މިސްރުގެ ހައްޖުވެރިންތަކެއް މަރުވި މައްސަލަ ބެލުމަށް ޚާއްސަ ޔުނިޓެއް

ހައްޖުވެރިން މިނާ ގައި. މިއަހަރުގެ ހައްޖު މޫސުމުގައި ހާ ހަކަށްވުރެ ގިނަ ހައްޖުވެރިން ވަނީ މަރުވެފައި. ފޮޓޯ/ރޮއިޓާސް

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި މިސްރުގެ ހައްޖުވެރިންތަކެއް މަރުވި މައްސަލަ ތަހުގީގު ކުރުމަށް އެގައުމުން ޚާއްސަ ޔުނިޓެއް އުފައްދައިފިއެވެ.

އެ ޔުނިޓު އެކުލަވާލީ، މިސްރުން ހައްޖަށް ދިޔަ މީހުންގެ ތެރެއިން 530 މީހަކު މަރުވެ، 31 މީހަކު ގެއްލިފައިވާ ކަމަށް ސިއްހީ އަދި ސަލާމަތާބެހޭ އިދާރާތަކުން ބުނި ފަހުންނެވެ.

މިސްރުން ކްރައިސިސް ޔުނިޓް ގާއިމުކުރީ ރައީސް އަބްދުލް ފައްތާހު އަލް ސީސީގެ އަމުރުފުޅަކަށެވެ. އެ ޔުނިޓް އުފެއްދިކަން އިއުލާންކޮށް މިސްރުގެ ކެބިނެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ގައުމުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ 50،752 ހައްޖުވެރިންގެ ގްރޫޕަކުން 28 މީހަކު މަރުވެފައިވާ ކަމަށެވެ.

މިސްރުގެ ރަސްމީ ހައްޖު ވަފުދާއެކު އުޅުނު މެޑިކަލް ޓީމުން ބުނީ މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ހައްޖުގެ އަޅުކަން އަދާކުރުމަށް ރަސްމީކޮށް ކަމާބެހޭ ފަރާތްތަކުގައި ރަޖިސްޓްރީކޮށްފައި ނުވާ މީހުން ކަމަށެވެ. އެހެންވެ، ހޫނު ގަދަވި ނަމަވެސް އެމީހުންނަށް ޓެންޓުތަކަށް ނުވަދެވޭނެ ކަމަށް އެ ޓީމުން ބުނެއެވެ.

ރަޖިސްޓްރީ ނުކުރާ ހައްޖުވެރިންނަށް ދަތުރުފަތުރު ކުރުމަށް މަގުފަހިކޮށްދިން ކުންފުނިތަކުގެ މައްސަލަ ތަހުގީގުކޮށް އަދަބު ދޭނެ ކަމަށް މިސްރު ކެބިނެޓުން ބުނެފައިވެއެވެ.

މިއަހަރުގެ ހައްޖު މޫސުމުގެ ދުވަސްވަރަކީ ސައުދީ އަރަބިއާއަށް އިންތިހާއަށް ހޫނުގަދަ ދުވަސްވަރެކެވެ.

ހައްޖުގެ އަޅުކަމަށް މި އަހަރު 1.8 މިލިއަން މީހުން މައްކާއަށް ޖަމާވިއެވެ. އޭގެ ތެރެއިން 1،000އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ.

މިފަހަރު މަރުވި މީހުންގެ އަދަދު މިހާ ގިނަވެފައި މި ވަނީ މިއީ މައްކާއަށް އާންމުކޮށް އެންމެ ހޫނު ގަދަވާ ވަރަށް ވުރެ ވެސް ހޫނު ގަދަ ދުވަސްވަރަކަށް ވުމުންނެވެ. ހައްޖުގެ އަޅުކަމުގެ ތެރޭގައި 51.8 ޑިގްރީ ސެލްސިއެސްއަށް ހޫނުމިން މަތިވިއެވެ.

މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގެ ތެރޭގައި 200 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ތެރޭގައި ގިނައީ އިންޑޮނީޝިއާ މީހުންނެވެ.

comment ކޮމެންޓް