އިސްލާމީ އަޚުލާގާއި ސަގާފަތާ ޚިލާފުނުވެ، ޢީދުގެ އުފާފާޅުކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސް ކުރައްވައިފިއެވެ.
މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޢީދަކީ ﷲ ދަރުމަ ކުރައްވާފައިވާ ނިޢުމަތެއް ކަމަށެވެ. އެ ގޮތުން ޢީދުގެ އުފާވެރިކަން އޮންނަންވާނީ ﷲގެ ރުހިވޮޑިގަތުމުގެ ތެރޭގައި ކަމަށް އެ ޕޯސްޓުގައިވެއެވެ. އަދި އިސްލާމީ އަޚުލާގާއި ސަގާފަތާ ތަޢާރުޒުނުވާ ގޮތަށް ޢީދުގެ އުފާވެރިކަން ފާޅު ކުރުމަށް، މިނިސްޓަރުވަނީ އިލްތިމާސް ކުރައްވައިފައެވެ.
ބޮޑު ޢީދަކީ ރާއްޖޭގެ ރަށްރަށުގައި، ސަގާފީ އެތައް ކުޅިވަރުތަކަކާ އެކު ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ޗުއްޓީއެކެވެ. ބައެއް ރަށްރަށުގައި ޢީދު ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން އިޖުތިމާޢީ މިންގަނޑުން ބޭރުން ބައެއް ކަންކަން މީގެ ކުރިން ވަނީ ފެނިފައެވެ.
ޢީދުގެ މުނާސަބަތުގައި އުފާފާޅުކުރުންތައް އިސްލާމްދީނާއި ދިވެހީން އިޖުތިމާޢީ މިންގަޑުތަކާ އެއްގޮތަށް ބޭއްވުމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން އޮތީ މި ފަހަރު ރަަށު ކައުންސިލްތަކަށް ވެސް އަންގައިފައެވެ.
ޢީދާ ދިމާކޮށް، މި މަހުގެ 14ވަނަ ދުވަހު ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ސޮއިކުރައްވައި ކައުންސިލްތަކަށް ފޮނުއްވެވި ސާކިއުލާއެއްގައި ވަނީ އީދު ކުޅިވަރުތައް ކުރިއަށް ގެންދިޔުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް ފާހަގަ ކުރައްވާފައެވެ.
އީދު ކުޅިވަރުތައް ކުރިއަށް ގެންދިޔުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް
- އީދުގެ ހަރަކާތްތައް އިސްލާމްދީނާއި ޚިލާފުނުވާހެން ހިންގުން
- އީދުގެ ހަރަކާތްތައް ރާވާ ހިންގުމުގައި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ރިއާޔަތްކުރުން
- އިސްލާމް ފިޔަވާ އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި އީދު ހަރަކާތްތަކުގައި ނުގެންގުޅުން
- ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުން
ޢީދު ކުޅިވަރުތައް އާންމު ގޮތެއްގައި ބާއްވަނީ ރަށްރަށުގައެވެ. އެހެން ނަމަވެސް މި ފަހަރުގެ ޢީދުގައި މާލެ ސަރަހައްދުގައި ވެސް ގިނަ ހަރަކާތްތަކެއް އެބަ އޮތެވެ.
ޢީދު ބަންދަށް ހަފުތާއެއް ލިބޭއިރު، ސަރުކާރު ހުޅުވޭނީ އަންނަ އާދިއްތަ ދުވަހުގައެވެ.