ނިއު ޒީލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފާ ލަކްސަން ޖަޕާނަށް ދަތުރުކުރަމުން ދިޔަ ނިއުޒީލެންޑްގެ ޑިފެންސް ފޯސްގެ މަތިންދާބޯޓު ހަލާކުވެއްޖެއެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމަށް ރިޕޯޓުކޮށްފައެއްނުވެއެވެ. ހާދިސާ ހިނގުމުން ބޮޑުވަޒީރު ވަނީ އެހެން ބޯޓެއްގައި ދަތުރުކޮށްފައި ކަމަށް ނިއު ޒީލެންޑުގެ ރައީސް އޮފީހުން ބުނެއެވެ.
ނިއު ޒީލެންޑްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯޓު ހަލާކުވީ ޕަޕުއާ ނިއު ގިނީގައި ތެޔޮ އަޅަން ޖެއްސި ފަހުންނެވެ. "ބޮއިންގް 757" މަރުކާގެ އެ ބޯޓު ހަލާކުވުމުން ސަރުކާރުގެ ބައެއް އޮފިޝަލުންނާއި ނޫސްވެރިން ވަނީ ޕަޕުއާ ނިއު ގިނީގައި މަޑުކުރަން ޖެހިފައެވެ. ނަމަވެސް، ބޮޑުވަޒީރު ވަނީ އެހެން ފްލައިޓެއްގައި ޖަޕާނަށް ދަތުރުކުރައްވައިފައެވެ.
ނިއު ޒީލެންޑް ޑިފެންސް ފޯސްގެ "ބޮއިންގް 757" ބޯޓަކީ 30 އަހަރަށް ވުރެ ގިނަ ދުވަސްވީ ބޯޓެކެވެ.
ބޯޓު ހަލާކުވި މައްސަލަ ބަލަމުން އަންނަ ކަމަށް ނިއު ޒީލެންޑްގެ އަސްކަރިއްޔާއާ ބެހޭ ވަޒީރު، ޖުޑިތު ކޮލިންސް ވިދާޅުވިއެވެ.
މީހުން މަދުވުމުގެ ސަބަބުން ވެސް ނިއު ޒީލެންޑްގެ އަސްކަރިއްޔާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ދިފާއީ ދާއިރާއަށް ހޭދަކުރާ މިންވަރު އިތުރުކުރަން ބޭނުންވި ނަމަވެސް، އިގުތިސާދީ ގޮންޖެހުންތައް ކުރިމަތިވެފައިވާ އެ ގައުމުން އަންނަނީ ޚަރަދު ކުޑަކުރަން މަސައްކަތް ކުރަމުން ކަމަށް ސަރުކާރުން ބުނެއެވެ.
ބޮޑުވަޒީރު ލަކްސަން ޖަޕާނަށް ކުރައްވާ ދަތުރުފުޅުގައި ހަތަރު ދުވަސް ހޭދަކުރައްވަން ހަމަޖެހިފައިވާއިރު، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާއާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އުމުރުފުޅުން 53 އަހަރުގެ ލަކްސަން ނިއު ޒީލެންޑުގެ ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރު ނޮވެމްބަރު 27 ވަނަ ދުވަހުއެވެ.