ހުޅުމާލޭ ފޭސް ތިނެއްގެ ބިން ހިއްކާ ތަނުން އުޅަނދުތައް ނަގަން އަނެއްކާ ވެސް އަންގައިފި

ހުޅުމާލޭ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަޝްރޫއަށް ދަތިވާތީ އުޅަނދުތައް ނެގުމަށް އަންގައިފި--ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ މަޝްރޫއު އަލުން ފެށުމަށް ތައްޔާރުވާތީ އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާ ވެސް އަންގައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީއާއި ބިން ހިއްކުމުގެ ތެރޭގައި އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ކަނޑުގެ އުޅަނދުތައް ނެގުމަށެވެ.

ވަކިން ޚާއްސަކޮށް ރަތްކުލައިން ފާހަގަވާނޭގޮތަށް އަޅާފައިވާ ސިލްޓް ސްކްރީންގެ އުތުރުގައިވާ ކަނޑުގެ އުޅަނދުތައް މި މަހުގެ 23ވަނަ ދުވަހުގެ 00:00ގެ ކުރިން ނެގުމަށް ވަނީ އަންގައިފައެވެ.

މީގެެ އިތުރުން އެ މުއްދަތުގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އަޅާފައި ބޭއްވުމަކީ މަނާ ކަމެއް ކަމަށް އެ ކުންފުނިން ވަނީ އަންގައިފައެެވެ.

ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާތީވެ، ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަން އީޕީއޭ އިން އެންގި އެންގުމާއެކު ބިން ހިއްކުން ހުއްޓަން ވެސް އެނގިއެވެ. ނަމަވެސް އެ އެންގުން ވަނީ މިހާރު އުވާލާފައެވެ.

އެއާއެކު ހުއްޓައިލައިފައިވާ ބިން ހިއްކުމުގެ މި މަޝްރޫއުގެ މަސައްކަތް އަލުން މި ވަނީ ފަށަން ތައްޔާރުވެފައެވެ.

comment ކޮމެންޓް