ކީޓޯ (ޖުލައި 28): އިކުއެޑޯއިން ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖަށް ދީފައިވާ ރަށްވެހިކަން އަތުލައިފިއެވެ.
އިކުއެޑޯގެ ފޮރިން މިނިސްޓްރީން އެގައުމުގެ ކޯޓަކަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން އަސާންޖްގެ ރަށްވެހިކަން ބާތިލުކޮށްފައިވާކަން އިއުލާންކޮށްފައި ވަނީ އެގައުމުގެ ޖުޑިޝަލް ބްރާންޗުންނެވެ.
އިކުއެޑޯގެ ކުރީގެ ފޮރިން މިނިސްޓަރު ހޯސޭ ވަލެންސިއާ ވިދާޅުވި ގޮތުގައި އަސާންޖް އެގައުމުގެ ރަށްވެހިކަމަށް އެދުނު އިރު ހުށަހެޅި ލިޔުންތަކުގައި ސައްހަ ނޫން މައުލޫމާތު ދީފައިވެއެވެ. އަދި އެގައުމުގެ އިދާރާތަކުން ބުނި ގޮތުގައި އަސާންޖް ހުށަހެޅި ސިޓީން ހަމަނުޖެހޭ ކަންތައްތަކާއި އެކި ތަންތަނުގައި ސޮއި ތަފާތުވުން ފަދަ ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
އަސާންޖްގެ ވަކީލު ވިދާޅުވި ގޮތުގައި އޭނާގެ ރަށްވެހިކަން އަތުލަން ކޯޓުން ނިންމާފައި ވަނީ ޑިއު ޕްރޮސެސްއާ ހިލާފަށެވެ. އަދި އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެއެވެ.
އަސާންޖް މިހާރު ގެންދަނީ އިނގިރޭސިވިލާތުގެ ޖަލެއްގައި 50 ހަފްތާގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު އިނގިރޭސިވިލާތުން އަސާންޖް ހައްޔަރު ކުރީ އޭނާ އެގައުމުގެ އިކެއުޑޯގެ އެމްބަސީގައި ހުއްޓައެވެ. އޭނާ 2012 ވަނަ އަހަރު އެ އެމްބަސީން ހިމާޔަތް ހޯދީ ސްވިޑެންގެ ދެ އަންހެނަކު އޭނާގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުގެ ޝަރީއަތަށް އޭނާ އެގައުމާ ހަވާލު ކުރަން ޕްރޮސެކިއުޓަރުން އެދުމުންނެވެ. އަދި އަސާންޖް ސުވިޑެންއާ ހަވާލު ކުރަން އޭރު އިނގިރޭސި ފަނޑިޔާރަކު ނިންމެވި ފަހުންނެވެ.
އޭގެ ފަހުން އަސާންޖް އިކުއެޑޯ އެމްބަސީން ހިމާޔަތް ހޯދީ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ވަނިކޮށް، ކަފާލާތުގެ ޝަރުތުތަކާ ހިލާފުވުމަށް ފަހުގައެވެ. އަދި އޭނާ ހައްޔަރު ކުރަން އިނގިރޭސި ފުލުހުންނަށް ފުރުސަތު ލިބުނީ އިކުއެޑޯއިން އޭނާއަށް ދީފައިވާ ހިމާޔަތް އުވާލުމުންނެވެ. އަދި ކަފާލާތުގެ ޝަރުތުތަކާ ހިލާފުވި މައްސަލައިގައި މިދިޔަ އަހަރުގެ މެއި މަހު އޭނާ ޖަލަށް ލާން ހުކުމްކުރިއެވެ.
ދެހާސް ދިހަ ވަނަ އަހަރު ވިކިލީކްސްއިން އާއްމު ކުރި އެެމެރިކާގެ އަސްކަރީ އަދި ޑިޕްލޮމެޓިކް ސިއްރު ލިޔެކިޔުންތަކަކާ ގުޅިގެން އެގައުމުން ވަނީ އަސާންޖްގެ މައްޗަށް މިހާތަނަށް 18 ދައުވާއެއް ކޮށްފައެވެ. އެ ލިޔެކިޔުންތަކުގެ ތެރޭގައި އަފްޣާނިސްތާނުގެ ހަނގުރާމަ އާއި އިރާގު ހަނގުރާމައާ ބެހޭ ރިޕޯޓުތަކާއި ގުއަންޓަނާމޯ ބޭގައި ހައްޔަރުކޮށްފައިވާ މީހުންގެ އެސެސްމެންޓުތަކެއް ހިމެނެ އެވެ. އަދި އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކަކުން އެގައުމަށް ފޮނުވާފައިވާ ސިއްރު މެސެޖުތަކެއްވެސް ހިމެނެއެވެ.
އޭގެ ސަބަބުން އެމެރިކާއިން ވަނީ އަސާންޖް އެގައުމުގެ އަސްކަރީ ޑޭޓާބޭސްތައް ހެކް ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށްފައެވެ. އަދި ލީކުކޮށްލި މައުލޫމާތު ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވި ކަމަށް ބުނެފައެވެ.
ނަމަވެސް އަސާންޖްގެ ވަކީލުން ވިދާޅުވާ ގޮތުގައި އޭނާގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެކެވެ. އަދި ވިކިލީކްސްއިން ހާމަ ކުރީ މައުލޫމާތުން އެމެރިކާއިން ހަނގުރާމައިގެ ޖަރީމާތައް ހިންގާ، އިންސާނީ ހައްގުތަކަށް އަރައިގަތް ކަމުގެ ހެކި ފެނެއެވެ.