'އެޑް އަ މަމާ'ގެ ނަމުގައި އަމިއްލަ ބްރޭންޑެއް ތައާރަފުކޮށްފައިވާ ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކުޑަކުދިންނަށް ޚާއްސަކޮށްގެން ލިޔުނު ފުރަތަމަ ވާހަކަ ފޮތް ބާޒާރަށް ނެރެފިއެވެ.
އާލިއާގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 'އެޑް ފައިންޑްސް އަ ހޯމް'ގެ ނަމުގައި ނެރުނު ވާހަކަ ފޮތަކީ އަމިއްލަ ބްރޭންޑް 'އެޑް އަ މަމާ' ޔުނިވާސްގެ ދަށުން ގެނެސްދޭން ނިންމާފައިވާ ވާހަކަ ސީރީޒްގެ ފެށުން ކަމަށެވެ.
ކުޑައިރުގެ ހަނދާންތައް ގުޅިފައިވަނީ ތަފާތު އެކި ކަހަލަ ކުޑަކުދިންގެ ވާހަކައިގެ ދުނިޔެއަކާ ކަމަށާއި އެ ވާހަކަތަކުގެ އަލީގައި ކުޑަކުދިންނަށް ހާއްސަކޮށް ވާހަކަ ފޮތްތައް ނެރުމަކީ އަބަދު ވެސް ދުށް ހުވަފެނެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ފިލްމު "ޑިއާ ޒިންދަގީ"ގެ ބަތަލާ ވަނީ އާލިއާގެ މި ހުވަފެން ހަގީގަތަކަށް ހަދައިދިނުމުގައި އެހީތެރިވި އެންމެހާ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މި ފޮތް އޮންލައިންކޮށް އެމޭޒަންއިން ގަންނަން ލިބެންހުރިއިރު ވަރަށް ގިނަ ވާހަކަ ފޮތް ވިއްކާ ބުކްޝޮޕްތަކުން ވެސް ލިބެން ހުންނާނެކަމަށް އާލިއާގެ ޓީމުން ވަނީ ބުނެފައެވެ. ޢުމުރުން އެންމެ 19 އަހަރުގައި ފިލްމީ ދާއިރާއަށް ތައާރަފުވި އާލިއާ އަމިއްލަ ބްރޭންޑެއް ތައާރަފްކޮށްފައި ވަނީ އުމުރުން 27 އަހަރުގައެވެ.
އަމިއްލަ ބްރޭންޑަކާ އެކު އާލިއާ ވަނީ ފިލްމު ޕްރޮޑިއުސް ކުރުމުގެ ދާއިރާއަށް ވެސް ވަދެފައެވެ. ހަމައެއާއެކު ބަތަލާ ވަނީ އެޓާނަލް ސަންޝައިންގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ވެސް ތައާރަފުކޮށްފައެވެ. މި އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރަން ތާވަލު ކުރެވިފައިވާ އާލިއާގެ ފިލްމު "ޖިގްރާ"އަކީ ބަތަލާގެ އަމިއްލަ ކުންފުންޏާއި މަޝްހޫރު ދަރުމާ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.