ވިކިލީކްސްގެ ބާނީ އެމެރިކާއަށް ފޮނުވައިލަން ނިންމި ނިންމުން އިސްތިއުނާފު ކުރަނީ

ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް. ފޮޓޯ/ޕީޕަލް

ވިކިލީކްސްގެ ބާނީ ޖޫލިއާން އަސާންޖް ސަރުކާރާއި ހަވާލު ކުރުމަށް ނިންމި މައްސަލަ އިސްތިއުނާފް ކުރެވޭނެ ކަމަށް އިނގިރޭސިވިލާތުގެ ހައިކޯޓުން ނިންމައިފިއެވެ.

އަސާންޖްގެ މައްޗަށް ކޮށްފައި ވަނީ މީގެ ގާތްގަޑަކަށް 15 އަހަރު ކުރިން އޭނާގެ ވެބްސައިޓުން އެމެރިކާގެ ސިއްރު ލިޔެކިޔުންތަކެއް ޝާއިއުކުރި ކަމުގެ ދައުވާއެވެ.

އެ މައްސަލައިގައި ޖާސޫސީ ކަމުގެ 17 ދައުވާއަކާއި ކޮމްޕިއުޓަރު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް ދައުވާ އުފުލައިފައިވެއެވެ.

އެމެރިކާ ސަރުކާރުން އަސާންޖް ބޭނުން ވަނީ 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާއި ދެމެދު އޭނާ ލީކް ކޮށްލި އެމެރިކާގެ އެތައް ސިއްރު ލިޔުންތަކާއި ގުޅިގެންނެވެ.

އެ ދުވަސްވަރު ވިކިލީކްސްއިން ވަނީ އެމެރިކާއިން އަފްޣާނިސްތާނާއި އިރާގުގައި ހިންގާފައިވާ ހަނގުރާމައިގެ އެތައް ޖަރީމާއަކާ ގުޅޭ ލިޔުންތައް ވެސް ލީކް ކޮށްލައިފައެވެ.

ތޭރަ އަހަރު ދުވަހުގެ ގާނޫނީ ހަނގުރާމަތަކަށް ފަހު އަސާންޖަށް ކުރި އެ ހުކުމް އިއްވިއިރު، އެތައް ސަތޭކަ ބަޔަކު ވަނީ ކޯޓު ކުރިމައްޗަށް އެއްވެފައެވެ.

އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 52 އަހަރުގެ އަސާންޖް އިނގިރޭސިވިލާތުން ހައްޔަރު ކުރީ ރޭޕްގެ މައްސަލައެއްގައެވެ. ނަމަވެސް ރޭޕްގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ނުއުފުލަން ވަނީ ނިންމާފައެވެ.

އޭނާ ޖަލުގައި ހުރީ ރޭޕްގެ މައްސަލައިގައި ހައްޔަރު ކުރުމަށްފަހު ދޫކޮށްލުމުން އިކްއެޑޯގެ އެމްބަސީއަށް ވަދެ ރޭޕްގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމުންނެވެ.

comment ކޮމެންޓް