ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ކޮލަމްބިއާއާއި ޕެރަގުއާއީ ބައްދަލުކުރި މެޗު ކޮލަމްބިއާ ކާމިޔާބުކޮށް، އެ ޓީމުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ހިއުސްޓަންގެ އެންއާރުޖީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކޮލަމްބިއާއިން ކާމިޔާބު ކޮށްފައިވަނީ 2-1 އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ކޮލަމްބިއާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 32 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އެ ޓީމުން ލީޑު ނެގުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑެނިއަލް މުނޯޒެވެ. މި ލަނޑު ޖެހިތާ 10 މިނެޓު ފަހުން ކޮލަމްބިއާއިންވަނީ އިތުރު ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖެފަސަން ލާމާއެވެ.
މެޗުގެ ދެވަނަ ހާފުގައި ޕެރަގުއާއީއިންވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ކޮލަމްބިއާއަށް ނުރައްކާކޮށް ލަނޑެއް ޖެހޭތޯ މަސައްކަތްކޮށްފައެވެ. މެޗުގައި ޕެރަގުއާއީއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޫލިއޯ އެންކީސޯއެވެ.
މި ކާމިޔާބީއާ އެކު މުބާރާތުގެ ފެށުން ކޮލަމްބިއާއިން ރަނގަޅުކޮށްފައިވާއިރު މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވިފައިވާ ޓީމުތަކުގެ ތެރޭގައި ހިމެނޭ ބްރެޒިލަށް ފެށުން ދިޔައީ އެހާ ހިތްހަމަޖެހޭ ގޮތަކަށް ނޫނެވެ.
މި ގޮތުން ގްރޫޕް ޑީގައި ބްރެޒިލާއި ކޮންކާކަފް ސަރަހައްދަށް ނިސްބަތްވާ ކޮސްޓަރީކާއާއި ބައްްދަލުކޮށް މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި ދެ ޓީމު އެއްވަރުވެގެންނެވެ. މެޗު ބްރެޒިލުން ކޮންޓްރޯލްކޮށް، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ކޮސްޓަރީކާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ބްރެޒިލުން ލަނޑެއް ކާމިޔާބުކުރި ނަމަވެސް މާކީނިއޯސް ޖެހި ލަނޑު ވަނީ ވީއޭއާރުން ބެލުމަށް ފަހު އޮފް ސައިޑް ކަމަށް ނިންމާފައެވެ.
މެޗުގައި ލަނޑު ޖަހާނެ ފުރުސަތު ލިބުނު ނަމަވެސް ބްރެޒިލަށް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. ކޮސްޓަރީކާއިން ރަނގަޅަށް ޑިފެންޑްކުރި ބްރެޒިލްގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.