ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތަސް ކުށްވެރިން ދޫވޭ، އަބަދު ޖަލުގައި ތިބެން ވެސް ނުޖެހޭ: ހަމީދު

މީގެ ކުރިން ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތަސް ކުށްވެރިން ދޫވުމަކީ ވާކަމެއް ކަމަށާއި، އެ ކަން އެހެން އޮތް ނަމަވެސް އަބަދު ކުށްވެރިން ޖަލުގައި ތިބެން ނުޖެހޭ ކަމަށް ވެސް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެއެވެ.

ކުށްވެރިން ދޫވީ ނިމުނު އެމްޑީޕީ ސަރުކާރުގެ ސަބަބުން ކަމަށް ދޭހަވާގޮތަށް މިހާރުގެ ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވާހަކަ ދައްކަވައިފައިވާ ކަމަށް ބުނެ އެމްޑީޕީއިން ބަޔާނެއް ނެރުމުން، އެކަމާ ގުޅޭ ގޮތުން ހަމީދު ވަނީ ޚިޔާލު ފާޅުކުރައްވައިފައެވެ.

ހަމީދު ވިދާޅުވީ، ކޮންމެ ސިޔާސީ ޕާޓީއެއް ވެރިކަމުގައި އޮތް ނަމަވެސް ކުށްވެރިން ދޫވުން އާންމުވެފައިވާ ކަމަށެވެ.

އަދި ކުށްވެރިން އަބަދު ޖަލުގައި ތިބެން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކުރުމަކީ ވެސް ކަމުނުދާ ވިސްނުމެއް ކަމަށް އޭނާ ވަނީ ފަހަގަކުރައްވައިފައެވެ. މާފު ދިނުމާއި ޕެރޯލް ވެސް ގާނޫނުގެ ބައެއްގެ ގޮތުގައި އޮންނަނީ އެހެންވެ ކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

އެކަމަކު އެއީ ވެސް ޒިންމާދާރުކަމާއިއެކު ތަންފީޒު ކުރަން ޖެހޭ އެއްޗެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް އޭނާ ވަނީ އެ މަގާމުގައި ހުރެ ޝިފާން ދެއްކެވި ވާހަކައަކީ ޒިންމާދާރުކަން ކުޑަ ވާހަކައެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.

އެގޮތުން އޭނާ ވިދާޅުވީ ފުލުހުންގެ ތަރުޖަމާނަކު އެފަދަ ވާހަކައެއް ވިދާޅުވުމަކީ ފުލުހުންގެ މުއައްސަސާއަށް އާންމުން ކުރާ އިތުބާރު ކުޑަވާނެ ކަމެއް ކަމަށް ބުނެފައެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ވެސް ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި އެހެން ބޭފުޅުން ވެސް އެފަދަ އަމަލުތައް ހިންގަމުން ދާތަން ފެންނަ ކަމަށެވެ.

ޝިފާން އެހެން ވިދާޅުވުމާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ކުށް ކުރުން އިތުރުވެފައިވަނީ މީގެ 10 މަސް ކުރިން ބަންދުން ދޫކޮށްލި ބައެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވެފައިވަނީ އެކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް ވެސް، ތަފާސްހިސާބެއް އަދި ދިރާސާއެއް ނުވަތަ ލިޔެކިޔުމެއް ވެސް ނެތި ސިޔާސީ ގޮތުން ކަމަށެވެ.

އަދި ޤައުމުގެ އަމަންއަމާންކަން ބެލެހެއްޓުމާއި ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ މަސްއޫލިއްޔަތު އެޅިފައި އޮތް ފުލުހުންގެ ކިބައިން އެފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި އެމްޑީޕީން ވަނީ ސިފަކޮށްފައެވެ.

comment ކޮމެންޓް