ދީނަށް ފުރައްސާރަކުރާ މީހެއްގެ މައްސަލަ ބަލަން ފަށައިފި

ފުލުހުންގެ ލައިން ދަމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކްސްގައި އެކައުންޓެއް ހަދައިގެން އިސްލާމް ދީނަށް ފުރައްސާރަކުރާ މީހެއްގެ މައްސަލަ ފުލުހުން މިއަދު ބަލަން ފަށައިފިއެވެ.

"އައިޝަތު ނަޒްހާ" ނަމަކަށް ޖަހައިގެން އެކްސްގައި މީހަކު އަންނަނީ ދިވެހިބަހުން އިސްލާމް ދީނަށް ވަރަށް ބޮޑަށް ކުޑައިމީސް ކުރަމުންނެވެ. ބެލެވޭ ގޮތުގައި އެއީ ކާކުކަން ނޭނގޭ ގޮތަށް މީހަކު ހިންގާ އެކައުންޓެކެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ ޕޯސްޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ކަމަށް ވެސް ބުންޏެވެ.

އެ އެކައުންޓުން ވަނީ އިސްލާމް ދީނުގެ ކަންކަމަށް ފާޑުކިޔައި، ކުޑައިމީސްކޮށްފައެވެ. އެގޮތުން، ޙައްޖުގެ މަތިވެރި އަޅުކަމަށް ވެސް އެ އެކައުންޓުން ވަނީ ކުޑައިމީސްކޮށް ފުރައްސާރަކޮށްފައެވެ.

އެ އެކައުންޓް މިހާރު އެކްސްގައި ފެންނާކަށް ނެތެވެ.

comment ކޮމެންޓް