މާލޭގައި ވަރުގަދަ 46 ވަގުން، 4،000 ފަހަރު ހިފެހެއްޓި

މާލޭ މަގުމަތި: މާލޭގައި 46 ވަގުން އެބައުޅޭ 4،000 ފަހަރު ހިފަހައްޓައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ތަކުރާރުކޮށް ވައްކަންކުރާ 46 ވަގުން އެބައުޅޭ ކަމަށާއި އެ މީހުން 4،000 ފަހަރު މަތިން ހިފެހެއްޓި ނަމަވެސް ބަންދުނުކުރެވޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މި ފަހުން މާލޭގެ މިސްކިތްތަކުން ވައްކަންކުރާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241 ކޮމިޓީ)ގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހުސާން މިއަދު ވިދާޅުވީ، މާލޭގައި ތަކުރާރުކޮށް ވައްކަންކުރާ 46 ވަގުން އެބައުޅޭ ކަމަށެވެ.

ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި 4،000 ފަހަރު މަތިން އެ މީހުން ހުއްޓުވާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އޭގެ ތެރެއިން ބައެއް ފަހަރު އެ މީހުން ހައްޔަރުކުރާ ކަމަށެވެ. އަދި، އަނެއް ބައި ފަހަރު އެ މީހުންނަށް ނަސޭހަތްދީފައި ދޫކޮށްލަނީ ކަމަށް އެނާ ވިދާޅުވިއެވެ.

"މީގައި މައްސަލައަކީ އަޅުގަނޑުމެން އޭނާ ހައްޔަރުކޮށްގެން އޭނާ ޔޫރިން ޕޮޒިޓިވްވެގެން އެއް ކޯޓަށް ގެންދިޔައިމާ އެ މީހުން ބުނާނެ ނޫނެކޭ ތިއީ ޑުރަގު މައްސަލައެއް ނޫނޭ ތިއީ ކްރިމިނަލް މައްސަލައެކޭ. ކްރިމިނަލް ކޯޓަށް ގެންދިޔައީމާ ބުނެފާނެ މިއީ ޑުރަގު މައްސަލައެކޭ،" މިނިސްޓަރު ކަން ހިނގާގޮތް ސާފުކޮށްދެއްވިއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން: އޭނާ ވިދާޅުވީ މާލޭގައި ތަކުރާރުކޮށް ވައްކަންކުރާ 46 ވަގުން އެބަ ތިބި ކަމަށް -- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވީ، ކޯޓުތަކުގެ އިހުތިސާސް ސާފުކޮށް ގާނޫނުގައި ލިޔަންޖެހޭ ކަމަށެވެ.

މިހާރު ކޯޓުތަކުގެ އިހުތިސާސް ސާފުނުވާތީ ގޮންޖެހުން ބޮޑު ކަމަށާއި އެފަދަ ސަބަބުތަކާ ހުރެ ވެސް ވަގުން ދޫވާ ކަމަށެވެ. އަދި، ގާނޫނު އޮންނަ ގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ކޯޓަށް ނުގެންގޮސް 24 ގަޑިއިރަށްވުރެ ގިނަ ނުބޭތިއްބޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ހަމަ 4،000 އިންޓަރެކްޝަނަށް ފަހު އަދިވެސް އެ މީހުން ތިބީ ދޫވެފައި،" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އޭގެ ތެރެއިން އެންމެ ނުރައްކާތެރި 21 މީހުންނަށް ޚާއްސަކޮށްގެން ފުލުހުން އޮޕަރޭޝަނެއް މިދިޔަ ހަފުތާގައި ފަށާފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގެ ތެރެއިން 10 މީހަކު ނެޝަނަލް ޑުރަގު އެޖެންސީއަށް ފަރުވާއަށް ނަގާފައިވާ ކަމަށެވެ. އަދި، ހަތަރު މީހަކު އެކި މައްސަލަތަކުގައި މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.

އަދިވެސް މުޖުތަމައަށް ދޫވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މާލޭގައި ވައްކަމުގެ މައްސަލަތައް ބޮޑުވެފައިވާއިރު، މިސްކިތްތަކުން ވައްކަން ކޮށްގެން ވެސް މި އަހަރު މިހާތަނަށް 21 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް