އަލްބޭނިއާގެ ގޯލާއެކު ކްރޮއޭޝިއާއަށް ހާސްކަން

ފަހު ވަގުތު ޖެހި ގޯލާއެކު އަލްބޭނިއާ ކުޅުންތެރިން އުފާފާޅު ކުރަނީ --

ޔޫރޯ 2024ގެ ގްރޫޕް ބީގައި މިރޭ ކްރޮއޭޝިއާ މޮޅުވާން ދަނިކޮށް މެޗުގެ އެންމެ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު އަލްބޭނިއާ އިން މެޗު އެއްވަރުކޮށްފިއެވެ.

އަލްބޭނިއާއިން ކްރޮއޭޝިއާއާ އެއްވަރުކުރީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗަށް ނުކުތުމުގެ ކުރިން ކްރޮއޭޝިއާއިން މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުގައި ސްޕެއިން އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ގްރޫޕް ސްޓޭޖު ފަހަނައަޅާ ދިއުމަށް ކްރޮއޭޝިއާއަށް ވަނީ އިތުރު އުނދަގޫތަކެއް ކުރިމަތިވެފައެވެ.

އަލްބޭނިއާ ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މެޗު ވަރުގަދަކޮށް ފެށީ އަލްބޭނިއާއިންނެވެ. ނަތީޖާއެެއްގެ ގޮތުން މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގިއެވެ. ޔާސިރް އަސާނީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އަލްބޭނިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ގާޒިމް ލަޗީއެވެ.

މި ގޯލާއެކު ކްރޮއޭޝިއާއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. އަދި ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ.

ދެވަނަ ހާފަށް ކްރޮއޭޝިއާ އިން ނުކުތީ ދެ ބަދަލަކާއެކުގައެވެ. މާސެލޯ ބްރޮޒޮވިޗް އާއި ލޮވްރޯ މަޔާގެ ބަދަލުގައި ކުޅެން ނުކުތީ މާރިއޯ ޕަސަލިޗް އަދި ލޫކާ ސުސިޗެވެ. އެ ބަދަލާއެކު އެ ޓީމުން އެޓޭކް ރަނގަޅުކުރިއެވެ.

މި ބަދަލުތަކާއެކު ކުޅެމުންދިޔަ ކްރޮއޭޝިއާއިން މެޗުގެ 74 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރިއެވެ. އަންޓޭ ބުޑިމިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް ގޯލު ކާމިޔާބުކޮށްދިނީ އަންދްރޭ ކްރަމަރިޗެވެ.

މި ލަނޑު ޖެހިތާ ދެ މިނެޓުފަހުން ކްރޮއޭޝިއާއިން މެޗުގެ ލީޑު ނެގިއެވެ. އެ ޓީމުން ލީޑު ނެގީ ޕެނަލްޓީ އޭރިއާ ތެރެއިން ސުސިޗް ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އަލްބޭނިއާގެ ކްލައުސް ޔަސޫލާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރެެއިން ފަހު މިނެޓުގައި އަލްބޭނިއާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޔަސޫލާއެވެ.

މި ނަތީޖާއާއެކު ކްރޮއޭޝިއާއަށް ގަދަ 16 އަށް ދާން, ދެން އޮތީ އުނދަގޫ މަގެކެވެ. ގްރޫޕްގައި ކްރޮއޭޝިއާއަށް ދެން ކުޅެން އޮތީ އިޓަލީއާ ދެކޮޅަށެވެ. އަލްބޭނިއާ ދެން ނުކުންނާނީ ސްޕެއިނާ ދެކޮޅަށެވެ

comment ކޮމެންޓް