ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުންދިޔަ މީހަކު މަރުވެއްޖެ

ތިލަމާލެ ބުރިކުގެ މަސައްކަތުގެ ތެރެއިން: އެ ބުރިޖުގެ މަސައްކަތް ކުރަމުން ދިޔަ މީހަކު ވަނީ މަރުވެފައި -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދިޔަ މީހަކު ރޭ މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ބުރިޖުގެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހަކު އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އެ މީހާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެއީ އިންޑިއާ މީހެއް ކަމަށް ފުލުހުން ބުނި ނަމަވެސް، އޭނާއާއި އެ މީހާ މަރުވި ގޮތާ ގުޅޭ އިތުރު ތަފުސީލެއް ހާމަނުކުރެއެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން، އެގައުމުގެ އެފްކޮންސްއިންނެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫއު އެއްކޮށް ނިންމައިލެވޭނެ ކަމަށް ބޮޑަށް ގަބޫލުކުރެއްވެނީ 2026 ވަނަ އަހަރެވެ.

ނޯޓް: މަރުވެފައިވަނީ ސިނަލާމެ ބުރިޖުގެ މަސައްކަތް ކުރަމުން ދިޔަ މީހެއް ކަމަށް މި ޚަބަރުގައި މީގެ ކުރިން ރިޕޯޓުކުރެވިފައިވަނީ، ފުލުހުން ހިއްސާކުރި މައުލޫމާތުގައި ހިމެނިފައިވާ ކުށަކުންނެވެ. އެ ކުށް މިހާރު ވަނީ އިސްލާހުކޮށްފައެވެ.

comment ކޮމެންޓް