ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް މިނިވަން ވެއްޖެ

ވިކިލީކްސްގެ ބާނީ ޖޫލިއާން އަސާންޖް. ފޮޓޯ/އިންގްލިޝް އަރަބިއާ

ވިކިލީކްސްގެ ބާނީ ޖޫލިއާން އަސާންޖް އިނގިރޭސިވިލާތުގެ ޖަލުން މިނިވަން ވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ޖަލެއްގައި އަސާންޖް ބަހައްޓައިފައި ހުރީ އެމެރިކާގެ އަސްކަރީ ލިޔުންތައް ލީކްކުރި ކަމުގެ ތުހުމަތަށް އެމެރިކާއިން ހައްޔަރުކުރަން ބޭނުންވާތީއެވެ.

އޭނާ ޖަލުން މިނިވަން ކުރީ އެމެރިކާއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދަން އެއްބަސްވުމުން ޖަލުގައި ހުންނަތާ ފަސް އަހަރު ފަހުންނެވެ.

ޖަލުން މިނިވަން ވުމާއެކު އޭނާ ވަނީ އިނގިރޭސިވިލާތުން ފުރާފައެވެ.

އުމުރުން 52 އަހަރުގެ އަސާންޖް މިނިވަންކުރީ އެމެރިކާއިން އޭނާއަށް ކުރާ ތުހުމަތުތަކުގެ ތެރެއިން އެއް ތުހުމަތަށް އިއުތިރާފްވާ ގޮތަށެވެ. އެ އިއުތިރާފާއެކު އޭނާއަށް 62 މަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަމަވެސް އެއީ ފަސް އަހަރުގެ މުއްދަތަކަށްވާއިރު، އިނގިރޭސިވިލާތުގެ ޖަލުގައި އަސާންޖް ހޭދަކުރި ފަސް އަހަރުގެ މުއްދަތު އަދަބުން އުނިވާ ގޮތަށް އެމެރިކާއާއެކު އެއްބަސްވެފައިވާތީ އެ ހުކުމަށްފަހުވެސް އަސާންޖް ހުންނާނީ މިނިވަނެއްގެ ގޮތުގައި ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އަސާންޖް ނިސްބަތްވާ އޮސްޓްރޭލިއާ ސަރުކާރުންނާއި އޭނާގެ ވަކީލުވެސް އެކަމާ ގުޅިގެން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން އަސާންޖް ހުރީ އިނގިރޭސިވިލާތުގެ ބެލްމާޝް ހައި ސެކިއުރިޓީ ޖަލުގައެވެ.

އެމެރިކާއިން އަސާންޖްގެ މައްޗަށްކޮށްފައިވާ ދައުވާގައި ޖާސޫސްކުރި ކަމުގެ 17 ދައުވާއަކާއި ކޮމްޕިއުޓަރު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް ދައުވާ އުފުލައިފައިވެއެވެ.

އެމެރިކާ ސަރުކާރުން އަސާންޖް ބޭނުން ވަނީ 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާއި ދެމެދު އޭނާ ލީކް ކޮށްލި އެމެރިކާގެ އެތައް ސިއްރު ލިޔުންތަކާއި ގުޅިގެންނެވެ.

އެ ދުވަސްވަރު ވިކިލީކްސްއިން ވަނީ އެމެރިކާއިން އަފްޣާނިސްތާނާއި އިރާގުގައި ހިންގާފައިވާ ހަނގުރާމައިގެ އެތައް ޖަރީމާއަކާ ގުޅޭ ލިޔުންތައް ވެސް ލީކް ކޮށްލައިފައެވެ.

comment ކޮމެންޓް