ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ކަރީނާ ކަޕޫރު ޚާން އާއި އަޔުޝްމާން ކުރާނާ ފުރަތަމަ ފަހަރަށް އެކީގައި ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބޮލީވުޑްގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ރިޕޯޓުތައް ބުނާގޮތުން ކަރީނާ އާއި އަޔުޝްމާން ސޮއިކޮށްފައި ވަނީ މަގުބޫލު ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ ފިލްމަކަށެވެ. ހަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ނަމަކީ "ދާއިރާ"އެވެ.
މިއީ 2019ވަނަ އަހަރު އިންޑިއާގެ ހައިދަރުއާބާދުގައި މީހަކު ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފުލުހުން އެމީހުން މަރާލިކަމުގެ ތުހުމަތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މި ފިލްމުގެ ސްކްރިޕްޓް ކިޔުމަށްފަހު އަޔުޝްމާން އާއި ކަރީނާއަށް ވަރަށް ބޮޑު ސިހުމެއް ލިބުނު ކަމަށާއި ދެ ތަރިން ވެސް ފިލްމުގެ ސްކްރިޕްޓަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ދެއްކި ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމާ ގުޅުންހުރި ގިނަ ނިންމުންތަކެއް ކުރިޔަށްއޮތް ދެ ހަފުތާތެރޭ ނިންމުމަށް މެގްނާގެ ޓީމުން މަސައްކަތް ކުރަމުން އަންނައިރު މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭނީ 2025ވަނަ އަހަރުއެވެ.
ފިލްމު "ތަލްވާރު"، "ރާޒީ" ފަދަ ފިލްމުތައް ސިނަމާއަށް ގެނެސްދީފައިވާ ޑައިރެކްޓަރު މެގްނާ އަކީ މަޝްހޫރު ޅެންވެރިޔާ ގުލްޒާރު އަދި ކުރީގެ ބަތަލާ ރާކީގެ ހުރި ހަމައެކަނި ދަރިފުޅެވެ. ވަރަށް ސީރިއަސް މައްސަލަތަކުގެ މައްޗަށް ބިނާކޮށް ފިލްމު އުފައްދަން ޝައުގު ހުންނަ މެގްނާ އެންމެ ފަހުން އުފެއްދި ފިލްމަކީ އެކްޓަރު ވިކީ ކޯޝަލް ލީޑް ރޯލް ކުޅުނު ފިލްމު "ސޭމް ބަހާދޫރް"އެވެ.