ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަކުރަން އަމްފާއާއި 'ދަ ރީޑިން ރޫމް' ގުޅިގެން ގުރައިދޫ ސްކޫލުގައި ޚާއްސަ ހަރަކާތްތަކެއް

ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަކުރަން އަމްފާއާއި 'ދަ ރީޑިންގ ރޫމް' ގުޅިގެން ކ. ގުރައިދޫ ސްކޫލުގައި ބޭއްވި ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން.... ފޮޓޯ/ އަމްފާ

އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އާއި "ދަ ރީޑިން ރޫމް" ގުޅިގެން، ބައިނަލްއަގްވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހާއި ބައިނަލްއަގްވާމީ ގާލް ޗައިލްޑް ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ގުރައިދޫ ސްކޫލުގައި ޚާއްސަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ގުރައިދޫ ސްކޫލުގެ މެންދުރުކުރީ ދަންފަޅީގައި ކުރިއަށް ގެންދިޔަ މި ޙަރަކާތްތަކަށް އެ ސްކޫލުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

ގްރޭޑް އެކަކުން 10 އަށް ޖުމްލަ 248 ދަރިވަރުން ތަޢުލީމު ޙާސިލުކުރަމުންދާ އެ ސްކޫލުގައި ބޭއްވި މި ޕްރޮގްރާމުގައި ގްރޭޑް ތިނަކާއި ގްރޭޑް ނުވައަކާ ދެމެދުގެ ހުރިހާ ދަރިވަރުން ބައިވެރިވެފައިވާކަމަށް އަމްފާއިން މައުލޫމާތުދެއެވެ.

ބައިނަލްއަގްވާމީ ގާލް ޗައިލްޑް ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަރަކާތް ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަނުގެ ސެކަންޑް ސެކްރެޓަރީ ސާޝާ މެކްގިލަންއެވެ. ސާޝާގެ ވާހަކައިގައި، އިންޓަނޭޝަނަލް ގާލް ޗައިލްޑް ދުވަސް ފާހަގަކުރުމަށް އދ. އިން ނިންމި ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އަންހެން ކުދިންގެ ޙައްގުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ދެއްވިއެވެ.

މީގެއިތުރުން، އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޑީއެފްއޭޓީގައި އަދާކުރައްވަމުން ގެންދަވާ ޑިޕްލޮމެޓިކް ދާއިރާގެ މަސައްކަތްތަކާއި ތަޖުރިބާތައް ދަރިވަރުންނާ ހިއްސާކުރެއްވިއެވެ.

މީގެއިތުރުން، ބައިނަލްއަގްވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހާ ގުޅުވައިގެން، ފޮތް ކިޔުމުގެ ޝައުގުވެރިކަން އަށަގެންނެވުމުގެ މަގްސަދުގައި "ދަ ރީޑިން ރޫމް" ގެ ފަރާތުން ވަނީ ވާހަކަ ކިޔުމުގެ ޚާއްސަ ސެޝަންތަކެއް ނަގައިދީފައެވެ. މި ސެޝަންތައް ޚާއްޞަކޮށް އަމާޒުކުރެވުނީ ގްރޭޑް ތިނަކުން ފެށިގެން ގްރޭޑް ހަތެއްގެ ދަރިވަރުންނަށެވެ.

އަމްފާއިން މައުލޫމާތު ދިންގޮތުގައި، ގުރައިދޫ ސްކޫލުގައި ހިންގުނު މި ޙަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ މަޢުލޫމާތު މުއްސަނދިވެ، މުހިންމު ކަންކަމަށް ދަރިވަރުންގެ ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުރުވިއެވެ. އަދި މިއީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނު ޙަރަކާތްތަކެއްކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

comment ކޮމެންޓް