ނޮޅިވަރަމުގައި ސައިކަލާ އެކު މޫދަށް ވެއްޓުނު މީހަކު މަރުވެއްޖެ

ހދ. ނޮޅިވަރަމް -- ފޮޓޯ/ ޓްރިޕް އެޑްވައިޒާ

ހދ. ނޮޅިވަރަމުގައި ބަނދަރުން ސައިކަލާ އެކު މޫދަށް ވެއްޓުނު މީހަކު މިއަދު މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ނޮޅިވަރަމު ބަނދަރުން ސައިކަލާ އެކު މޫދަށް މީހަކު ވެއްޓިގެން އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 21:15 އެހާކަންހާއިރު ކަމަށެވެ.

އެކަމަކު، ފަރުވާދެމުން އަންނަނިކޮށް ރޭގެ ވަގުތެއްގައި އެ މީހާ ވަނީ މަރުވެފައެވެ.

ފުލުހުން ބުނީ، އެ މީހާއަކީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެނގިފައިވާ ގޮތުގައި އެއީ އެ ރަށަށް ނިސްބަތްވާ އިލްޔާސް އިބްރާހިމް ކިޔާ ޒުވާނެކެވެ.

ނިޔާވި ކުއްޖާއާ ގުޅޭ ގޮތުން އެ ރަށުން 'ސަން'އަށް މައުލޫމާތު ދިން މީހަކު ބުނީ އޭނާއަކީ ބަލި މީހެއް ކަމަށެވެ. އަދި، އެކްސިޑެންޓުވާން މެދުވެރިވީ ސައިކަލުގައި ދަނިކޮށް 'ފިޓް' ޖެހިގެން ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު، އެ ހާދިސާއާ ގުޅޭ މާ ބޮޑު ތަފުސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން މިހާރު އަންނަނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

comment ކޮމެންޓް