި އިއުލާނެއްގައިވަނީ މިފްކޯގެ ސީއީއޯގެ މަގާމަށް މެއިލް އާއި އީމެއިލް މެދުވެރިކޮށް، އަންނަ މަހުގެ 15 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކަށް ކަނޑައަޅައިފައިވާ ޝަރުތުތަކުގެ ތެރޭގައި:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް، ނުވަތަ ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް އާއި މާސްޓާސް ޑިގްރީ އޮތުން
  • މަސް ޕްރޮސެސްކުރުން، އެކްސްޕޯޓް ކުރުން އަދި މަހުގެ ބާވަތްތައް އުފެއްދުން ނުވަތަ/އަދި އެއާ ގުޅުން ހުރި ދާއިރާއަކުން މަދުވެގެން އަށް އަހަރުގެ ތަޖުރިބާ ލިބިފައިވުން
  • އެ މަސައްކަތްތައް ކުރާ ބޭރުގެ ބޮޑު ނުވަތަ މެދުމިނުގެ ކުންފުންޏެއްގައި އިސްކޮށް ނުވަތަ މެނޭޖުކުރުމުގައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވުން

މީގެ އިތުރުން ދޮށީގެ މަސްވެރިކަން ނުވަތަ ރާއްޖޭގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމަކީ އިސްކަންދޭނެ ކަމެއް ކަމަށް އިއުލާނުގައިވެއެވެ.

މިފްކޯއަށް އާ ސީއީއޯއަކު ހޯދަނީ އެ މަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދުގެ މިދިޔަ މަހުގެ 21ގައި މަގާމުން ވަކިކުރުމަށް ފަހުގައެވެ. އޭގެ ފަހުން އޭނާއަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފައެވެ.

މިފްކޯއަކީ ފައިދާނުވެ، ގެއްލުމުގައި ހިންގާތާ ދިގު މުއްދަތެއް ވެފައިވާ ކުންފުންޏެކެވެ.

comment ކޮމެންޓް