ކަނޑު މަޑުވާނެ ކަމަށް ލަފާކުރެވެނީ ބުދައިގެ ފަހުން

ކަނޑު ގަދަ ދުވަހެއް: މި ހަފުތާގެ ބޮޑުބައި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި -- ސަން ފޮޓޯ

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މި ހަފުތާގެ ބޮޑު ބައިގައި ބާރު ވަޔާ އެކު ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓު) އޮފީހުން މިއަދު ލަފާކޮށްފިއެވެ.

މާދަމާ ޢީދު ބަންދު ނިމި އޮފީސްތައް އަލުން ހުޅުވޭއިރު ގިނަ ބަޔަކު ވަނީ ޗުއްޓީއަށް ރާއްޖެތެރޭ ރަށްރަށަށް ދަތުރުކޮށްފައެވެ.

މެޓު އޮފީހުން ބުނީ، މިހާރު މި ކުރާ ވިއްސާރަ ހޯމަ ދުވަހުގެ ނިޔަލަށް ހުއްޓާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ނަމަވެސް، ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް އުތުރާއި މެދު ރާއްޖެތެރޭގައި ވައިގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި، ކަނޑުތައް ވެސް އާދައިގެ ވަރަަކަށް ގަދަވާނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.

އުތުރާއި މެދުރާއްޖެތެރެއަށް ކަނޑުތައް ގަދަވި ނަމަވެސް ދެކުނަށް އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެ ކަމަށް މެޓު އޮފީހުން ބުނެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މެދު ރާއްޖެ ތެރެއަށާއި އުތުރަށް ގުގުރުމާ އެކު ވިއްސާރަވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި، ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 12 މޭލާއި 22 މޭލާއި ދެމެދުގެ ބާރުމިނެއްގައ ވައި ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ވާރޭ ވެހޭ ވަގުތު ގަޑިއަކު 50 މޭލަށް ވެސް އެ ސަރަހައްދަށް ވައި ގަދަވެދާނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.

ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.

މެޓު އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަކަށް ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 15 މޭލުގެ ބާރު މިނަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ދެކުނުގެ އަތޮޅުތަކަށް ވެސް އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާއިރު ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައެވެ.

ޢީދު ބަންދުގެ ގޮތުގައި ހަފުތާ ބަންދާ އެކު ނުވަ ދުވަސް ލިބުމުން ގިނަ ބަޔަކު ވަނީ ރަށްރަށަށާއި ރާއްޖެއިން ބޭރަށް ވެސް ދަތުރުކޮށްފައެވެ. ޢީދު ބަންދަށް ފަހު މާދަމާ އޮފީސްތައް ރަސްމީކޮށް ހުޅުވޭނެއެވެ.

comment ކޮމެންޓް