ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް މީހަކު މަރުވި މައްސަލަ ތަހުގީގުކުރަނީ

ތިލަމާލެ ބްރިޖުގެ މަސައްކަތްތައް: އެ ބުރިޖު ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހަކު މަރުވި މައްސަލައިގެ ތަހުގީގެއް ވަނީ ފަށައިފައި -- ފޮޓޯ/ އެފްކޮންސް

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދިޔަ މީހަކު މަރުވި މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ތިލަމާލެ ބްރިޖު ސައިޓްގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ މީހަކު މަރުވެފައިވާ ކަމަށާއި އެ ހާދިސާ ކޮންޓްރެކްޓަރާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"މިފުރުސަތުގައި ތިލަމާލެ ބްރިޖު ސައިޓުގައި ނިޔާވި ފަރާތުގެ އާއިލާއަށް މިނިސްޓްރީގެ ފަރާތުން ތައުޒިޔާ ރައްދުކުރަމެވެ،" އެ ޕޯސްޓުގައިވެއެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އެންމެ ފުރަތަމަ ހިއްސާކުރި މައުލޫމާތުގައި ވަނީ، މަރުވެފައިވަނީ ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދިޔަ މީހެއް ކަމަށެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އެ މީހާ މަސައްކަތް ކުރަމުންދިޔައީ ތިލަމާލެ ބުރިޖުގައި ކަމަށް ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ، ހޯމަ ދުވަހުގެ ރޭ އަނބުރައިގަނެގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެ މީހާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެއީ އިންޑިއާ މީހެއް ކަމަށް ފުލުހުން ބުނި ނަމަވެސް، އޭނާއާއި އެ މީހާ މަރުވި ގޮތާ ގުޅޭ އިތުރު ތަފުސީލެއް ހާމަނުކުރެއެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން، އެގައުމުގެ އެފްކޮންސްއިންނެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫއު އެއްކޮށް ނިންމައިލެވޭނެ ކަމަށް ބޮޑަށް ގަބޫލުކުރެއްވެނީ 2026 ވަނަ އަހަރެވެ.

comment ކޮމެންޓް