އިންޑިއާގެ ޑައިރެކްޓަރު ރޯހިތު ޝެޓީ 2018 ވަނަ އަހަރު ގެނެސްދިން ފިލްމު "ސިމްބާ"އަށްފަހު އެ ފިލްމުގެ ލީޑް ތަރިން ކަމަށްވާ ސާރާ ޢަލީ ޚާންއާއި ރަންވީރު ސިންގްގެ އިތުރު ފިލްމެއް މި އަހަރު ރިލީޒްކުރާނެ ކަމަށް ރޯހިތު ބުނެފިއެވެ.
ރޯހިތު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޓީޒާއިން ސާރާ އާއި ރަންވީރު އެކީގައި ފެންނައިރު މިއީ ފިލްމު "ސިމްބާ"އަށްފަހު ދެ ތަރިންގެ ރީޔުނިއަންއެއްތޯ ބެލުންތެރިންގެ ގިނަބަޔަކު ވަނީ އަހާފައެވެ. މި ޓީޒާއާ އެކު ކެޕްޝަންގައި ރޯހިތު ލިޔެފައި ވަނީ މިއީ ޑްރާމާ، އެކްޝަން އަދި ރޮމޭންސް އެކުވެގެން ގެނެސްދޭ ވަރަށް ވަރުގަދަ ބްލޮކްބާސްޓަ ފިލްމެއް ކަމަށެވެ.
ކުޅަދާނަ ޑައިރެކްޓަރު "ސިމްބާ"ގެ ހަނދާންތައް އާކޮށްދީފި ކަމަށް ބުނެ ބެލުންތެރިއަކު ވަނީ ސާރާ އާއި ރަންވީރުގެ ޖޯޑު އަލުން އަނބުރާ ސްކްރީނަށް ގެނެސްދޭތީ ޝުކުރު އަދާކުރާ ކަމަށް ބުނެފައެވެ. ޖުމްލަ 80 ކްރޯޑުގެ ބަޖެޓަކުން އުފެއްދި ފިލްމު "ސިމްބާ" އަކީ 2018 ވަނަ އަހަރު ސާރާ ފިލްމީ ދާއިރާއަށް ތައާރަފުވުމަށްފަހު ކުޅުނު ދެވަނަ ފިލްމެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173941739319PV5t.jpeg)
ފިލްމު "ސިމްބާ"ގެ މަންޒަރެއްގައި ސާރާ އާއި ރަންވީރު--ފޮޓޯ/ބޮލީވުޑްހަންގާމާ
ރޯހިތު ޝެޓީގެ އަމިއްލަ ފިލްމު ކުންފުނި ރޯހިތު ޝެޓީ ޕިކްޗަޒް އާއި ދަރުމާ ޕްރޮޑަކްޝަންސް އަދި ރިލަޔަންސް ކުންފުނި ގުޅިގެން ގެނެސްދިން މި ފިލްމަށް 400 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
މިދިޔަ ޖަނަވަރީ މަހުގެ 24 ގައި ސިނަމާތަކުގައި އެޅުވި ފިލްމު "ސްކައި ފޯސް"އަށްފަހު ސާރާ ދެން އެންމެ އަވަހަށް ފެންނާނީ ފިލްމު "މެޓްރޯ އިން ދިނޯ"އިންނެވެ. ޕޯސްޓު-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.