ތަފާތު އެކި ޖާންރާތަކުގެ ފިލްމުތަކުން ފެނުމުގެ އިތުރުން ފިލްމުތައް އުފެއްދުމުގައި ވެސް މަގުބޫލުކަން ހޯދާފައިވާ އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާ ބިރުވެރި ފިލްމެއް ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.
ބިރުވެރި ފިލްމުތަކުގެ އެކި ރޯލުތަކުން ވެސް ފެނިގެން ގޮސްފައިވާ ޔޫއްޕެގެ ޝައި ޕްރޮޑަކްޝަނުން މިހާރު ނެރުމަށް ތައްޔާރުވަމުންދަނީ "ސާޔާ" ނަމަކަށް ކިޔާ ބިރުވެރި ފިލްމެކެވެ.
ޔޫއްޕެގެ ސްކްރީންޕްލޭއަކަށް އުފައްދާ މި ފިލްމުގެ ޑައިރެކްޝަންގެ މަސައްކަތް ވެސް ކުރާނީ އޭނާއެވެ. މި ފިލްމުގެ މުހިއްމު ރޯލަކުން ވެސް ޔޫއްޕެ ފެންނާނެއެވެ. މިހާރު ޕޯސްޓް ޕްރޮޑަކްޝަންގައި އޮތް ސާޔާގެ ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ އިސްމާއިލް ޝަފީއުއެވެ.
ލޯބީގެ ބިރުވެރި މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ އޯގަސްޓު މަހުގައެވެ. އެގޮތުން، ފިލްމު ޕްރިމިއާ ކުރާނީ އޯގަސްޓު މަހުގެ ހަތްވަނަ ދުވަހުއެވެ.
މި ފިލްމުގައި ޔޫއްޕެގެ އިތުރުން ދެން ފެނިގެންދާނީ އައިމިނަތު ރަޝްފާ (އާޝާ)އާއި އިބްރާހީމް ޖިހާދު (ޖިމީ) އާއި މުހައްމަދު މަނިކު އަދި އަހްމަދު ނިމާލެވެ.
ސާޔާއަކީ ޔޫއްޕެ އުފައްދާ ފުރަތަމަ ބިރުވެރި ފިލްމެއް ނޫނެވެ. މިދިޔަ އަހަރު މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާ އެކު ވަނީ "ކަޅަކި" ނަމުގައި ވެސް ބިރުވެރި ފިލްމެއް ރިލީޒްކޮށްފައެވެ. އޭގެ އިތުރުން "އެ ދަތުރު"އާއި "ދައުވަތު" ފަދަ ފިލްމުތަކަކީ ވެސް ޔޫއްޕެގެ ބިރުވެރި ފިލްމުތަކެވެ.
މި ފިލްމާ އެކު އޯގަސްޓު މަހު އޮލިމްޕަސް ވަރަށް ބިޒީ ވާނެއެވެ.
އޯގަސްޓު މަހު ކުރީކޮޅު ސާޔާ އަޅުވާއިރު އޯގަސްޓު މަހުގެ 27 ވަނަ ދުވަހު ހުސައިން މުނައްވަރުގެ "ކަމަނާ" ދައްކަން ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ކަމަނާ އަކީ ހަގީގީ އެކި ކަހަލަ ހާދިސާތަކަށް ބިނާކޮށް ތައްޔާރުކުރާ ޑްރާމާ ފިލްމެކެވެ.