އޮޅުވެލިފުށީގައި ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، ރައްޔިތުންގެ ޝަކުވާތައް ގިނަވަނީ

އޮޅުވެލި ފުށީ އިންޖީނުގެ: މިދުވަސްވަރު އެރަށުން ކަރަންޓު ކެނޑޭ މައްސަލަ ވަނީ ބޮޑުވެފަ ---- ފޮޓޯ/ ފެނަކަ

މި ދުވަސްވަރު ޅ. އޮޅުވެލިފުށީގައި ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ ރައްޔިތުންގެ ޝަކުވާތައް ގިނަވެފައިވާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

އެރަށު ކަރަންޓުގެ މައްސަލައާ ގުޅުން ހުރި މައުލޫމާތު 'ސަން'އާ ހިއްސާކުރައްވަމުން އޮޅުވެލިފުށީ ކައުންސިލްގެ ރައީސް މުޙައްމަދު އާޒިމް ވިދާޅުވީ އެ ރަށުގައި އޮތީ ވަރަށް ކުރިން އެޅި ކޭބަލް ވިއުގައެއް ކަމަށެވެ.

އެ ކޭބަލް އަޕްގްރޭޑް މަސައްކަތް ފެށި ނަމަވެސް މިހާރު އެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި ގޭބީސީތަކަށް އެކަށީގެންވާ ވަރަށް ކަރަންޓު ނުދެވި މި ދުވަސްވަރު ކަރަންޓު ކެނޑެމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ކުރީ ސަރުކާރުން ފަށާފައި އޮތް މަސައްކަތެއް ނެޓްވޯކް މަސައްކަތް އެއީ. ބައެއް ހިސާބުތަކުގައި ނަރުއަޅާފައި އެހެންނަމަވެސް މުޅި ޕްރޮޖެކްޓު ނުނިމޭ. ޑިސްޓްރިބިއުޝަން ބޮކްސް ތަކެއް ގުޅާލާފައި މުޅި ޕްރޮޖެކްޓު ނުނިމި އޭރު ހުއްޓުނު ގޮތަށް މި އޮތީ އަދިވެސް ހަމަ،" އޭނާ ވިދާޅުވިއެވެ.

އެ މައްސަލައަށް އެދޭވެ ހައްލެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަނާ ބައްދަލުކުރި ނަމަވެސް އަދި އެއްވެސް އެދޭވޭ ހައްލެއް ނުލިބޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އޮޅުވެލިފުށި: މިދުވަސްވަރު އެރަށުން ކަރަންޓު ކެނޑޭ މައްސަލަ ވަނީ ބޮޑުވެފަ ---- ފޮޓޯ/ ލަސްޓް އިން ޅަވިޔަނި، އިންސްޓަގްރާމް

"ރަނގަޅަށް ކަރަންޓު ނުލިބޭ މައްސަލަ އެބައުޅޭ ވަރަށް ކުރިންސުރެ. އެކަމު މިހާރު ކަރަންޓު ކެނޑެނީ. ވާގޮތަކީ ދުރު ސަރަހައްދުތަކަށް ވަރަށް ދަށްކޮށް ކަރަންޓު ލިބެނީ،" އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، އާބާދީގައި 800އެއްހާ މީހުން ދިރިއުޅޭ އޮޅުވެލިފުށީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފެނަކައިން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި ދުވަސްވަރު އެރަށުން ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން، ގޭތެރޭގައި ބޭނުން ކުރާ އަގުބޮޑެތި ސާމާނުތައް ހަލާވުމާއި ރަނގަޅަށް ކަރަންޓު ނުލިބުން ހިމެނެވެ.

އޮޅުވެލިފުށީ ރައްޔިތުން ތިބީ މި މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަތައް ދޭތެރެއަކުން ދިމާވެއެވެ. މިފަދަ މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ބޮޑުވެއެވެ.

comment ކޮމެންޓް